ކޮރޭ ބެނެޓަކީ އެމެރިކާގެ އިންޑިއާނާގައި ދިރިއުޅޭ މީހެކެވެ. އޭނާއަށް ވަނީ ދުނިޔެއިން ވަރަށް މަދުން ފެންނަ ބައްޔެއް ކަމަށްވާ ކްލިއައިޑޯކްރީނިއަލް ޑިސްޕްލޭސިއާ ޖެހިފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ އުފަންވީއިއިރު ވެސް މެޔާ ދިމާލުން ކޮނޑުގެ ދެ ފަރާތުގައި އިންނަ މޭ ކަށިގަނޑެއް ނެތެވެ. މި ބަލިޖެހުމުން އެކަށީގެންވާ ވަރަށް ދިގު ނުވުމާއި އިތުރު ދަތް ފެޅުން ނުވަތަ އެއްގޮތަކަށް ވެސް ދަތް ނުފެޅުން ކަހަލަ ކަންތައް ވެސް މީހުންނަށް ދިމާވެ އެވެ.
ކޮރޭއަށް މި ބަލީގެ ސަބަބުން އެންމެ އުނދަގޫވީ ސްކޫލަށް ދިޔަ ދުވަސްވަރު އެވެ. އޭނާގެ ސިފަޔަށް ބުލީ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވި އެވެ. ނަމަވެސް ކުދިން ކުރާ މަލާމާތަކުން ކޮރޭގެ ހިތްވަރާއި އަޒުމަށް ބަދަލެއް ނާދެ އެވެ. އަދި އޭގެ ނޭދެވޭ އަސަރު ވެސް ކޮރޭ އަކަށް ނުކުރި އެވެ.
މިހާރު ކޮރޭ ވަނީ ޓިކްޓޮކްގައި އޭނާގެ އަމިއްލަ ޗެނަލެއް ހިންގަން ފަށާފަ އެވެ. މިއީ އެކުވެރިންގެ ހިތްވަރު ދިނުމާއެކު އޭނާ ފެށި މަސައްކަތެކެވެ. ކޮރޭގެ ކޮނޑުކަށިގަނޑު ނެތުމުން ދެ ކޮނޑުން ކްލެޕްކުރަން އޭނާއަށް އެއްވެސް ކަމަކަށް ނުވެ އެވެ. އެހެންވެ މިހާރު އޭނާ ކުރާ ކަމަކީ މިގޮތަށް ދެ ކޮނޑުން ކްލެޕް ކުރާ މަންޒަރުތައް ވީޑީއޯ ކޮށްފައި ޓިކްޓޮކް އަށް ލަނީ އެވެ. މިއީ މި ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް އޭނާ ކުރާ މަސައްކަތެކެވެ.
މި ޕްލެޓްފޯމްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ކޮރޭގެ ބައްޔާ ގުޅޭ ތަފާތު މައުލޫމާތުތަކާއި މި ބަލި ޖެހުމުން ދިމާވާ މައްސަލަތައް ވެސް ކޮރޭ ދަނީ މީހުންނަށް އޮޅުން ފިލުވައި ދެމުންނެވެ.
މީގެ ތެރެއިން އެއް ކްލިޕެއްގައި ކޮރޭ ވަނީ އޭނާގެ ދެ ކޮނޑުން ކްލެޕް ކުރުމުގެ ކުޅަދާނަކަން ހުރިވަރު ދައްކާލާފަ އެވެ. އާދައިގެ މީހަކު ދެ އަތުން އަތްތިލަބަޑި ޖަހާ ގޮތަށް އެހާ ފަސޭހަ ކަމާއެކު ކޮރޭ އަށް ދެ ކޮނޑުން އެކަން ކޮށްލެވެ އެވެ.
ކޮރޭ ބުނި ގޮތުގައި މި ބަލި ހުންނަ އެތައް ބަޔަކު އޭނާ އާ މިހާރު ގުޅައި އެމީހުންގެ ހާލަތު ޝެއާކޮށް ހަދާ ކަމަށެވެ. އަދި މިކަމާ މެދު ޕޮޒިޓިވް ނަޒަރަކުން ދުށުމަށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށް ދޭ ކަމަށެވެ.