ވޯލްޑް ކަޕް ކޮލިފިކޭޝަން

ތުރުކީ އަތުން ބަލިވެ ހޮލެންޑަށް ހިތްދަތި ފެށުމެއް

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޔޫރޯ ޒޯންގެ ގުރޫޕް ޖީ ގައި، ތުރުކީ އަތުން 4-2 އިން ބަލިވެ ހޮލެންޑަށް ހިތްދަތި ފެށުމެއް ކުރިމަތިވެއްޖެ އެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ އަތާތުރުކު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ލިއްލޭގެ ފޯވަޑް ބްރާކް ޔިލްމާޒް ހެޓްރިކް ހެދި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޔިލްމާޒް ކާމިޔާބު ކުރީ 15 ވަނަ މިނެޓްގައި ދުރުން ބާރު ޝޮޓެއް ހޮލެންޑްގެ ގޯލަށް ފޮނުވާލައިގެންނެވެ. ޔިލްމާޒްގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އަކުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓްގައި އޭސީ މިލާންގެ ހަކާން ޗަނަހަލޫހޫ ތުރުކީގެ ތިންވަނަ ލަނޑު ކާމިޔާބު ކުރި އެވެ. މެޗުގެ 75 އަދި 76 ވަނަ މިނެޓްގައި ހޮލެންޑުން ދެ ގޯލް ޖަހައި ތުރުކީއަށް ބާރު ބޮޑު ކުރި އެވެ. ހޮލެންޑްގެ ލަނޑުތައް ކާމިޔާބު ކުރީ ޑޭވީ ކްލާސަން އަދި ލޫކް ޑިޔޯންގް އެވެ.

އޭގެ ފަސް މިނެޓް ފަހުން ޔިލްމާޒް ހެޓްރިކް ހަދައި ހޮލެންޑްގެ އުންމީދުތައް ފެނަށް ދުއްވާލި އެވެ. މެޗުގެ ފަހު ވަގުތުގައި ނަތީޖާގެ ފަރަގު ކުޑަ ކުރުމަށް ހޮލެންޑަށް ޕަނެލްޓީއެއް ލިބިގެން ދިޔަ އެވެ. މެންފިސް ޑީޕޭ ފޮނުވާލި ޕެނަލްޓީ، ތުރުކީގެ ކީޕަރު އުގަން ޖާކިރް ދިފާއު ކުރި އެވެ.

ގުރޫޕް އީ ގައި ވޭލްސް އާ ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމް ކާމިޔާބު ކުރީ 3-1 ންނެވެ. ބެލްޖިއަމްގެ ހެވަލީގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވޭލްސްއިންނެވެ. ވޭލްސްގެ ލަނޑު ކާމިޔާބު ކުރީ ހެރީ ވިލްސަން އެވެ. ބެލްޖިއަމްގެ ލަނޑުތައް ކާމިޔާބު ކުރީ ކެވިން ޑިބްރޭނޭ، ޓޯގަން ހަޒާޑް އަދި ޕެނަލްޓީން ލަނޑު ޖެހި ރޮމެލޫ ލުކާކޫ އެވެ.