ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މަޑުއްވަރީން އަވަސްއާ ވާހަކަދެއްކި ބައެއް މީހުން ބުނީ މި އަންހެން ކުއްޖާގެ މައްސަލަ ރޭގެ ވަގުތެއްގައި މީޑިއާގެ ސަމާލުކަމެއް އައި ނަމަވެސް އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ މީގެ ވިއްސަކަށް ދުވަސް ކުރި ކަމަށެވެ.
މަޑުއްވަރީ ސްކޫލުގެ ގުރޭޑް 8ގައި ކިޔަވަމުންދާ މި ކުއްޖާގެ މައްސަލަ ފެންމަތިވީ ކުއްޖާ އެހެން މީހުންނާ އެކަހެރިކޮށް އުޅެން ފެށުމުންނާއި ފިރިހެނަކު ފެންނަ އިރަށް ބިރުން ހަޅޭއްލަވާ ހަދަން ފެށުމުން ރަށު ސިއްހީ މަރުކަޒަށް ދެއްކުމުން ކަމަށެވެ.
މިކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވަނީ މަޑުއްވަރީ ސިއްހީ މަރުކަޒުން ކަމަށާއި މި އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް މާލެ ގެނައީ މީގެ 10 ދުވަސް ކުރިން ކަމަށްވެސް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
"ރަށުން ހެދެން ހުރި ގޮތަކަށް މި ކުއްޖާގެ ބައެއް ކަހަލަ ޓެސްޓްތައްވެސް މިކޮޅުން ހެދި. އަދި ދުވަސްކޮޅަކަށް މަރުކަޒުގައި ކުއްޖާ ބާއްވާފައި ވެސް އޮތް. އެ ދުވަސްކޮޅު ޖެންޑާ މިނިސްޓްރީގެ ޓީމެއް މިރަށަށް އައިސް ކުއްޖާ ގެންދަން ޖެހޭ ކަމަށް އެމީހުންނަށް ފެނިގެން ކުއްޖާ ގެންދިޔައީ،" މައުލޫމާތު ދިން އަންހެނަކުން ބުނެފައިވެ އެވެ.
އޭނާ ބުނީ އުމުރުން 14 އަހަރުގެ ކުއްޖާ ދައުލަތުގެ ހިމާޔަތަށް ގެންދިޔަ ނަމަވެސް ކުއްޖާގެ މަންމައާއި ބައްޕަ ރަށުގައި އެބަތިބި ކަމަށެވެ. އަންހެން ކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ އިދާރާ އިން ބުނީ ނ، ރ، ބ، އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެ ދިޔައިރުވެސް މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައި ނުވާތީ މަޑުއްވަރީގެ އާންމު ރައްޔިތުން ރޭގެ ވަގުތެއްގައި ވަނީ އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.
މިމުޒާހަރާގައި ފުލުހުންނާއި އާންމުން ކުރިމަތިލާ، ބައެއް އާންމުންނަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިފައިވެ އެވެ. ނަމަވެސް ތުހުމަތުކުރެވޭ އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.