ރ. މަޑުއްވަރި

މަޑުއްވަރިން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފި

ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ތުހުމަތުވާ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ހައްޔަރުކުރީ 10 މީހުންނެވެ.

ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ތިން ދުވަސް މަޑުއްވަރީ ކޯޓުން ޖަހައިދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އިއްޔެ ވަނީ މި އެންމެން ދޫކޮށްލާފަ އެވެ. އަދި ރޭގެ ވަގުތެއްގައި އެ މީހުން ވަނީ މަޑުއްވަރީ ގޮސްފަ އެވެ. ކޯޓުން މި މީހުން ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.

މަޑުއްވަރީގެ ހަމަނުޖެހުން ހޫނުވެ އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންވެސް ދީފައިވެ އެވެ. އަދި އެ ހަމަނުޖެހުމުގައި އާންމުންނާއި ފުލުހުން ކުރިމަތިލުމަކަށް ވެސް ދިޔަ އެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ މިހާރު ވަނީ ގެންގޮސްފަ އެވެ.



ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތާއި އެ ކުދިން ނިސްބަތްވާ ރަށުގެ ނަން ހާމަކުރުމަކީ ފުލުހުން ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މަޑުއްވަރީގައި ހިނގައިގެން އުޅޭ ރޭޕްގެ މައްސަލައިގައި އެރަށުގެ ނަން ހާމަނުކޮށް ފުލުހުން ބުނެފައިވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކުވެސް އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ. ޖެންޑާ މިނިސްޓްރީން ވެސް ގެންދަނީ މި މައްސަލަ ހިނގައިދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ.

މި މައްސަލައިިގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ގާތުން ބަލަަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފަ އެވެ.