ރ. މަޑުއްވަރި

މަޑުއްވަރިން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

Mar 29, 2021
2

ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ތުހުމަތުވާ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 26 ވަނަ ދުވަހު 10 މީހަކު ހައްޔަރު ކުރި އެވެ.

ފުލުހުން މިއަދު ބުނީ މަޑުއްވަރިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަނެއް މީހާގެ ބަންދަށް ތިން ދުވަސް މަޑުއްވަރީ ކޯޓުން މިމަހުގެ 27 ވަނަ ދުވަހު ޖަހައިދީފައިވާ ކަމަށެވެ.

މަޑުއްވަރީގެ ހަމަނުޖެހުން ހޫނުވެ އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންވެސް ދީފައި ވެއެވެ. އަދި އެ ހަމަނުޖެހުމުގައި އާންމުންނާއި ފުލުހުން ކުރިމަތިލުމަކަށް ވެސް ދިޔަ އެވެ. މި ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުންދެ އެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ވަނީ ގެންގޮސްފަ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތާއި އެ ކުދިން ނިސްބަތްވާ ރަށުގެ ނަން ހާމަކުރުމަކީ ފުލުހުން ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މަޑުއްވަރީގައި ހިނގައިގެން އުޅޭ ރޭޕްގެ މައްސަލައިގައި އެރަށުގެ ނަން ހާމަނުކޮށް ފުލުހުން ބުނެފައި ވަނީ މި މަހުގެ ތިންވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކުވެސް އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ. ޖެންޑާ މިނިސްޓްރީން ވެސް ގެންދަނީ މި މައްސަލަ ހިނގައިދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ.

މި މައްސަލައިިގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ގާތުން ބަލަަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފަ އެވެ.