ރ. މަޑުއްވަރި

މަޑުއްވަރީ ރޭޕްގައި ފުލުހެއްގެ ބައިވެރިވުމެއް ނުފެނޭ: އެންއައިސީ

ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ފުލުހަކު ހިމެނޭ ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންއައިސީގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު ބެލިބެލުމުގައި އެ މައްސަލައިގައި ފުލުހަކު ބައިވެރިވި ކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އަދިވެސް އެ މައްސަލަ ބަލަމުން. ޕޮލިސްގައި މިކަމާ ގުޅޭ މައުލޫމާތު ހޯދަން މިހާރުވެސް ވާނީ އެދިފައި،"

ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ އެންއައިސީގެ އޮފިޝަލް އިތުރު މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި، ޖެންޑާ މިނިސްޓްރީއާއި، ފުލުހުންގެ އިދާރާ އިން ވެސް ބަލަ އެވެ. ރޭޕްގެ އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ. އެކަމަކު އެ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ގޮވާލައި މަޑުއްވަރީގައި ތިބޭ ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ 10 މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ. ފަހުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތާއި އެ ކުދިން ނިސްބަތްވާ ރަށުގެ ނަން ހާމަ ކުރުމަކީ ފުލުހުން ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މަޑުއްވަރީ ރޭޕްގެ މައްސަލައިގައި އެރަށުގެ ނަން ހާމަނުކޮށް ފުލުހުން ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ މިހާރު ވަނީ ގެންގޮސްފަ އެވެ.

އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ.

މި މައްސަލައިިގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ގާތުން ބަލަަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފަ އެވެ.