ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފި އެވެ.
އަންމަޓީގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދިނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.
ފިލައިގެން ލަންކާގައި ދިރިއުޅެމުން ދަނިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ދިވެހި ފުލުހުން ލަންކާ އަށް ގޮސް އޭނާ ރާއްޖެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އަންމަޓީ ފިލައިގެން އުޅޭތީ އޭނާ ހޯދުމަށް އިންޓަޕޯލްއިން 2019 ވަނަ އަހަރު ވަނީ ރެޑް ނޯޓިސް ވެސް ނެރުނެވެ.
އަންމަޓީގެ ކުންފުނި ސީލައިފުން ވަނީ 300 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނަގާފަ އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ވެސް ނަގާފައިވެ އެވެ.
މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ބައެއް މީހުން ދައްކާފައިވާއިރު ބައެއް މީހުން ވަނީ ފްލެޓްގެ ޖުމްލަ އަދަދުވެސް ދައްކާފަ އެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފައިވެ އެވެ.
އަންމަޓީ ހައްޔަރު ކުރި އިރު ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި މީހުންނަށް އެޗްޑީސީން އެ ފައިސާ ދީފައިވެ އެވެ. ފައިސާ އެޗްޑީސީން ދިނީ ސީލައިފާ އެކު ސަރުކާރުން ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހެދުމަށްފަހު އެވެ.