ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި ފަރާތް ތަކަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިސާ ދޫކުރަން ފަށައިފި އެވެ.
ސީލައިފް ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް ފައިސާ ދޫކުރަން ފެށިކަން އެޗްޑީސީ އިން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ފްލެޓު ގަތް ބައެއް މީހުން ވެސް ވަނީ އެ ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް ވެސް ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި 3،000 ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަން، ސީލައިފް އަށް ހަވާލު ކުރުމުން ގިނަ ބަޔަކު އެ ފްލެޓުތަކަށް ފައިސާ ދެއްކި އެވެ. އޭރު އެ ފްލެޓުތަކަށް 203 މީހަކު ފައިސާ ދައްކާފައިވެ އެވެ.
މީގެ ތެރޭގައި ގިނަ ބަޔަކު ފްލެޓް ބުކް ކުރަން ބައި ލައްކަ ރުފިޔާ ދައްކާފައިވެ އެވެ. އަދި އެހެން ބައެއް މީހުން ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ދެއްކިއިރު މަދު ބަޔަކު ނަމަވެސް ފްލެޓުގެ ފުލް ޕޭމަންޓް ދައްކާފައިވެ އެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
މި މައްސަލަ ކުރިއަށް ދަނިކޮށް، ސީލައިފްއެކު މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހަދާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދައްކަން ނިންމި އެވެ. މި ނިންމުމާ ގުޅިގެން ބައެއް ފަރާތަކުން ސަރުކާރަށް ފާޑު ކިޔާފަ އެވެ.
ފާޑު ކިއުން ތަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ކޯޓުން ބޭރުގައި ސީ ލައިފާއެކު އެއްބަސްވުމަކަށް ދާން ނިންމީ ފްލެޓަށް ފައިސާ ދެއްކި މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށެވެ. އަދި އެ މީހުންނަށް ބަދަލު ދެނީ ސީލައިފުން އެޗްޑީސީގައި ބަހައްޓާފައިވާ ޕާފޯމަންސް ގެރެންޓީ ފައިސާއިން ކަމަށް ބުނެފައިވެ އެވެ.
ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ނިންމުމުގެ ކުރިން އެޗްޑީސީ އިން ބުނެފައިވާ ގޮތުގައި ސީލައިފް ފްލެޓު ގަތް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދު 24 މިލިއަން ރުފިޔާ އަށް އަރާނެ އެވެ. ފްލެޓް އަޅަން ސީލައިފް އަށް 2014 ވަނަ އަހަރު ހަވާލު ކުރުން އެ ކުންފުނިން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އެޗްޑީސީއަށް ދެއްކި އެވެ.