ހަބަރު

ސީލައިފުން ލަނޑުދިން މީހުން އިންސާފަށް ގޮވާލައި ހިނގާލުމެއް

Apr 27, 2019
1

ސީލައިފް ގްލޯބަލް ކުންފުނިން އެކި ފަރާތްތަކާ ފްލެޓު ހަވާލު ކުރުމަށް ނިންމާ، ބޮޑު އަދަދުން ފައިސާ ނެގުމަށް ފަހު ހިޔަނަތްވި މައްސަލާގައި އިންސާފު އަވަސްކޮށް ދިނުމަށް ގޮވާލައި ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3،000 ފްލެޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފަ އެވެ.

ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ މީހުންގެ އަތުން ހޯދި އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ފްލެޓްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށާއި، ފެލްޓް ބޭނުން ނުކުރެވި ދިޔަ މުއްދަތުގެ (މާކެޓް ވެލިއު) ކުއްޔަށްވާ ފައިސާ ނަގައިދިނުމަށެވެ.

އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ސީލައިފްގެ ޝިކާއަރަކަށްވި މީހުންނާއި އެމީހުންގެ އާއިލާތަކުން މެއި 3 ވާ ހުކުރު ދުވަހު ހިނގާލުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ނަފާ ނަސީރު ބުނީ، އެދުވަހުގެ ހަވީރު 4.30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިމގާލުމުގެ ބޭނުމަކީ އިންސާފު ނުލިބިފައިތިބި އެތައް ބައަކަށް އިންސާފު އަވަސްކޮށްދިނުމަށް ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލުން ކަމަށެވެ.

"ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން ހިނގާލުން ފަށާނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީ ކުރިމަތިން. އަދި އެ ހިނގާލުން ނިންމާނީ ފްލެޓުތައް އެޅުމަށް ސީލައިފަށް ދީފައިވާ ސައިޓަށް،" ނަފާ ތަފްސީލު ކޮށްދިނެވެ.

ނަފާ ބުނިގޮތުގައި، ސީލައިފަށް ފައިސާ ދައްކާފައިވާ ގިނަ ފަރާތްތަކުން އެ ފައިސާ ހަމަޖައްސާފައިވަނީ އެމީހުންގެ ގެދޮރާއި ހަރުމުދާ ރަހުނުކޮށްގެން ލޯނު ނަގައިގެން ކަމަށެވެ. އަދި އެ ލޯނުތަކަށް މިހާރު ވެސް ފައިސާ ދައްކަންޖެހިފައިވާއިރު، ސީލައިފުން އެ ފައިސާ ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ.

ސީލައިފުގެ މަކަރުގައި ޖެހުނު މީހުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ފްލެޓްތައް އަޅަން ދީފައިވާ ބިމުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފްލެޓް އަޅައި އެ ފްލެޓްތައް ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ އެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކަށް ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ވަނީ އެދިފަ އެވެ.

އެ މައްސަލާގައި، ސީލައިފްގެ މެނޭޖިން ޑިރެކްޓާ އަހުމަދު މޫސާ މުހައްމަދު ހޯދުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސްއެއްވެސް މިހާރު ވަނީ ނެރެފަ އެވެ.

ނަމަވެސް، ސީލައިފް ގްލޯބަލް އިން ފެށި މަޝްރޫއު ހުއްޓި ފްލެޓްތައް ގަންނަން ފައިސާ ދެއްކި މީހުންނަށް ރިފަންޑް ނުދެވި ވަނީ ކުރީގެ ސަރުކާރުން ބޮޑެތި އިހުމާލުތަކެއްވެ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައި ވާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސީލައިފްގެ ފަރާތުން ކޯޓުގައި އެ ކުންފުނި ތަމްސީލް ކުރާ ލޯފާމް، އެޑްވޮކެސީ ޗެމްބާޒް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ ފްލެޓް ގަންނަން ޑައުންޕޭމަންޓް ދެއްކި 689 ފަރާތުގެ ތެރެއިން 431 ފަރާތަކަށް އަނބުރާ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ބާކީ، 258 ފަރާތަކަށް ފައިސާ ނުދެވި ހުރީ ސީލައިފް ގްލޯބަލްގެ 97 ޕަސެންޓް ހިއްސާ އޮންނަ، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސަރުކާރުން ސޮއި ކުރި ސެޓުލްމަންޓް އެގްރިމަންޓެއްގެ ދަށުން ސަރުކާރުން ދޭޭން ޖެހޭ 12 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން ނުދީ ހިފެހެއްޓުމާ ގުޅިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސީލައިފް އާއި ސަރުކާރާ ދެމެދު ސެޓުލްމަންޓް އެގްރިމަންޓެއް ގާއިމް ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ލަގްޒަރީ ވިލާ އެޅުމަށް އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުން ބާތިލްކޮށް އޭގެ ބަދަލެއްގެ ގޮތުން އެވެ. ސީލައިފްއިން ބުނީ ސެޓުލްމަންޓް އެގްރިމަންޓް ހެދީ އޭޖީ އާއި ރައީސް އޮފީހުގެ ލަފާގެ މަތިން 10 މަސް ދުވަހުގެ މަޝްވަރާތަކަކަށް ފަހު އެވެ.