ރާއްޖޭގެ އުތުރުގައި ރީޖަނަލް ހޮސްޕިޓަލް ހިންގާ ދެ ރަށް ކަމުގައިވާ ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރު މޮނިޓަރިންއަށް ލާފައިވާތީ އުތުރުގެ ބައެއް ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.
އަވަސްއާ މިއަދު ވާހަކަދައްކަމުން ށ. ފުނަދޫ ރައްޔިތަކުން ބުނީ އުނގޫފާރާއި ކުޅުދުއްފުށި މޮނިޓަރިންއަށް ލުމުން، މި ދެރަށަށް އަރާ ފޭބުން މަނާކޮށްފައިވާތީ ބައެއް އެހެން ރަށްރަށުގެ މީހުން ފޮނަދޫގެ ހޮސްޕިޓަލަށް ދެއްކުމަށް އެ ރަށަށްދާ ކަމަށެވެ. ނަމަވެސް އެރަށުގައި ވެސް މިވަގުތު ހޭނައްތާ ޑޮކްޓަރެއް ނެތް ކަމަށާއި ޑޮކްޓަރު ހުންނެވީ ޗުއްޓީގައި ކަމަށެވެ.
"އަނެއްކާ ކޮންމެވެސް ވަރަކަށް މާބޮޑު މީހުންވެސް އެބައުޅޭ. އެހެންވީމާ ކުޅުދުއްފުއްޓާއި އުނގޫފާރު މޮނިޓަރިންގައި އޮވެ ދެން އެންމެ ގިނަ މީހުން ހިދުމަތް ހޯދާނެ އެއް ރަށަކަށް މިރަށް ވާނެ. އެކަމަކު މިރަށުގައިވެސް ސިއްހީ ހިދުމަތުގެ ހާލަތު މިވަގުތު މިހުރީ ކަންބޮޑުވާ ކަހަލަ ގޮތަކަށް،" އޭނާ ބުންޏެވެ.
ބ. އަތޮޅު އޭދަފުށި ކައުންސިލް އިދާރާގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ކުޅުދުއްފުއްޓާއި އުނގޫފާރު މޮނިޓަރިން ލުމުން އެ ރަށުން ސިއްހީ ހިދުމަތް ހޯދާ މީހުން އިތުރުވާނެ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން ރައްޔިތުން އެންމެ ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުމުގައި އޭދަފުށި ހޮސްޕިޓަލްގައި ވެސް މިވަގުތަށް ބައެއް ދަތިތައް އެބަހުރި ކަމަށެވެ. އަދި ބައެއް ކަހަލަ ހިދުމަތްތައް ދޭންޖެހެނީ ހިފެހެއްޓުންތަކަކާ އެކު ކަމަށްވެސް ބުންޏެވެ.
"އެހެންކަމުން އުނގޫފާރާއި ކުޅުދުއްފުއްޓަށް ނުދެވޭނަމަ ދެން ހުރި ބޮޑެތި ރަށްތަކުގައި މިހާރުން މިހާރަށްވެސް ރަނގަޅު ހިދުމަތް ލިބޭނެ ގޮތްތަކެއް އެބަހަމަޖެހެން ޖެހޭ،" އޭނާ ބުންޏެވެ.
ހއ. ދިއްދޫން މައުލޫމާތު ދިން މީހަކު ބުނީ ކުޅުދުއްފުށްޓަށް އަރާ ފޭބުން މަނާކޮށްފައިވާތީ ސިއްހީ ގޮތުން ހޯދަންޖެހޭ ބައެއް ހިދުމަތްތައް ހޯދުމަށް ދަތިވެ އޭނާ ވެސް މިވަގުތު ރަށުގައި މަޑުކުރަންޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑު ދެ މަހުން ކަހަލަ ގޮތަކަށް ކުޅުދުއްފުށި ހޮސްޕިޓަލަށް އެބަ ދައްކަން. އެކަމަކު މިވަގުތު ކޮވިޑްގެ މިބަލިމަޑުކަމާ ގުޅިގެން އަދި ކުޅުދުއްފުށި ވެސް ބަންދުކޮށްފައި އޮތުމުން މަޑުކޮށްލައިގެން މިހުރީ،" ގަވައިދުން ހޮސްޕިޓަލަށް ދައްކަމުންދާ މީހަކު ބުންޏެވެ.
އަވަަސް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު ވިދާޅުވީ އެ ރަށުގައި ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ތިބި ނަމަވެސް ރަށުގެ ހާލަތު އިތުރަށް ގޯސްވަމުން ނުދާ ކަމަށެވެ. އެހެންކަމުން މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެރަށް މޮނިޓަރިން އިން ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.
ނާސިރު ވިދާޅުވީ އުނގޫފާރު މޮނިޓަރިންއަށް ލުމުގެ ކުރިން އެ ރަށުން 400 އާ ގާތްކުރާ އަދަދަކަށް މީހުން ހިދުމަތް ހޯދަމުން ދިޔަ ކަމަށެވެ. ނަމަވެސް ރަށުން ބޭރު މީހުންނަށް މިހާރު އެރަށު ހޮސްޕިޓަލުން ހިދުމަތް ދޭނީ ކުއްލި ހާލަތުގައި ފަރުވާ ދޭން ޖެހޭ ހާލަތުގައި އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
"މިދެންނެވީ ޑައިލިސިސް ހެދުން ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ވެގެން ކުއްލި ފަރުވާއެއް ބޭނުންވާނަމަ މިރަށުން ހަމަ ފަރުވާ ލިބޭނެ،" ނާސިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އުނގޫފާރަށް ދަތުރުނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާތީ އުތުރުގެ ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް ހާލަތުގެ ގޮތުން މިވަގުތު އަމަލުކުރެވެން އޮތީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންއަށް ލުމުގެ ކުރިން އެރަށުން ވެސް 400 އާ ގާތްކުރާ އަދަދަކަށް މީހުން ހިދުމަތް ހޯދަމުން ދިޔަ ކަމަށެވެ.
"ހިދުމަތް ހޯދަމުން ދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރަށުން ބޭރުގެ މީހުން. އެހެންވެ ކުޅުދުއްފުށި މޮނިޓަރިންއަށް ލުމުން އުތުރުގެ ރަށްތަކުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުންނާނެ ކަން އަޅުގަނޑުވެސް ގަބޫލުކުރަން. މިހާލަތުން އަވަހަށް އަރައިގަތުމަށް އަޅުގަނޑުމެން ވެސް އެބަ މަސައްކަތް ކުރަން،" ދާއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިން އަށް ލުމުން މިވަގުތު ރަށުން ބޭރުގެ މީހުންނަށް ހިދުމަތް ދެނީ ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ކަމަށެވެ.
ކުޅުދުއްފުށިން ކޮވިޑް 19އަށް ޕޮޒިޓިވްވީ އެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ޅ. ނައިފަރު މީހެކެވެ. އޭގެ ފަހުން އޭނާއާ ގުޅުންހުރި މީހަކު ޓެސްޓް ކުރުމުން އޭނާ ވެސް ޕޮޒިޓިވްވެ، އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ހަތަރު މީހުން އެބަތިއްބެވެ. އެހެންވެ ޕޮޒިޓިވްވި މީހުން ވަނީ ކުޅުދުއްފުށީގައި ހުރި ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފަ އެވެ. ނައިފަރު މީހަކު ކުޅުދުއްފުށީގައި ޕޮޒިޓިވްވުމާ ގުޅިގެން ނައިފަރު ވެސް ވަނީ މޮނިޓަރިން އަށް ލާފަ އެވެ.
ދާއޫދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށިން ޕޮޒިޓިވް މީހާއާ ގުޅުންހުރި މީހުން ކަމަށް ބަލައި، 70 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އެމީހުންގެ ޓެސްޓްގެ ނަތީޖާ މިއަދު މެންދުރުފަހު ނުވަތަ ހަވީރުގެ ވަގުތެއްގައި ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. ކުޅުދުއްފުށީގެ މޮނިޓަރިން އުވާލެވޭނީ ނަތީޖާ ލިބުމަށްފަހު އެޗްޕީއޭ އިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ދާއޫދު ވަނީ ވިދާޅުވެފަ އެވެ.