ބޭންކް އޮފް މޯލްޑިވްސް

ފައިސާ ފޮނުވަން ކުރާ ކޯލްތަކަށް ސަމާލުވޭ: ބީއެމްއެލް

Mar 25, 2021

އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިހާރަކަށް އައިސް ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށެވެ. އަދި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ވެސް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށެވެ. އަދި ބީއެމްއެލް އިން މޯބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމުގައިވެސް އެ ބޭންކުން ބުނެ އެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސް ކުރާ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް ބޭންކުން ވަނީ އެދިފަ އެވެ.

"ބޭންކުން ކަމަށް ބުނެ އަންނަ މިފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުއްވުމަށް ދަންނަވަމެވެ.،" ބީއެމްއެލް ބަޔާނުގައިވެ އެވެ.

ބޭންކްގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ މިފަދަ ކޯލްތަކަށް ސަމާލުވުމަށް ފުލުހުންވެސް ގެންދަނީ އިލްތިމާސްކުރަމުންނެވެ.