(23 މާރިޗު 2021 އާ ގުޅޭ)
"އެގުޅީ ސާރާގެ ކްލާސްމޭޓެއްގެ ޕޭރެންޓެއް، އަނގަތަޅާލަން ގުޅީމަ އަވަހަށް މިބޭއްވީ." ނޯޔާ ބުންޏެވެ. ހަމަޖެހުމުގެ ފިނިކަމެއް އަސްލަންއަށް އިހްސާސް ކުރެވުނެވެ.
އިރުއޮއްސި ނަމާދަށް ގޮވުމާއެކު ގޭތެރެއިން އިވޭ އަޑަކަށް ޤުރުއާނުގެ އަޑު ވެއެވެ. ކުޑަ ދެބެން ނަމާދަށް އަރާ ހެދުމަކާއި މުސައްލައެއް ވެސް ކުރިއަކުން ނޯވެއެވެ. އެ ތަކެތި ހޯދަން ނޯޔާ އުޅުމުން ބައްޕަ އައްޔޫބު އެގެއަށް ދިޔަ ދުވަހެއްގައި ވަނީ ސާރާއާއި މަލްސާއަށް އެއްކުލައެއްގެ އެއް ވައްތަރަށް އޮތް ކުޑަ ދެ މުސައްލަ ހަދިޔާއެއް ގޮތުގައި ދީފައެވެ. ނޯޔާގެ ނަމާދު ހެދުމާ އެއްކުލައިން އެ ދެބެންނަށް ވެސް ހެދުން ހޯދިއެވެ. ދީނީ ކަންކަމަށް ނޯޔާ ފަރުވާތެރިވެ ސަމާލުކަން ދޭވަރު އެކުދީންނަށް ފެނެއެވެ. މަޑުމަޑުން ނަމާދަށް އެކުދީން ހާނަން ފެށީއެވެ. މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރެއަކީ ޤުރުއާން ފިލާވަޅުތައް ދަސްކޮށް ފަރިތަކުރާ ގަޑިއަށް ވެއްޖެއެވެ.
"ޑެޑީ ނާންނާނެތަ؟" ރޭގަނޑުގެ ކެއުމުގައި އަސްލަން ބައިވެރި ނުވުމުން މަލްސާ އަހާލިއެވެ.
"ބައްޕަ އެ ދިޔައީ އޮފީހަށް... ނުހާވާ އަވަހަށް ކާލަބަލަ." ނޯޔާ ކައިރިވެލައި މަލްސާގެ ތަށީގައި ހުރި ބަތްކޮޅު އެއްކޮއްލަ ދިނެވެ.
"މަލް ނިދާ ގަޑިއަށް ޑެޑީ އަންނާނެތަ؟" މަލްސާ އަނެއްކާ ވެސް ސުވާލު ކުރިއެވެ. އެކުއްޖާގެ ސުވާލުތައް ފެށިއްޖެއްޔާ ނިމުމެއްނޯންނާނެއެވެ.
"ބައްޕަ ބުނި އާދެވޭތޯ ބަލާނަމޭ." ނޯޔާ ބުންޏެވެ.
"ޑެޑީ ނެތިއްޔާ ވާހަކަ ކިޔާދޭނީ ކޮންކުއްޖެއް؟ މަންމަތަ؟ މަންމައަށް އެނގޭނެތަ ޑެޑީ ކިޔާދޭ ކަހަލަ ވާހަކަ." މަލްސާގެ ވާހަކައާ ހުރެ އެކުއްޖާގެ ކެއުން ކުރިއަށް ނުދާނޭކަން ނޯޔާއަށް ވިސްނުނެވެ. މަލްސާއާ ޖެހިގެން ހުރި ގޮނޑީގައި ނޯޔާ އިށީނުމާއެކު އޭނާގެ އަތުން އެކުއްޖާއަށް ކާންދޭން ފެށިއެވެ. ރޭގަނޑު ނުކައި ނިދައިފިނަމަ ބަނޑުހައި ވެގެން މަލްސާ ހޭލާނެއެވެ. އެކުއްޖާ ހޭލައިގެން ގޮސް އަސްލަންއަށް ގޮވާނެއެވެ. އެކަހަލަ ރެއެއްގައި ނޯޔާއަށް ވެސް ނުކުމެވުނީ ސިޓިންރޫމު ތެރެއިން އެ ދެބަފައިންގެ އަޑު އިވޭހެން ހީވެގެންނެވެ. ނުކުތްއިރު ފެނުނީ ކިރުތަށްޓެއް ހަދަން އަސްލަން އުޅެނިކޮށެވެ. ކުސްތަޅާލަތަޅާލަ މަލްސާ އިނީ އަސްލަން ބޭންދިގޮތަށް ތިރީކަބަޑުތަކު މަތީއެވެ. މަލްސާ ހޭލާކަން ނޯޔާއަށް ފުރަތަމަ އެނގުނީ އެރެއެވެ. ވީގޮތް އަސްލަން އޮޅުން ފިލުވައިދިނީމައެވެ.
"މަލްކޮ... ކަމުން ވާހަކައެއް ނުދައްކާނެ... ބަލަ! ހަފާފަ ދިރުވާނީ..." ކޮންމެ ފަހަރަކު ނޯޔާ ހަނދާންކޮށްދޭން ޖެހެއެވެ.
ކުދީން ގައި ދޮއްވައިގެން ނުކުމެ ރީތި ކުރަން ހުއްޓާ ނޯޔާގެ ފޯނަށް މެސެޖެއް އައެވެ. މަލްސާގެ އެނދުމަތިން ފޯނު ނަގާ ބަލާލިއިރު މެސެޖު ކުރީ އަސްލަންއެވެ. ތަންކޮޅެއް ލަސްވެދާނޭ ބުނެފައި އޮތެވެ. ދެބެންނަށް ބަލާލާފައި ބައްޕައަށް ނާދެވޭނެކަން ނޯޔާ ބުނެލިއެވެ. ދެބެންގެ މޫނުން ފާޅުވި މާޔޫސްކަން ބޮޑެވެ. ނިދާގަޑީގައި އަސްލަން އެކުދީންނަށް ކިޔާދެނީ ކޮންކަހަލަ ވާހަކައެއްކަމެއް ނޯޔާއަކަށް ނޭނގެއެވެ. އެގަޑީ އެކުދީންނާ އޭނާ ދައްކަނީ ކޮންކޮން ވާހަކައެއް ކަމެއް ވެސް ނޯޔާއަކަށް ނޭނގެއެވެ. އެހެންވިޔަސް ހާލަތު މެދުވެރިވަނީ ކޮންމެ ފަހަރަކު އެކަމަށް ތައްޔާރުވާން ކުރީބައިގަ އަންގާފައެއްނޫނެވެ.
ސާރާއާއި މަލްސާ އެނދަށް އެރުމުން ކޮންމެ ކުއްޖެއްގެ ގައިމަތިން ރަޖާ ރަނގަޅުކޮށްލި އިރު ވެސް ނޯޔާ ހުރީ ފުން ވިސްނުމެއްގައެވެ. ވާހަކައެއް ކިޔައިދޭން ޖެހޭތީ ނޯޔާ ސުވާލުކުރިއެވެ. އަސްލަން ކިޔައިދެނީ ކޮން ވާހަކައެއްތޯ ބުނުމުން އޮށޯވެ އޮވެފައި މަލްސާ ފުންމައިގެން ތެދުވިއެވެ. އެނދުން ފުންމާލައިގެން އައިސް ފޮތް ހަރުގަނޑުން ވާހަކަފޮތެއް ނެގިއެވެ. ދެން ފުންމަމުން އައިސް އެނދަށް އަރާ އިހު އޮތްހެން ރަޖާއަޅާއިގެން އެކުއްޖާ އޮށޯވެއްޖެއެވެ. މަލްސާގެ އެނދުގައި ނޯޔާ އިށީނުމާއެކު އޭނާ ވާހަކަފޮތް ބަލާލިއެވެ. ކިޔައިދޭން ފެށުމުގެ ކުރީން ވާހަކައިގަ ވާގޮތް އޭނާ ބަލާލިއެވެ. ވާހަކައިގެ އުޅޭ ކުއްޖާ އެނދުކައިރީ އިށީނދެ ދެއަތް ޖޯޑުކޮށް ކަލާނގެއަށް ދަންނަވާ ގޮތް ނޯޔާއަށް ކަމުނުދިޔައީއެވެ. މުސްލިމުންނަކީ އެފަދައިން ކަންކުރާ ބަޔެއްނޫނެވެ. އޭނާއަށް އެ ވައްތަރުވީ ސަލީބީ ދީނުގެ ވަށްޓަފާޅިއަކާއެވެ. ހިތްހަމަނުޖެހި އިނދެ އެކުދީންނަށް ކިޔައިދޭ އެއްޗަކަށް ވާހަކަވާން ނޯޔާ ބޭނުމެއްނުވިއެވެ.
"ބައްޕައާ ތަފާތުކޮށްލަން ހިނގާ، މަންމަ ކިޔައިދޭނަން މިއަށްވުރެ މާ ރީތި ވާހަކައެއް... އަޑުއަހަން ރެޑީތަ؟" ވިސްނަން އިނދެފައި ފޮތް ލައްޕާލައި ދެބެންނަށް ވަކިވަކިން ނޯޔާ ބަލާލިއެވެ. އެކުދީން ބޯޖަހާލީއެވެ.
އެ ދެބެންނަށް ނޯޔާ ކިޔައިދިނީ އިސްލާމީ ތާރީހާއި ޤުރުއާނުން އެނގެން އޮތް ވާހަކައެކެވެ. ނަމްރޫދު ރަސްގެފާނާއި އިބްރާހީމްގެ ފާނު އަލިފާނަށް އެއްލާލެވުނު ގޮތުގެ ވާހަކައެކެވެ. ބަހެއް ކިޔަން ނޭނގިފައި ދެބެން ތިބިއިރު ނޯޔާގެ ގަސްދު ފުރިހަމަ ވެއްޖެއެވެ. ﷲ އާ މެދު އެކުދީންގެ ހިތްތަކުގައި ޔަގީންކަމާއި ލޯބި އިތުރުވުމަށް އެފަދަ ވާހަކަތައް ފުދެއެވެ. ނިދުމުގެ ކުރީން ހަމައެކަނި ޝަހާދަތުން ނުފުދޭކަން އެކުދީންނަށް އެރޭ އެނގުނެވެ. އަނގައިން އަނގަޔަށް ދުޢާތައް ނޯޔާ ލައިދިނެވެ.
ކުދީންގެ ކޮޓަރިން ނުކުތް ނޯޔާ ދިޔައީ ސިއްސައިގެންނެވެ. ފާރުކައިރީ މަޑުކޮށްލައިގެން ހުރި އަސްލަން ފެނިފައެވެ. ކޮންއިރަކުތޯ އައީ ނޯޔާ އަހާލެވުނެވެ. އެހިނދު އަސްލަން ވަގުތުން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލީ އަޑުމަޑު ކުރާށޭ ބުނާ ފަދައިންނެވެ. ދެން މަޑުމަޑުން ކުދީންގެ ކޮޓަރިއަށް ވަދެއްޖެއެވެ. ދެބެންނަށް ބައްޕަ ފެންނައިރަށް ހެވިދިލިފައި ގޮވާލައިފިއެވެ.
* * * * *
ދެ ދުވަސް ފަހެވެ. ނިދާ ގަޑީގައި ބައްޕައަށްވުރެ މަންމަ ކިޔާދޭ ވާހަކަތަކަށް ކުދީން ޝައުގުވެރިވާން ފަށައިފިއެވެ. ކުދީންނަށް މަންމަ މުހިންމު މީހެއް ގޮތުގައި ފާހަގަވަމުން އައިއިރު ބައްޕަގެ ސަމާލުކަން ވެސް އިތުރުވެއްޖެއެވެ. ގިނަ ވާހަކަތަކެއް އަސްލަން ނުދެއްކި ނަމަވެސް ނޯޔާއަށް އަސްލަންގެ ގާތްކަން އިހްސާސް ކުރެވެން ފަށައިފިއެވެ. ނޯޔާ ކަމަކު ބުނޭތޯ ސާރާ ހުންނަނީ ބަލަބަލައެވެ. މަލްސާހެން ނޫޅުނަސް އެކުއްޖާ ނޯޔާއާއެކު ކަންކަމުގައި ބައިވެރިވާ ހިތްވެއެވެ.
"ޑެޑީ..." ސޯފާގައި އިން އަސްލަންއާ ކައިރިއަށް ޖެހިލަމުން ސާރާ ގޮވާލިއެވެ. އަނުމްއަށް ކާންދޭން ނޯޔާ އުޅުނީ ބަދިގެއާ ވީ ފަރާތުގައެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ސަރާ ބަލާކަން އަސްލަންއަށް ވެސް ފާހަގަވިއެވެ.
"ސާރާ ވާހަކައެއް ބުނަންވެގެން." އަސްލަން ހޫންއެކޭ ލައްވާލުމުން ކުރިއަށްވުރެ ވެސް ކައިރިއަށް ޖެހިލައި ސާރާ ބުންޏެވެ.
"ސިއްރެއްތަ؟" އަސްލަން އަހާލީ ދަރިފުޅު ނުކެރިގެން އޫޅޭގޮތް ފާހަގަވެގެންނެވެ. އެހިނދު ސާރާ ބޯޖަހާލީ ނިކަން އަވަހަށެވެ. އަސްލަން ބޯތިރިކޮށްލައި ގުދުވެލިއެވެ. އަސްލަންގެ ކަންފަތްދޮށުގައި އެ ވާހަކައެއް ސާރާ ބުނަން ފުރުސަތުދޭން ވެގެންނެވެ.
"ޑެޑީ ދެރަވާނެތަ ސާރާ މަންމަ ކިޔާފިއްޔާ؟" ޖެހިލުންވެ އިނދެ ސާރާ އަހާލިއެވެ. ފަރުވާތެރިކަމާއެކު ދަރިފުޅުގެ މޫނަށް އަސްލަން ބަލާލިއެވެ.
"ޑެޑީ ކީއްވެ ދެރަވާންވީ؟" އަސްލަން ވަރަށް ހައިރާންވިއެވެ.
"މަންމައަކީ ސާރާގެ މަމީ ނޫންވީމަ، މަމީ ނެތީމަ ޑެޑީ ރުއިމެންނު، އެކަމަކު ޑެޑީ ދެރަނުވައްޗޭ... މަންމަ ކިހާ ރަނގަޅު، ވަރަށް ލޯބިވޭ ސާރާދެކެ، މަލްކޮއާއި ބޭބީދެކެ ވެސް، މަންމަ ބުނީ ހުރިހާ ކުދީންނަކީ މަންމަގެ ދަރިފުޅުމެންނޯ، ﷲ މަންމައަށް ހުރިހާ ދަރިފުޅުމެން ދިނީ، މަންމައަކީ މަމީގެ ބަދަލުގައި ﷲ ހުރިހާ ކުދިންނަށް ފޮނުވި މަންމައެކޯ... އެހެންވީމަ ޑެޑީ ދެރަނުވައްޗޭ، މަންމަ ލޯބިވާނެ ޑެޑީދެކެވެސް... އެއްވެސް ކުއްޖެއް ދެރައެއްނުކުރާނެ." ހާސްވެފައި އިން ފަދައަކުން ސާރާ ބުންޏެވެ.
"ނޯޔާ މަންމައަކީ ވަރަށް ރަނގަޅު ކުއްޖެއް، ޑެޑީ ދެރައެއްނުވާނަން... އެއީ މިހާރު ހުރިހާ ކުދީންގެ މަންމަ، ދަރިފުޅު ކަމެއް ބޭނުންވީމަ މަންމަ ކައިރީ ބުނައްޗޭ، މަންމަ ތިކުދީންދެކެ ވަރަށް ލޯބިވޭ، ޑެޑީ ވެސް މަންމަދެކެ ވަރަށް ލައިކްވޭ." އަސްލަން ހިނިތުންވެލުމާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. ގުދުވެލައި ދަރިފުޅުގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ.
ސޯފާގައި ތިބި އަސްލަންއާއި ސާރާ އެނބުރި އަނުމްގެ ކައިރީ ހަރަކާތްތެރިވާ ނޯޔާއަށް ބަލަން ތިއްބެވެ. އެ ދެބެފައިންގެ މޫނުގައިވަނީ އެއްކަހަލަ އަސަރުތަކެކެވެ. ނޯޔާއަކީ އެމީހުންގެ ދުނިޔެ ހުޅުދާން ކުރުވި އަލިގަދަ ވޮށެއް ފަދައެވެ. ކުޑަދަރިފުޅަށް ކާންދޭން ނޯޔާ ޖައްސާ ވައްތަރުތަކުން އަސްލަން ހީނލާއިރު ގާތުގައި އިން ސާރާ ވެސް ހީނލައެވެ.
"އަސްތަގްފިރުﷲ!..." ނޯޔާގެ ކޮޓަރިން ނުކުތް މަލްސާ ފެނުމުން ނޯޔާއަށް ވަގުތުން ބުނެލެވުނެވެ. އަޑެއްބަޑެއް ނީވެ އެކުއްޖާ އުޅުނީ ކީއްވެކަން އެނގުނީ އަދިކިރިޔާއެވެ.
"ދަރިފުޅާ ބާކީވިތަ އެއްވެސް އެއްޗެއް" މަލްސާކޮށްފައި އައިކަންތައް އެކުއްޖާގެ މޫނުން ސާފުކޮށް ފެންނަން ހުރީތީ ނޯޔާއަށް އަހާލެވުނެވެ.
"މަލްއެކަނި ރީތިވެލީ... މަންމަ ގޮތަށް، މަލް އެނގޭ މިހާރު، މަންމަގެ ލިޕްލިކް ކުޑަކޮށް ޖައްސާލީ، މަޑުމަޑުން... ހަލާކެއްނުކުރަމޭ، އެކަމް ސެންޓުފުޅި ނުޖެހޭ، މަލްއެއްނޫން ހަލާކުކޮށްލީ... އޭތި އަމިއްލައަށް ހަލާކުވެފަ އިނީ." މަލްސާ ވާހަކަދެއްކިއެވެ. ސޯފާގައި އިން އަސްލަން މޫނުގައި ދެއަތް އެޅިގޮތަށް އޭނާ އޮތީ ގުދަށެވެ. ހެނީކަން ޔަގީނެވެ. ނޯޔާގެ މޭކަޕްކުރާ ދަބަސް ހާވާލާފަކަން މަލްސާ އެ ނިކުތީ ޔަގީންވެއްޖެއެވެ. އެކުއްޖާ ނޯޔާގެ އެއްޗިއްސަށް ހުންނަނީ އަމަށަކުވަރެއްނޫނެވެ.
"ވަރަށް ރީތި... ވަރަށް މީރުވަސް އެބަދުވާ... އެކަމަކު މާގިނައިން ތިހިރީ ބޭނުންކޮށްފަ، ހުރޭ މަންމަ ގަނެދޭނަން މަލްއަށް މޭކަޕްސެޓެއް، އެކަމަކު މަންމަގެ އެއްޗިހީގަ މަލް އަތްނުލާމަތިން... މަލް ބޭނުންވީމަ މަންމަ ކޮށްދޭނީ މޭކަޕް." އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ނޯޔާ ވާހަކަދެއްކިއެވެ. އޭނާގެ ސާމާނުތައް ހުންނާނޭ ގޮތް ހިތަށް އެރި ނަމަވެސް އެކުއްޖާދެކެ ރުޅިއައުމަކީ އޭނާއަށް ކުރެވޭނެކަމެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް އެ ތިބީ ތިން އަންހެން ދަރީންނެވެ. ނަލަވުމާއި ފަރިވުމަކީ އަންހެނުންގެ ޠަބީޢީ ކަމެކެވެ. އެކަމުން އެކުދީން ވަކި އިސްތިސްނާއެއް ނުވާނެއެވެ.
"މަލްއަށް ލިބޭނެތަ؟" މޭކަޕްސެޓެކޭ ބުނާއިރަށް މަލްސާގެ ކުދިކުދި ދަތްތައް ހުރީ ސޭލްގައެވެ.
"ބަސް އެހިކަމުގެ ސްޓާ މިމަންތުގަ ލިބުނީމަ ދޭނެ ބޮޑު ހަދިޔާއަކަށްވާނީ މޭކަޕްސެޓު... ވެޓްޓިޝޫ އެތި ހިފައިގެން މޫނުފޮހެން ދޭ ބައްޕަ ކައިރިޔަށް." ނޯޔާ ވަޢުދުވިއެވެ.
* * * * *
"ކޮންތާކަށް؟" އަރީން ނުކުމެގެން ދާން އުޅުމުން ފަވާދަށް އަހާލެވުނެވެ.
"ޝެހޭއާ އެއްކޮށް ބޭރަށް." އަރީން ހެދީ ދޮގެކެވެ.
"ކޮންއިރަކުން އަންނާނީ؟" ފަވާދު އަހާލިއެވެ.
"ހާދަ ސުވާލެއް ތިކުރަނީ؟ އެހެންޏާވެސް އަހަރެން ޝެހޭމެންނާއެކު ރޭގަނޑު ބޭރަށް ދަމެންނު." އަތްދަބަސް ނަގަމުން އަރީން ކުރިމަތިލީ އެނދުގައި އޮތް ފަވާދާއެވެ.
"ދެމީހުން އެކީ ޓައިމް ސްޕެންޑްނުކުރާތާ ކިހާ ދުވަހެއް، އަހަރެންވެސް އަރީން ގޮވައިގެން ބޭރަށް ނުކުމެލާ ހިތްވޭ، އަރީން ދާން ބޭނުންވާތަނަކަށް އަހަރެން ނުގެންދަނީކީ ނޫނެއްނު... މިރޭ މަޑުކޮށްނުލެވޭނެތަ؟"
"ކެންސަލެއް ނުވާނެ... މާފަޑަކަށް ފަވާދު ނޫޅެބަލަ، ތިއުޅެނީ އަހަރެން ރުޅި ނައިސްގެން ދޯ." އަރީން ފާޅުކުރީ ފޫހިކަމެވެ. ފަވާދު އެއްޗެކޭ ނުބުނެ ހިމޭންވުމުން އަރީން ވަގުތު ބޭކާރެއް ނުކުރިއެވެ.
ދިރިއުޅުމުގައި އަބަދުވެސް ގޮތްދޫކުރާ މީހަކީ ފަވާދެއެވެ. ޒުވާބަކަށް ވެދާނޭ ހީވެއްޖެނަމަ ފަވާދު ދޫދޭނެއެވެ. މޮޅުވާނީ އަރީންކޮޅެވެ. އެކަމަކު އެއީ ފަވާދަށް އެ ދިރިއުޅުމާއި އަރީން މުހިންމުވާވަރެވެ. ކައިވެނީގަ ކުންޏަށް ޖެހި ދެމީހުން ވަކިވުމަކީ އޭނާ ހިޔާލުވެސް ކުރާ ކަމެއްނޫނެވެ. މިހާރު އަރީންއަކީ އޭނާ ލޯބިވެގެން ކައިވެނި ކުރި އަންހެނާ އެކަންޏެއް ނޫނެވެ. އޭނާގެ ދަރީންގެ މަންމަ ވެސް މެއެވެ. އެހެން އަންހެނަކަށް ބަލާލަން ބޭނުންނުވާ ވަރަށް އޭނާ އަރީންދެކެ ލޯބިވެއެވެ. ކިތަންމެ ފުރުސަތެއް ވެސް އޭނާ އަރީނަށް ދެމުން އަންނަނީ އެހެންވެއެވެ. ކެނޑިނޭޅި ނަސޭހަތްތެރިވަނީ އަނބިމީހާއަށް މަގުދެއްކުމަކީ ފިރިމީހާ ވެސް ކުރަންޖެހޭ ކަމެއްކަން ދެކިގެންނެވެ.
* * * * *
ސަބީނާގެ ވައަތު ކޮނޑުހުޅުގައި ރިހޭތީ ޑަކްޓަރަށް ދައްކަން ދިޔައީ ނޯޔާއެކުއެވެ. ބޭސް ސިޓީއަށް ބޭސް ނަގައިދީގެން އަސްލަން އައިސް މަންމަގެ ބަޔަށް ވަނެވެ. ކޮޓަރީގައި ޓަކި ޖަހާލުމާއެކު ވަންނާށޭ ސަބީން ބުނެލިއެވެ. އަސްލަން ވަންއިރު ސަބީނާ އެނދުން ތެދުވަނީއެވެ. ފައިބާނެކަމެއްނެތޭ ބުނެ އަސްލަން އައިސް އިށީނީ މަންމަގެ އެނދުގައެވެ. ޑަކްޓަރު ދީފައި ހުރި ބޭސް ބޭނުންކުރަން ޖެހޭ ގޮތް އަސްލަން ކިޔާދިނެވެ. އޭނާ ނުކަންނަ އުޅުމުން ސަބީނާ ދަރިފުޅުގެ އަތުގައި ހިފައި މަޑުކުރުވިއެވެ.
"ނޯޔާ ކިހިނެއް؟" ސަބީނާ އެހީ ފުޅާމާނައެއްގައެވެ.
"ރަނގަޅު." އަސްލަން ބުންޏެވެ.
"މަންމަ ބުނެގެން ވިޔަސް ދަރިފުޅު ކައިވެންޏަށް އެއްބަސްވީތީ މިހާރު ހިތްހަމަޖެހިއްޖެތަ؟" ސަބީނާ އަހާލިއެވެ. އަސްލަން އަނގައިން ނުބުނެ ހަމައެކަނި ބޯޖަހާލީއެވެ. އޭނާގެ ފިރިހެން ދަރިފުޅަށް ނޯޔާ ކަމުދާކަން ސަބީނާއަށް ދެނެގަންނަން އެނގެއެވެ.
"ނޯޔާ ގޮވައިގެން ދަރިފުޅު ބޭރަށްނުކުމެލާ ނުހަދަންތަ؟ ދެމަފިރިން އެކަނިވެސް ވަގުތު ހޭދަކޮށްލަންވާނެ..." ސަބީނާއަށް ފެނި ފާހަގަވެފައި އޮތް ކަމެއްގެ ވާހަކަ އޭނާ ފެށިއެވެ.
"ކުދީން ބައިތިއްބާފަ ތަންތަނަށް ދާނީ ކިހިނެއް؟" އަސްލަން ބުނެލީ ބަހަނާއެއް ދައްކާފަދައިންނެވެ.
"މަންމަ މަޑުކޮށްލަދޭނަން، އެވަރުކަމެއް މަންމައަށްވާނެ... ދުވަސްކޮޅަކަށް ނޯޔާ ގޮވައިގެން ތަނަކަށް ދާންވީނު، ދެތިން ދުވަހަށް ވިޔަސް، ކުރީން ވެސް މަންމަ އެކުދީންގެ ކަންތައްތައް ބެލީމެންނު، ބޮޑުކަމެއް ޖެހިއްޖެއްޔާ ގޭގަ ރިދާން ވެސް ހުންނާނެއެއްނު." ސަބީނާގެ ވާހަކަ އަސްލަންއަށް ފަހުމްވިއެވެ. އެކަމަކު އޭނާ ވަކި އެއްޗެއް ނުބުންޏެވެ. ސަބީނާ ބުންޏަސް އަސްލަން އަދި އެކަމަށް ޢަމަލުކުރަން ބޭނުންނުވަނީކަން އެނގެއެވެ. އަސްލަންގެ ހިމޭންކަން ބުނެދިނީ އެފަދައިންނެވެ.
* * * * *
"ކީކޭ އަސްލަން ބުނީ؟" ހުސެންގެ ކުރިމަތީ މޭޒުގެ އަނެއްފަރާތުގައި އިނދެފައި ލޫނާ ސުވާލު ކުރިއެވެ.
"ތިއުޅޭ ގޮތުގެ ވާހަކަ." ހުސެން ވެސް ގަޔާނުވެފައި އިން ކަހަލައެވެ.
"ގޮތަކަށް އެބައުޅެންތަ؟" ލޫނާ ނޭނގޭ ކަމަށް ހެދުނެވެ.
"އެގެއަށް ތިހާ ގިނައިން ތިދަނީ ކީއްކުރަން، އެމީހުންނަށް ވެސް އުނދަގޫވާނެ... އަސްލަން އެކަހަލަ ވާހަކައެއް އެ ދެއްކީ އޭނާއަށް ވެސް ލޫނާގެ ސަބަބުން އުނދަގޫވެގެންކަން ޔަގީން." ހުސެން ބުންޏެވެ.
"އަހަރެން ގަސްދުކޮށްފިން އަސްލަންއަށް ލޯބި ހުށަހަޅަން... ދެއަނތްބަށް އިންނަން... އޯކޭ ނޯޔާ ވަރިނުކުރިޔަސް، ކުދީންވެސް މާ ލޯބިވޭ އަހަރެންދެކެ." ހިމޭނުން އިރުކޮޅަކު އިނުމަށްފަހު އިސްއުފުލާލައި ހުސެންއާ ނަޒަރު ސީދާކޮށް ލޫނާ ބުންޏެވެ. ހުސެންގެ މޫނުން ފާޅުވީއަޖައިބުވެ އަންތަރީސްވީކަމުގެ އަސަރެވެ.
"އަހަރެން މިދެއްކި ވާހަކަ ލޫންއަށް އަޑުއިވުނުތަ؟ އެއްވެސް އެއްޗެއް އަޑުއިވުނުތަ؟" ހުސެންއަށް ބުނެލެވުނެވެ.
(ނުނިމޭ)