ދިޔާނާ ސައީދު

އާއިލީ މީހުންނަށް ވަޒީފާ އުފެއްދުން ހުތުރު: ދިޔާނާ

އެކި ނަންނަމުގައި މަގާމުތައް އުފައްދައިގެން އާއިލީ މީހުންނަށް މަގާމުތައް ދީގެން ވެރިކަން ކުރުމަކީ ހުތުރު އަދި ނާތަހުޒީބު ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދިޔާނާގެ ފާޑުވިދާޅުވުމުން މިފަހަރު ރައީސް ސޯލިހަށް އަމާޒު ކުރެއްވީ އެތެރޭގެ އެއާޕޯޓުތައް ބަލަހައްޓަން ސަރުކާރުން އުފެއްދި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީ) ގެ ކޮންސަލްޓެންޓަކަށް އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު، މޫސާ ސޯލިހު އެ ކުންފުނިން ހަމަޖެއްސުމާ ގުޅިގެންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވި މޫސާ ސޯލިހަކީ ރައީސް ސޯލިހުގެ ބޮޑުބޭބެ އެވެ. އޭނާ އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ނޮވެމްބަރު 15، 2018 އިގަ އެވެ.

އާރްއޭސީގެ ކޮންސަލްޓެންޓަކަށް މޫސާ ސޯލިހު ނެގި ކަމަށް ލިޔެފައިވާ ހަބަރަކާއެކު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންސަލްޓެންޓް ނުވަތަ އެޑްވައިޒަރު ކިޔައިގެން އެކި ނަންނަމުގައި އާއިލީ މީހުންނަށް މަގާމު އުފައްދައިގެން ވެރިކަން ކުރުމަކީ ހުތުރު އަދި ނާތަހުޒީބު ކަމެއް ކަމަށެވެ.

ދިޔާނާ ވިދާޅުވީ "ނެޕޮޓިސަމް" އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ހޯލްމާކެއް ކަމަށް ބުނެ އުޅުނު ކަމަށާ ނަމަވެސް މިއަދު އަނެއްކާވެސް އެ ހުތުރު ތަހައްމަލު ކުރަން ޖެހުމަކީ ހިތާމައެއް ކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީ އިސްވެ އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެމަނިކުފާނުގެ ވެރިކަމުގައި އާއިލީ ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމުތައް ދެއްވި ކަމެވެ. ނަމަވެސް އެ ވާހަކަތައް މުޅީހެން ހުއްޓި މިހާރު އެމްޑީޕީގެ ވެރިކަމުގައި އެ ސިފަތައް ފެންނަމުންދާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އަދި ނާއިބު ރައީސް ކަމުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ހުންނެވުން މިއަދު މައްސަލައަކަށް ނުވަނީ ކީއްވެތޯ އެކަމަށް ފާޑުކިޔާ މީހުން ސުވާލު ކުރެއެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ރައީސްގެ އާއިލީ ބޭފުޅުން ތިއްބެވިކަންވެސް އެ މީހުން ފާހަގަަކުރެއެވެ.

ރައީސްގެ ބޮޑުބޭބޭފުޅު ކޮންސަލްޓެންޓަކަށް ހަމަޖެއްސެވި ސަބަބާ ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ އެ ނިންމުން ނިންމެވީ މޫސާ ސޯލިހުއަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކަށްވާތީ ކަމަށެވެ.

"ކޮންސަލްޓެންޓެއްގެ ގޮތުގައި ޑޭޓްޑޭ ވޯކްގެ ގޮތުގައި ކުންފުނީގައި މަސައްކަތް ކުރައްވާނީ. ކުންފުންޏަށް މިއީ ބޭނުންތެރި މަގާމެއް،" ރިޒުވީ ވިދާޅުވި އެވެ.

ރިޒްވީއަކީ ކުރީ މޯލްޑިވިއަންގެ އެމްޑީ ކަމުގައި ހުންނަވައި އަމިއްލަފުޅު މުސާރަ ބޮޑު ކުރެއްވުމުން ވަށް ބޮޑަށް ފާޑުކިޔުންތައް އޮތް ބޭފުޅެކެވެ.