ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެނެސްދޭ އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަން ވެބިނާއެއް ބާއްވައިފި އެވެ.
ސަރުކާރުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ 407 ޓްރެވަލް އެޖެންޓުން ބައިވެރި ވެގެން ޒޫމް މެދުވެރިކޮށް ބޭއްވި މި ވެބިނާގައި ރާއްޖޭގެ ރަށްތައް ވަކިން ގުދުރަތީ ރީތި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ އޮތުމާއި ޓޫރިސްޓުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަަށެވެ.
މީގެ އިތުރުން މިވަގުތު ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް ވެސް ކިޔައިދީފައި ވާނެ ކަމަށެވެ.
މި ވެބިނާގައި ކުރިއަށް ދިޔައިރު ބޭއްވި ގުރުއަތު ނެގުމުން ހޮވުނު ފަރާތަކަށް ބަލްޔޯނީ ރިސޯޓުގައި ފަސް ދުވަހުގެ ހުރުން ދީފައިވެ އެވެ.