އިންޓަނޭޝަނަލް ފުޓްބޯޅައަށް، ޒްލަޓާން އިބްރަހިމޮވިޗް އެނބުރި އައި މެޗުގައި، ޖޯޖިއާގެ މައްޗަށް ސްވިޑެން މޮޅުކޮށް ދިނުމަށް އެހީތެރި ވެދީފި އެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު، ގައުމީ ޓީމަށް އިބްރޮހިމް ވިޗް އެނބުރި އައި މެޗު ސްވިޑެންގެ ލަނޑު ވިކްޓާ ކްލާސަން ކާމިޔާބު ކުރީ އިބްރަހިމޮވިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑާއެކު ސްވިޑެން މެޗު ކާމިޔާބު ކުރީ 1-0 ނެވެ. އުމުރުން 39 އަަހަރުގައި ގައުމީ ޓީމަށް ކުޅެ އިބްރޮހިމޮވިޗް ވެފައި ވަނީ ސްވިޑެންގެ ގައުމީ ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ ކަމުގަ އެވެ.
ސްވިޑެންގެ ވެރިރަށުގައި ކުޅުނު މެޗުގެ ކުރީކޮޅު ޖޯޖިއާއިން ސްވިޑެންއަށް ބާރު ބޮޑު ކުރި އެވެ. ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފަައި ވަނިކޮށް އިބްރޮހިމޮވިޗްގެ މެއިން ބޯޅަ ކޮންޓްރޯލް ކޮށްލައި އޭނާ ބޯޅަ ތަނަވަސް ކޮށްދިނީ ކްލާސަން އެ ބޯޅައަށް އަރާނެކަން އެނގުމުންނެވެ. ކްލާސަން އެންމެ ފުރަތަމަ ބޯޅަ ކޮންޓްރޯލް ނުލިބުނަސް ފަހުން އޭނާ ވަނީ ވެއްޓިގެންފައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
މެޗުގެ ޕޮޒެޝަންއަށް ސްވިޑެން އެހާ ބޮޑަށް އަޅާ ނުލުމުން ޖޯޖިއާއަށް ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ.
"މި ސިސްޓަމަށް ކުޅެން އަހަރެންނަށް ވީ އާ ކަމަކަށް،" މެޗަށް ފަހު އިބްރޮހިމޮވިޗް ބުންޏެވެ. "އެހެން ވެދާނެ. އަހަރެމެން ވަރަށް އާދައިގެ މިސްޓޭކްތަކެއް ހެދީ. އެކަންކަން މަދުކޮށްފިނަމަ އެޓޭކިން ގޭމްގައި އަހަރެމެން މާ ވަރުގަދަ ވާނެ. އަދި ކުޅުންވެސް ރަނގަޅު ވާނެ."
ހަންގޭރީ އަތުން ބަލިވާން ދިޔަ ޕޮލެންޑް ބަލިވުމުން ސަލާމަތްވީ، ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ މެޗުގެ ފަހު ކޮޅުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މެޗު އެއްވަރުވީ 3-3 ންނެވެ. އަލްވާރޯ މޮރާޓާ ފުރަތަމަ ހާފުގައި ލަނޑު ޖަހާފައި ވަނިކޮށް ސްޕެއިން އާ ދެކޮޅަށް ގްރީސް އެއްވަރު ކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.
އުތުރު އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗު އިޓަލީ ކާމިޔާބު ކުރީ 2-0 ންނެވެ. އައިސްލެންޑާ ދެކޮލަށް ޖަރުމަން މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ސެން މެރީނޯ އާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑް ކާމިޔާބު ކުރީ 5-0 ންނެވެ.