ލައިފްސްޓައިލް

ހުވަފެނުގެ ތައުބީރު: ނިދީގައި ވެއްޓެނިކޮށް ފެނޭތަ؟

ނިދާފައި އޮއްވާ ވެއްޓޭ ކަމުގެ އިހްސާސް ކުރެވިގެން ހޭލެވޭ ހެއްޔެވެ؟ އަދި މި ކަހަލަ އިހްސާސަކާއެކު ފުން ނިންޖަކުން ކުއްލިއަކަށް ހޭލެވޭ ހެއްޔެވެ؟ މިއީ ބައެއް މީހުންނަށް އަޖައިބެއް ކަމަށް ހީވެސް ވަރަށް ގިނަ ބަޔަކު ތަޖުރިބާ ކުރާ ކަމެކެވެ. އުސް ތަނަކުން ވެއްޓޭތަން ހުވަފެނުން ފެނުމަކީ އެންމެ އާންމު ހުވަފެން ވެސް މެއެވެ.

މިގޮތަށް ފެންނަ ހުވަފެނުގެ ހަގީގީ މާނަ އެނގިއްޖެނަމަ އަދި މާ ބޮޑަށް ހައިރާން ވާނެ އެވެ. ސައިކޮލޮޖިސްޓުންނާއި ސްލީޕް އެކްސްޕާޓުންގެ ނަޒަރުގައި ވެއްޓެނިކޮށް ހުވަފެނުން ފެންނަ ފެނުން ތަފާތު ގޮތްގޮތަށް މާނަ ކުރެވިދާނެ އެވެ. ހުވަފެން ފެންނަ މީހާގެ ނަފްސިއްޔާތުގެ ގޮތުން، ބެކްގްރައުންޑްގެ ގޮތުން ނުވަތަ އެނޫންވެސް އެސޯސިއޭޝަންތަކުގެ ސަބަބުން ފެންނަ ހުވަފެން މާނަ ކުރެވޭ ގޮތަށް ބަދަލު އާދެ އެވެ.

ނިދީގައި ވެއްޓެނިކޮށް ހުވެފެނުން ފެނުން މާނަ ކުރެވެނީ ކިހިނެއް ހެއްޔެވެ؟

ފުޅާކޮށް ވިސްނާލާއިރު މިގޮތަށް ވެއްޓެނިކޮށް ފެންނަ ހުވަފެނަކީ އެމީހާގެ ނަފްސާނީ ހާލަތާ ގުޅޭ ކަމެކެވެ. އޭގެ މާނައަކީ ކޮންމެހެން އޭނާ ފުން ވަޅުގަނޑަކަށް ވެއްޓެން އުޅެނީއެއް ނޫނެވެ. އޭގެ މާނައަކީ އެމީހާގެ ސިކުނޑީގައި ފޮރުވިފައިވާ އޭނާގެ ނަފްސަށް އުނދަގޫވާ ކަހަލަ ބައެއް ކަންތައްތަކަށް ނަފްސު ހޭލައްވަން އެލާޓް ކުރަނީ ކަމަށް ވެދާނެ އެވެ.

ފަހަރެއްގައި މިފަދަ ހުވަފެނަކީ ތިމާގެ އެ ވަގުތުގެ ހާލަތާ ގުޅޭ އެއްޗަކަށް ވެސް ވެދާނެ އެވެ. މިސާލާކަށް ކޮންމެވެސް ކަމެއްގެ ކޮންޓްރޯލް ގެއްލެން އުޅޭކަމުގެ ނުވަތަ ބެލެންސް ކަޓަން އުޅޭކަމުގެ ސިގްނަލަކަށް ވެދާނެ އެވެ. އެއީ އެމީހާގެ ޒާތީ ދިރިއުޅުމާ ގުޅޭ ނުވަތަ ކައިވެނި ނުވަތަ ލޯބީގެ ގުޅުމާ ބެހޭ މައްސަލައަކަށް ވެސް ވެދާނެ އެވެ. އޮފީސް، ގެ ނުވަތަ ކޮލެޖުގެ ކަމަކަށް ވެސް ވެދާނެ އެވެ.

ތަޖުރިބާކާރުން ބުނަނީ އެހެނިހެން ތަފާތު ހުވަފެންތައް ރަމްޒުކޮށްދޭ ގޮތަށް ވެއްޓެނިކޮށް ހުވަފެނުން ފެނުމަކީ އެ ހުވަފެން ފެންނަ މީހާއަށް ކަމެއް އޮތް ގޮތް އިހްސާސް ކުރެވެން ފެނުނު ހުވަފެނަކަށް ވެދާނެ ކަމަށެވެ. އެމީހާގެ ސަމާލުކަން އެކަމަށް ދެވެން މެދުވެރިވާން ފެނުނު ހުވަފެނަކަށް ވެދާނެ އެވެ. ނުވަތަ ތިމާވެގެން އުޅޭ މައްސަލައަކާ ހެދި ތިމާގެ ނަފްސަށް ކުރިމަތިވެފައިވާ ނާޒުކުކަން އަންގައިދޭން ފެނުނު ހުވަފެނަކަށް ވެސް ވެދާނެ އެވެ.

ހުވަފެން ފެނުނު ގޮތް ދެނެގަތުމަކީ އެ ހުވަފެނެއް ފެނިގެން ގަނެފައިވާ ބިރުން ސަލާމާތް ވުމަށް މުހިއްމު ކަމެކެވެ. އެކި މީހުންނަށް ވެއްޓޭތީ ފެންނަ ހުވަފެން ފެންނަ ގޮތް ތަފާތެވެ. އަދި އޭގެ މާނަ ކުރެވޭ ގޮތް ވެސް ތަފާތުވާނެ އެވެ.

މިސާލަކަށް ހުވަފެނުން ފެނުނީ ބެލެންސް ގެއްލިގެން ވެއްޓޭތީ ހެއްޔެވެ؟ ނޫނީ މީހަކު ކޮއްޕާލީމާ ވެއްޓޭތީ ހެއްޔެވެ؟ ނޫނީ ފެނުނީ އެހެން މީހަކު ވެއްޓޭތީ ހެއްޔެވެ؟ މީގެން ކޮންމެ ގޮތެއް ރަމްޒުކޮށްދެނީ ތަފާތު މާނަ އެކެވެ. ސައިކޮލޮޖީ ބުނާ ގޮތުގައި މި ތިން ގޮތަށް ފެންނަ ހުވަފެން މާނަކުރެވެނީ ތަފާތު ތިން ގޮތަކަށެވެ.

މިސާލަކަށް މީހަކު ކޮއްޕާލީމަ ވެއްޓޭތަން ފެނުނުނަމަ އެއީ އެމީހާ ޒާތީ ދިރިއުޅުމުގެ ކަމެކެވެ. އެއް ކަމަކީ ވަކި ކަމެއް ކުރަން ތިމާ މާ ބޮޑަށް މަސައްކަތް ކުރަނީ އެވެ. އެކަމާ ހެދި މާ ބޮޑަށް ސްޓްރެސްވެފައިވާނަމަ މިފަދަ ހުވަފެނެއް ފެނިދާނެ އެވެ. މިސާލަކަށް އޮފީހުގައި މާ ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަން ޖެހުން، ލޯބީގެ ނުވަތަ ޒަވާޖީ ގުޅުމެއްގައި މައްސަލަތަކެއް ޖެހިގެން އުޅުން ނުވަތަ ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ދިމާވެގެން އުޅުން ފަދަ ކަމަކާ ހެދި މިފަދަ ހުވަފެން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދާ ކަމަށް ހީވެފައިވާ އިރެއްގައި މިގޮތަށް މީހަކު ކޮއްޕާލައިގެން ވެއްޓޭތަން ހުވަފެނުން ފެނިއްޖެނަމަ އޭގެ މާނައަކީ ތިމާގެ ވަށައިގެން އުޅޭ މީހުންނާ ދޭތެރޭ ތަންކޮޅެއް ސަމާލުވާން ޖެހެޔޭ އެވެ. ނުވަތަ އެހެން މީހުންނަށް މާ ބޮޑަށް އިތުބާރު ކުރުން ހުއްޓާލަން ޖެހެޔޭ އެވެ.

އުސް ތަނަކުން ވެއްޓެން ގޮސް ވަކި ހިސާބަކުން ތަނެއްގައި ހިފެހެއްޓި ދެންމެ ދެންމެ ވެއްޓިދާނެ ހެން ހީވާ ފަދަ ގޮތަކަށް އޮއްވާ ހުވަފެނުން ފެނިއްޖެނަމަ އޭގެ މާނައަކީ ހަޔާތުގައި ދިމާވެފައިވާ ކޮންމެވެސް ކަމެއް ރަނގަޅުކުރަން ނުވަތަ ކަމެއް އިސްލާހުކުރަން ތިމާ އެބަ މަސައްކަތް ކުރެޔޭ އެވެ. ފަހަރެއްގައި އެއީ ތިމާގެ ކޮންޓްރޯލް ބޭރުގައި އޮތް ކަމަކަށް ވެސް ވެދާނެ އެވެ.

ލޯބީގެ ނުވަތަ ޒަވާޖީ ގުޅުމުގައި މައްސަލަޖެހި ގުޅުން ކެނޑޭ ހިސާބަށް ދިއުން، އާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި އެކަކު އަނެކަކަށް މޫނުކެނޑުން، ބަޔަކާ ނުވަތަ މީހަކާ ގުޅުން ކެނޑި އަލުން ގުޅުން ބަދަހިކުރަން މަސައްކަތް ކުރުން ފަދަ ކަމެއްގައި އުޅޭ މީހުންނަށް މިފަދަ ހުވަފެން ތަޖުރިބާ ކުރެވޭލެއް ގިނަ އެވެ.

ވަރަށް އުސް ފަރުބަދައެއް ފަދަ ތަނަކަށް ވެއްޓޭތަން ފެނިއްޖެނަމަ ނުވަތަ އުސް ތަނެއްގައި ކިރިޔާ ނުވެއްޓި ހުރެވޭ ހިސާބެއްގައި ހުއްޓާ ފެނިއްޖެނަމަ އޭގެ މާނައަކީ ދިރިއުޅުމުގެ ކަންކަން ތަންކޮޅެއް ލަސްލަހުން ގެންދާށެވެ. މިހާރު ތި ގެންދަނީ މާ ބާރަށޭ ނުވަތަ ހައްދުން ނެއްޓިފައިވާ މިންވަރަށޭ އެވެ. އެމީހާ ވެއްޓި ގޮސް ޖެހޭ ގޮތުން ވެސް ހުވަފެނުގެ ރަމްޒު ބަދަލުވެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އުސްތަނަކުން ވެއްޓި ބިންމަތީގައި ރަނގަޅަށް ދެ ފައި ޖެހޭ ތަން ފެނިއްޖެނަމަ އޭގެ މާނައަކީ ކޮންމެވެސް ކަމެއް އިސްލާހުވުމެވެ. ނުވަތަ ދިމާވެފައިވާ ކޮންމެވެސް ހުރަސްތަކެއް ކާމިޔާބު ކަމާއެކު ގިރާ ކުރެވުމެވެ. ނަމަވެސް ފުން ވަޅުގަނޑަކަށް ވެއްޓި ދެން ވާނުވާ ނޭނގޭކަމަށް ފެނިއްޖެނަމަ އޭގެ މާނަ ކުރެވެނީ ތަންކޮޅެއް ނެގެޓިވް ކޮށެވެ. ފަހަރެއްގައި އެއީ މައްސަލައެއް ދިމާވާން އުޅޭ ކަމުގެ ރަމްޒަކަށް ވެދާނެ އެވެ. ނުވަތަ ކުރާ ކަމަކުން ފެއިލްވާން އުޅޭކަމުގެ ސިގްނަލަކަށް ވެދާނެ އެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތެއްގައި އޭގެ އެންމެ އަޑިއަށް ވެއްޓެން އުޅޭކަމަށް ވެސް ބެލިދާނެ އެވެ.

ބެލެންސް ގެއްލިގެން ވެއްޓޭތަން ވަރަށް އާންމުކޮށް މީހުންނަށް ފެނެ އެވެ. މީގެ މާނައަކީ ތިމާގެ ދިރިއުޅުމުގައި ބެލެންސް ގެއްލިފައިވާ ކަންތައްތަކެއް ހުރުމެވެ. އަދި އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާ ކަމެވެ. ފަހަރެއްގައި އެއީ ފައިސާގެ ދަތިކަމެއް ތަހައްމަލުކުރާތީ ފެނުނު ހުވަފެނަކަށް ވެދާނެ އެވެ. ނުވަތަ އޮފީހުގައި މާހައުލެއްގައި ބެލެންސް ނެތުން ކަމަށް ވެދާނެ އެވެ. ނޫންނަމަ ތަނެއްގައި ހަމަޖެހެން މަސައްކަތް ކުރާތީ ވެސް މިފަދަ ހުވަފެން ފެނެ އެވެ. މިފަދަ ކަންކަމުން އެމީހާގެ ސިކުނޑިއަށް ބަރުވެފައިވާނަމަ ހުވަފެނުގައި ވެއްޓޭތަން ފެނުން އާންމެވެ.

ކުއްލިއަކަށް ހުރެފައި ވެއްޓޭތަން ފެނިއްޖެނަމަ މާނައަކީ އެމީހާގެ ނަފްސަށް އުނދަގޫކުރާ ކަންތައްތަކެއް ހުރީ އެވެ. މިސާލަކަށް ކައްސާލައިގެން ވެއްޓިދާނެ ކަހަލަ ރިސްކު ބޮޑު ކަމެއް ދިރިއުޅުމުގައި ދިމާވެފައި ވުމެވެ.

އެހެން މީހަކު ވެއްޓޭތަން ފެނިއްޖެނަމަ އެއީ ޚާއްސަކޮށް ގާތް މީހަކު ވެއްޓޭތަން ފެނިއްޖެނަމަ އެއީ އެހެން މީހަކު އުންމީދުކުރާ ގޮތަށް ތިމާއަށް ކަންކަން ނުކުރެވިދާނެކަމުގެ ބިރު އޮތީމަ ނުވަތަ ފެއިލް ވެދާނެކަމުގެ ބިރު އޮތީމަ ފެނުނު ހުވަފެނަކަށް ވެދާނެ އެވެ. އަދި އެއީ ހިތުގައި ފޮރުވައިގެން ހުރި ކޮންމެވެސް ކަހަލަ އިހްސާސްތަކެއް ފުނިޖެހިގެން ގޮސް ފެނުނު ހުވަފެނަކަށް ވެދާނެ އެވެ. ނޫނީ ހުވަފެން ފެނުނު މީހާ އެހެން މީހަކަށް ރަނގަޅަށް ކަންތައްތަކެއް ކޮށްދޭން މަސައްކަތް ކޮށް އެކަމެއް ކާމިޔާބު ނުވާ ހާލަތެއްގައި ވެސް މިފަދަ ހުވަފެން ފެނެ އެވެ.

މިކަހަލަ ހުވަފެން ފެނުން ހުއްޓުވިދާނެ ހެއްޔެވެ؟

ތަނަކުން ވެއްޓޭތީ ނުވަތަ އެހެން މީހަކު ވެއްޓެނިކޮށް ފެނުމަކީ ހުވަފެން ފެންނަ މީހާގެ ނަފްސަށް ވަރަށް އުނދަގޫތައް ކުރާނެ ކަމެކެވެ. އަދި މިފަދަ ހުވަފެނެއް ފެނިގެން ފުން ނިދިގެން ކުއްލިއަކަށް ހޭލެވުމުން ކުރެވޭނީ ވަރަށް ހިތްހަމަނުޖެހޭ އިހްސާސެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ހުވަފެންތައް ފެނުމުން ދުރުހެލިވުމަށް އެމީހަކަށް ކުރެވޭނެ އެއް ކަމަކީ ސްޓްރެސް އާ ދުރުވުމެވެ. ދިރިއުޅުމުގެ ބެލެންސް ގެއްލުނަ ނުދިނުމެވެ. މިކަހަލަ ހުވަފެން އާންމުކޮށް ފެންނަނަމަ ސްލީޕް ޖާނަލްއެއްގައި އެ ފެންނަ ހުވަފެންތައް ލިޔާށެވެ. ނުވަތަ ހަނދާން ހުރި މިންވަރަކުން ހަނދާން ހުރި އެއްޗެއް ލިޔާށެވެ. އަދި ދިރިއުޅުމުގައި ކަންކަން ވަމުންދާ ގޮތާއި ހުވަފެނުގައި ފެނުނު ކަންކަމާ ގުޅުވަން މަސައްކަތްކުރާށެވެ.