ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ނުރައްކާތެރި ޖަނަވާރު އަތަށް ލައިގެން ނެގި ފޮޓޯ

އިންޑޮނޭޝިޔާ އަށް ދާދި ފަހުން ޒިޔާރަތްކުރި އެމެރިކާގެ ޓޫރިސްޓަކު އޭނާއަށް ގޮނޑުދޮށުން ފެނުނު ކުޑަކުޑަ ބޯވައެއް ކަހަލަ ޖަނަވާރެއް އަތަށް ލައިގެން ފޮޓޮއެއް ނެގި އެވެ. އޭނާ މި ފޮޓޯ ނެގިއިރު މިއީ ކިހާވަރެއްގެ ނުރައްކާތެރި އެއްޗަކަށް ވެދާނެ ކަމަށް ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ.

ވާޖީނިއާގައި ދިރިއުޅޭ ކޭލިން ފިލިޕްސް ބުނި ގޮތުގައި ނޫކުލައިގެ ކުރެހުމެއް ހުރި މި ބޯވަ ވަރަށް ތަފާތު ވައްތަރެއް ޖަހާތީ އޭނާ އޭތި އަތަށް ނަގާފައި ފޮޓޯއެއް ނެގީ އެވެ.

ހަގީގަތުގައި މި ބޯވައަކީ މުޅި ދުނިޔޭގައި ވެސް ނެތް ވަރުގެ ނުރައްކާތެރި އެއްޗެކެވެ. މިސޮރުގެ ވިހައިން އިންސާނާގެ މަސްތަކުގެ ބާރު ދުއްވާލައި ތިރީހަކަށް މިނިޓް ތެރޭގައި މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކޭލިން އަކަށް އެއްގޮތަކަށް ވެސް މި ކުޑަކުޑަ ދިރުމުގައި ހުރި ނުރައްކާތެރިކަން ހިޔާލަށް ވެސް ގެނެވިފައެއް ނުވެ އެވެ.

ކޭލިން ބުނި ގޮތުގައި އޭނާ އެ ބޯވަ އަތަށް ލައިގެން ވިއްސަކަށް މިނިޓް އެޔާ ކުޅެން އުޅުނެވެ. ނަމަވެސް މި ބޯވައިގެ ހަގީގަތް އެނގޭ މީހުން ބުނަނީ ކޭލިންގެ ފުރާނަ ސަލާމަތްވީ "މުއުޖިޒާތެއް" ފަދަ ގޮތަކަށް ކަމަށެވެ.

މި ސޮރު އަތަށް ލައިގެން ނަގާފައިވާ ވީޑިއޯ ޓިކްޓޮކްގައި ޝެއާ ކުރަމުން ކޭލިން ލިޔެފައި ވަނީ ބާލީއަށް ގޮސް އުޅުނުއިރު އަތަށް ލައިގެން ވީޑިއޯކުރި ބޯވައިގެ ނުރައްކާތެރިކަން އެއްގޮތަކަށް ވެސް އޭރު އިހްސާސް ނުކުރެވުނު ކަމަށެވެ.

"ނަމަވެސް އޭގެ ތިން ގަޑިއިރު ފަހުން ބައްޕައަށް ގުޅައިގެން ވަރަށް ރުއިން،" ކޭލިން ބުންޏެވެ.

މި ވީޑިއޯ އެންމެ 24 ގަޑިއިރު ތެރޭ 5.5 މިލިއަން މީހުން ބަލާފައި ވެއެވެ.

ހެލްތު އޮންލައިންގައި ބުނެފައިވާ ގޮތުގައި މި ބާވަތުގެ ބޯވައަކީ އާދަޔާހިލާފަށް ވިހަ ގަދަ އެއްޗެކެވެ. މިސޮރުގެ ވިހައިން އެންމެ މިނިޓެއް ތެރޭ 20 މީހުން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ދިގު ވެގެން ވެސް ހަތަރު އިންޗިއަށް ވުރެ ދިގު ނުވާ މި ވައްތަރުގެ ބޯވަ ދުނިޔޭގައި އުޅޭ އެންމެ ވިހަ ގަދަ ދިރުމަށް ވަނީ މި ސަބަބާ ހުރެ އެވެ.

މި ސޮރު ދަތް އެޅުމުން މާ ބޮޑު ތަދެއް އިހްސާސް ނުވާނެ އެވެ. ނަމަވެސް އެ ސޮރު ދޫކޮށްލާ ވިހަ ހަށިގަނޑަށް ވަނުމާއެކު ނޭވާ ލާން ދަތިވެ އެންމެ ގިނަ ވެގެން ވެސް 10 މިނިޓް ތެރޭގައި އެ މީހަކު މަރުވާ ކަމަށް ނިއު ޔޯކް ޕޯސްޓްގައި ބުނެފައި ވެއެވެ.

މި ބޯވަ އާ ދާދި އެއްވަރަކަށް ވިހަ ގަދަ އަނެއް ބާވަތަކީ ބޮކްސް ޖެލީފިޝް އާއި ކޯން ސްނެއިލް އެވެ.