ލައިފްސްޓައިލް

ކަސްރަަތަށް ފެށުމުގެ ކުރިން ކޮފީއެއް ބޯލުމުން މާ ފައިދާ ބޮޑު

ކޮފީ ބޯ މީހުންނަށް އުފާވެރި ޚަބަރެކެވެ. ހެނދުނުގެ ނިދިން ހޭލައްވާ އެއްޗަކަށް ރަނގަޅު ކޮފީ ތައްޓެއް ވާފަދައިން ކަސްރަތު ކުރުމުން ސަރުބީ ވިރުވައިދޭން ބާރު އަޅާ އެއްޗަކަށް ވެސް ކޮފީ ވާ ކަމަށް ފަހުގެ ދިރާސާ އަކުން ވަނީ ހާމަ ވެފަ އެވެ.

ކަސްރަތުކުރަން ދިއުމުގެ ކުރިން ކޮފީ ތައްޓެއް ބޯލުމުން ބަރުދަން ލުއިކުރުމަށް ރަނގަޅު އެހީތެރިކަމެއް ލިބޭ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ކުރިން ގަބޫލު ކުރެވިފައި އޮންނަނީ ކޮފީ އަކީ ސިއްހަތަށް އެހާ ރަނގަޅު ބުއިމެއް ނޫން ކަމަށެވެ. ނަމަވެސް ކޮފީ އަށް ދެވި ހިފާފައި ތިބޭ މީހުންނަށް އެ ނުބޮއި ނޫޅެވޭތީ ބޮނީ އެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކޮފީ އަކާ ނުލާ ރަނގަޅަށް ހެނދުނު ވީ ކަމަކަށް ވެސް ނުވެ އެވެ. ނަމަވެސް ކޮފީ ބޮއިގެން ބަރުދަން ވެސް ލުއި ކުރެވޭކަމަށް ސައިންސްވެރިން ބުނުމަކީ ހަމަ ގައިމުވެސް ކޮފީއަށް ލޯބިކުރާ މީހުން ހިތްހަމަޖެހޭނެ ކަމެކެވެ.

ޖާނަލް އޮފް ދަ އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސްޕޯޓްސް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި ކަސްރަތަށް ފެށުމުގެ ކުރިން ވަރުގަދަ ކޮފީ ތައްޓެއް ބޯލުމުން ސަރުބީ ވިރުވާލަން އެހީތެރިވެދޭނެ އެވެ.
ޔުނިވަސިޓީ އޮފް ގްރަނާޑާގެ ފިޒިއޮލޮޖީ ޑިޕާޓްމަންޓުގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި މީހާގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް ތިން މިލިގްރާމް ކޮފީ އަކީ އެމިހާ އެންމެ އެކަށީގެންވާ މިންވަރެއްގެ ސްޓްރޯންގް ކޮފީއެއް ކަމަށް ވަނީ ބަލާފަ އެވެ.

މި ކޮފީ ބޯން ޖެހެނީ އެރޮބިކްސް ކަސްރަތެއް ފެށުމުގެ ބައި ގަޑިއެއްހާއިރު ކުރިންނެވެ. އޭރުން ކަސްރަތުކުރަން ފެށުމުން ސަރުބީ ވިރުވާ ރޭޓް މަތިވެ އެވެ.

މި ހޯދުމުގައި ފާޙަގަ ކޮށްފައިވާ އިތުރު ކަމަކީ ހެނދުނަށް ވުރެ މެންދުރުފަހު ކަސްރަތު ކުރާއިރު ކޮފީ ބޮއިގެން ކަސްރަތުކުރުމުން މާ ރަނގަޅަށް އޭގެ އަސަރު ހަށިގަނޑަށް ފޯރަ އެވެ.

މި ދިރާސާ ކުރީ ކަސްރަތުކުރާ މީހުން ކޮފީ ބުއިމުން ލިބޭ ފައިދާ ނުވަތަ ގެއްލުން ދެނެ ގަތުމަށެވެ. އަދި ކޮފީ ބޮއިގެން ނުވަތަ ނުބޮއި ކަސްރަތުކުރުމުން ސަރުބީ ވިރޭ މިންވަރަށް އަންނަ ބަދަލެއް ހޯދުމަށެވެ.

ހެނދުނު ފަތިހާ ހޭލައިގެން އެއްވެސް އެއްޗެއް ނުކައި ނުބޮއި ހައި ބަނޑާ ކަސްރަތު ކުރުމަކީ އެންމެ ރަނގަޅަށް ސަރުބީ ވިރޭ ގޮތް ކަމަށް އެންމެންނަށް ވެސް އޮންނަނީ ގަބޫލު ކުރެވިފަ އެވެ. ނަމަވެސް މީގެ ވެސް އެއްވެސް ހެއްކެއް ސައިންސްގެ އަލީގައި ހޯދިފައެއް ނެތެވެ. މިކަމަށް ހިތްވަރުލިބޭ ހުރީ ވަރަށް މަދު ދިރާސާ އެކެވެ.