އުތުރުގެ ރަށެއްގައި ގުރޫޕަކުން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ހާދިސާތަކަށް ފަހު، ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން ރޭ ބުނީ އެ މައްސަލަ މިމަހުގެ 10 ވަނަ ދުވަހު ފެމިލީ އެންޑް ޗިލްޑްރެން ސާވިސަސް އަށް ހުށަހެޅުމާއެކު ކުއްޖާއަށް ރައްކާތެރި މާހައުލެއް ހޯދައިދީ އެކަން ކަށަވަރުކޮށްފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ފުލުހުންގެ ސަމާލު ކަމަށް ގެންގޮސް ގުޅުން ހުރި އެހެން ފަރާތްތަކަކާ އެކީ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އިތުރަށް ބުނީ އެ ހާދިސާ ތަހުގީގުކޮށް ކުށްވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށެވެ.