ބޮލީވުޑް

ޝާހްރުކް "ޕަތާން" ކުޅެދެނީ 100 ކްރޯޑަށް!

ތިން އަހަރު ފިލްމު ކުޅުމާ ދުރުގައި ހުރެފައި ޝާހްރުކް ޚާން އެނބުރި އައުން ފާހަގަ ކުރާ ފިލްމު "ޕަތާން" ގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަ ދެއެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ޝާހްރުކް ކުޅެން އެއްބަސް ވެފައިވަނީ ރެކޯޑް އަދަދެއްގެ ފައިސާއަށް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

ފިލްމު ކްރިޓިކް، އުމައިރު ސަންދޫ ކުރި ޓުވީޓެއްގައި ވާގޮތުން ޝާހްރުކް ވަނީ އޭނާ ފިލްމު ކުޅެދޭ އަގު ވަރަށް ބޮޑު ކޮށްފަ އެވެ. އެގޮތުން "ޕަތާން" ކުޅެދެނީ ރެކޯޑް އަދަދެއްގެ އަގަކަށެވެ. އޭނާ މި ފިލްމަށް 100 ކްރޯޑު އިންޑިއާ ރުޕީސް ޗާޖްކުރާ ކަމަށާއި މިއީ މިހާތަނަށް އެއްވެސް އެކްޓަރަކު ކިޔާފައިވާ އަގެއް ނޫން ކަމަށް ސަންދޫގެ ޓުވީޓުގައި ވެއެވެ.

ކުރިން އެންމެ ބޮޑު ފީ އަކަށް ފިލްމު ކުޅެދެނީ ސަލްމާން ޚާން އާއި އަކްޝޭ ކުމާރެވެ. ނަމަވެސް އެއިން އެކްޓަރަކު ވެސް މިހާ ބޮޑު ފީއެއް މިހާތަނަށް ނަގާފައެއް ނެތެވެ.

"ޕަތާން" ގައި ބަތަލާގެ ރޯލު ކުޅެނީ ދީޕިކާ ޕަދުކޯން އެވެ. ޖޯން އަބްރަހަމް ފެންނާނީ ނުބައިބައި އިސް މީހެއްގެ ރޯލުންނެވެ. އަދި ސަލްމާން ޚާން މެހެމާނެއްގެ ރޯލުން ފެންނާނެ އެވެ. މި ފލްމުގައި ސަލްމާން ކުޅެންޖެހޭ ކުރު ރޯލުގެ ޝޫޓިން މިހާރު ނިންމާފައިވާއިރު ދީޕިކާ އާއި ޖޯން ކުޅެން ޖެހޭ ބައި އަދި ޝޫޓް ކުރަން ނުފަށަ އެވެ.

ސިދާރްތު އާނަންދް ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ކުރިޔަށް އެބަދެ އެވެ.

ފިލްމުގެ މައުލޫމާތު އެނގޭ މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ޑައިރެކްޓަރުގެ ނެރޭޝަން އަޑުއަހާފައި މި ފިލްމުގެ މަސައްކަތް އެންމެ އަވަހަށް ކުރަން ޝާހްރުކް ނިންމީ ސްކްރިޕްޓާ މެދު ހިތްހަމަޖެހުނުލެއް ބޮޑުކަމުންނެވެ.

"ޕަތާން"ގެ މިއުޒިކް ތައްޔާރުކޮށްދެނީ ވިޝާލް-ޝޭކަރް އެވެ. މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ އެމީހުންކަން އިއުލާން ކުރުމުގެ ގޮތުން ވިޝާލް ކުރި ޓުވީޓެއްގައި މިއީ މިހާތަނަށް ބޮލީވުޑުން ފެނިފައި ނެތް ވަރުގެ މާ ބޮޑު ޕްރޮޖެކްޓެއް ކަމަށް ބުނެފައި ވެއެވެ. އަދި ޝާހްރުކްގެ އެނބުރި އައުމަށް މުޅި ދުނިޔެ އިންތިޒާރުކުރަމުންދާ ކަމަށް ވެސް ވިޝާލްގެ ޓުވީޓްގައި ބުނެފައި ވެއެވެ.