(ބާރަވަނަ ބައި)
"އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އަހަރެން މި ނައްޓައިލީ މާލެ. އިހަށް ހަމަޖެހިލައިގެން ސަފާރީގައި މަޑުކޮށްލާ. އަލޫކާ ދެމީހުން އެކީގައި ތިބޭތި، ވާނުވާ އަންގާނަން." ހަމޫދު އެއް ނޭވާއިން އަމުނައިލިއެވެ.
ހަނީފާއަށް ނޭނގޭ ގޮތްތަކެއް ވާންފެށިއެވެ. ބޮލަށް ބަރުޖެހި އޯކަށް ދެމެވޭ ގޮތްވާން ފެށީއެވެ. ސެންޓުގެ ވަހެއް ޖެހޭއިރަށް އެ އުނދަގޫ ތަކުރާރުވާ ގޮތްވިއެވެ. ހެނދުނު ހޭލާ ހިތް ނުވެ އެނދުގައި އޮންނަ ހިތްވަނީއެވެ. އަރާމުކޮށް ނިދައިލަން ބޭނުންވަނީއެވެ. ބޮލަށް އަރާފައި ހުންނަ ބާރުތަކުން ލޮލާއެކު ނިތަށް ވެސް ވާންވަނީއެވެ.
"މިހާރަކަށް އައިސް ހާދަބޮޑު ބަދަލެއް ތިއަންނަނީ." ހަމޫދުގެ އަތްދަނޑި މަތީގައި އަތްއަޅައިގެން އޮތް ހަނީފާގެ މޫނުގައި ތުންފަތް ޖައްސާލަމުން ހަމޫދު ބުނެލިއެވެ.
"ސަފާރީއަށް ދިޔަފަހުންވީ ގޮތެއް." ހަނީފާ ލަސްލަހުން ބުނެލިއެވެ.
"އެކަމަކު މިހާރު ތިން މަސް ވަނީއެއް އެތަނަށް ދިޔަ ފަހުން." ހަމޫދު ނިތަށް ދެތިން ރޫއަރުވައިލިއެވެ.
"އާނ! އަރާމު ވެސް ކުރެވިއްޖެ ދޯ." ހަނީފާގެ ހިމަހޯލި އިނގިލިތަކުން ހަމޫދުގެ މޭމަތީގައި ހުރި އިސްތަށި ތަކާ ކުޅެލިއެވެ.
"ޑޮކުޓަރަށް ދާން ހިނގާ." ހަނީފާ ގަޔާލާ ފިއްތައިލަމުން ހަމޫދު ބުނެލިއެވެ.
"އޭނ! ކިހިނެއްވީ؟ އަހަރެން ބަލީތަ؟"
"ޔަގީން ކުރަން. އޮފީހުގަ ހިނގި އަލިފާނުގެ ހާދިސާއިން މުޅި ތަން އަނދައިގެން ދިޔަފަހުން ހަނީ ރަނގަޅަށް ނިދަނީކީ ނޫން. އަބަދު ތިޔަ އިންނަނީ ފިކުރަކަށް ގެއްލިފަ. ހާސްވެ ކަންބޮޑު ވެފަ. ބަލައިބަލަ. މީހާގެ ދެ ލޯ ކައިރި ހީވަނީ އެތައް ދުވަހަކު ބަލި އެނދުގައި އޮތް މީހެއްހެން. މި ލޯބިލޯބި ތުންފަތް ވެސް، ބަލައިބަލަ. މި ހުންނަނީ ހަންފޮޅި އަބަދު ލޭހިލިހިލި." ހަނީފާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ހަމޫދު ބުނެލިއެވެ.
"ނޭނގެ މި ވާ ގޮތެއް. ތި ވެސް ހަމަ ރަނގަޅު ވާހަކަތަކެއް. އެކަމަކު އަހަރެން ބައްޔެއް ނޫނޭ."
"އަހަންނަށް ހީވަނީ ހަނީ މާ ބޮޑަށް ވިސްނަނީހެން. މާ ބޮޑަށް ފިކުރު ކުރަނީހެން. މީހާ ސްޓްރެސްވުމަކީ ވެސް ގޮތް ނޭނގޭ އެތައް ބަލިތަކަކަށް މީހާ ހުށަހެޅިދާނެ ކަމެއް." ހަމޫދު ލޯބިން ފިރުމައިލީ ހަނީފާގެ އިސްތަށި ގަނޑުގައެވެ.
"ތިބުނީ އަހަރެން ނަފުސާނީ ވިއްޔޭތަ؟" ހަނީފާ ދެ ބުމަ ކައިރިކޮށްލަމުން އަހައިލިއެވެ.
"ދެން ޕްރެގް؟ އެކަމަކު." ހަމޫދު ސުވާލުގެ ނަޒަރުން ބަލައިލީ ހަނީފާގެ ލޮލަށެވެ.
"އޭނ. ކީކޭ؟ ކީއްވެ؟" ހަނީފާއަށް ބަލައިލެވުނީ ސީދާ ހަމޫދުގެ ދެ ލޮލަށެވެ.
"ވެގެން ނުވާނެ." ހަމޫދު ޔަގީންކަމާއެކު ބުނެލިއެވެ.
"ކޮން ގްރެޓްސް، ސެވަން ވީކް." ޑޮކުޓަރު ހިނިތުންވެލަމުން ބައިލައިލީ ހަނީފާއާއި ހަމޫދުގެ މޫނަށެވެ.
ހަނީފާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމޫދަށް ހައިރާންކަން ލިބުނެވެ. އޭނާއަށް ބަލައިލެވުނީ ހަނީފާގެ މޫނަށެވެ.
ހަނީފާ ވެސް ބަލައިލީ ސީދާ ހަމޫދުގެ މޫނަށެވެ. ދެމީހުން ހަތަރުކަޅި ހަމަވިއެވެ. ދެ ލޮލުގެ ތެރެއިން ނޭނގޭ ވާހަކަތަކެއް ހިއްސާކުރެވެމުން ދިޔައެވެ. އެތައް ވާހަކަތަކެއް ތަކުރާރުވާހެން ހީވަމުން ދިޔައެވެ.
ހަނީފާގެ ދެ ލޮލަށް ޖަމާވި ކަރުނަތައް ގަދަކަމުން ފޮރުވަން އޭނާ މަސައްކަތްކުރިއެވެ. އޭނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"ސެކަންޑް ބޭބީ ދެއްތޯ." ޑޮކުޓަރު މޫނުމަތީ ބޮޑު ހިނިތުންވުމެއް ކުރަހައިލިއެވެ.
"އާދެ." ހަމޫދުގެ އަޑު ހުރީ ކުރެހިފައެވެ.
"ކިހިނެއްތޯވީ؟" ކަމެއް ގޯސްވިހެން ހީވެގެން ޑޮކުޓަރު ސުވާލުކޮށްލިއެވެ.
ހަނީފާއަށް ބަލައިލެވުނީ ހަމޫދުގެ މޫނަށެވެ. ހަމޫދު ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ މޫނުގައި ބޮޑު ހިނިތުންވުމެއް ކުރަހައިލަމުން ނޭވާއެއް ބޭރުކޮށްލަމުން މޫނުގައި އަތްފިރުމައިލިއެވެ.
"އަޅުގަނޑުމެން ޔަގީންކުރަން ބޭނުން." ހަމޫދުގެ ލޮލަށް ގިނަވި ކަރުނަތައް އޭނާ ހިންދައިލަން މަސައްކަތްކުރިއެވެ.
"މައްސަލައެއް އުޅެނީތޯ؟ އަނެއްކާ އަންވޯންޓެޑް ޕްރެގްނެންސީއެއްތޯ؟" ޑޮކުޓަރ ސުވާލުގެ ނަޒަރުން ބަލައިލިއެވެ.
"ނޫން. ވަރަށް ޓްރައިކޮށްފިން. ކުރިން ވެސް ތިކަހަލަ ރިޒަލްޓެއް ދައްކައިގެން ވަރަށް އުފަލުން ތިއްބާ ފަހުން އެނގުނީ އެއީ ލެބްގެ މިސްޓޭކަކުން ހިނގި އިންސިޑެންޓެއްކަން." ހަމޫދު އޮޅުންފިލުވައިދިނެވެ.
"އެހެންތަ؟ އިންސިޑެންޓެއް ހިނގައިފާނެ. އެކަމަކު ހަނީފާ ދެއްކި ވާހަކަތަކާއި މި ރިޒަލްޓަކުން ފެންނަ އެއްޗަކާ ވަރަށް ބޮޑަށް ގުޅޭ،" ޑޮކުޓަރު އިތުރު ސުވާލެއް ނުކޮށް ބަލައިލީ ސީދާ ހަނީފާގެ މޫނަށެވެ. "ކުރިން ދެއްކެވީ ކޮން ޑޮކުޓަރަކަށްތޯ؟"
"އިންޑިޔާއަށް." ހަމޫދު ގަސްތުގައި ދޮގެއް ހެދިއެވެ.
ހަމޫދާއި ހަނީފާ ތިބީ ޓެސްޓު ހެދުމަށް ޓަކައި ކިއުގައި މަޑުކޮށްލައިގެންނެވެ. ކުއްލިއަކަށް ހަނީފާ ފެންބޮވައިގަނެގެން ފެން ފުޅިއެއް ގަންނަ ހަނީފާ އެދުމުން ހަމޫދު ބޭރަށް ނުކުތެވެ. ހަމޫދު ބާރަށް ނުކުތް ވަގުތު އެ މަގުން ވާސިފަށް ހުރަސްކޮށްލެވުނެވެ. ވާސިފުގެ ލޮލުގައި އަޅައިގަތީ ކިއުގައި އިން ހަނީފާއެވެ. ހަނީފާގެ ކައިރީ ހުސްކޮށް ހުރި ގޮނޑީގައި އޭނާ ގޮސް އިށީނެވެ.
"ކޮންކަމެއްގަ ކިއުގަ؟" ވާސިފު އަހައިލިއެވެ.
"ޓެސްޓުތަކެއް ހަދަން." ހަނީފާ ރުންކުރު ރާގެއްގައި ބުނެލިއެވެ.
"ކޮން؟ ބަލިވީތަ؟" ވާސިފު ނިތް އަރުވައިލަމުން ބުނެލިއެވެ.
ހަނީފާ އަނގައިން ނުބުނެ އިރުކޮޅަކު އިނެވެ. ވާސިފު ބޭނުންވީ ޔަގީން ކުރާށެވެ. އެހެންވެ އޭނާ ތަކުރާރުކޮށް ސުވާލު ކުރާން ފެށިއެވެ.
"އަނެއްކާ އުފާވެރި ޚަބަރެއް އޮތީތަ؟" ވާސިފު އަހައިލިއެވެ.
ހަނީފާ ބަލައިލީ ސީދާ ވާސިފުގެ މޫނަށެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހޭ ކަން ދައްކާލިއެވެ. ތުންފަތަށް ގޮތެއް ހަދައިލަމުން ދެ ބުމަ ކައިރިކޮށްލިއެވެ.
"ކަލޭ ބޭނުންވަނީ އަހަރެން ކަނޑުފައްތާ މަރަންތަ؟" ހަނީފާ ދަތްކުނޑި ވިކައިގަތެވެ.
"އާނ! އަހަންނަކީ ވަރަށް ދަހިވެތި މީހެއް. އަމިއްލަ އެދުން ބޮޑު މީހެއް،" ވާސިފު ވައި އަޑުން ބުނެލިއެވެ. "ނުލަފާ ވެއްޖެ ނަމަ ވަރަށް ނުލަފާ މީހެއް. މަށަށް ރަހަ ނުބެލުނު މަލެއްގެ ވަސް އެހެންމީހަކު ބަލާތަން ބަލަން މަށަށް ކެތެއް ނުވާނެ."
"އޭރުވެސް އަހަރެން ބުނިހެން ކަލޭއަކީ ހަމަ ކަލޭ. ދުވަހަކުވެސް... ދުވަހަކު ވެސް ކަލޭ އިސްލާހެއް ނުވާނެ. ރަނގަޅެއް ނުވާނެ." ހަނީފާ ދަތްކުނޑި ވިކައިލަމުން ލަސްލަހުން މަޑުމަޑުން ބުނެލިއެވެ.
"ހަނދާންކުރާތި! އަހަރެންގެ ދަރިއަށް ގޮތެއް ހަދައިގެން ނުވާނެ. ކަލޭމެންގެ ހަރަކާތްތަކަށް އަހަރެން ފާރަވެރިވާނަން. މަށަށް ޔަގީންކަން އެބައޮތް ތީ މަގޭ ދަރިއެއްކަން." ވާސިފު މޫނަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.
ހަނީފާއަށް ބަލައިލެވުނީ ވާސިފުގެ މޫނަށެވެ. އޭނާއަށް އެހާ ޔަގީންކަން ލިބުނު ގޮތެއް ނޭނގޭތީއެވެ. އެހެންވެ އޭނާ އިނީ ހުއްޓުން އަރައިފައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ސިކުނޑީގައި ކުރެހެމުން ދިޔައީ ވާސިފުގެ ފޯނުން ދެއްކި މަންޒަރުތަކެވެ. އެހެންވެ އޭނާގެ ދެ ލޮލަށް ކަރުނަތައް ގިނަވާން ފެށިއެވެ. އޭނާ އެކަން ސިއްރުކުރަން މަސައްކަތްކުރިއެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވަމުން ހިތްވަރުކޮށްލިއެވެ.
"ކޮން ކަމެއް ކުރެވޭނީ؟" ހަނީފާ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.
"ހުރިހާ ކަމެއް ވެސް. ކަލޭ އަހަންނާ ދިމާއަށް ބުނީ ކީކޭ؟ އަހަންނަށް ކަލޭއާ ހަމައަށް ނާދެވޭނޭ. އެކަމަކު ކަލޭއަށް އެނގޭނެ އަހަންނަށް މިހާރު ކަންކަން ކުރެވޭނެކަން. ކަލޭ ބޭނުން ނުވިޔަސް ކަލޭ ވެސް ރުހުމުގަ ކަންކަން ކުރީ. އެކަމުގެ ހެކިތައް އަހަރެން އަތުގައި އެހުރީ. ގޮތެއް ހަދައިލައިފި ނަމަ ހުރިހާ އެއްޗެއް ލީކްކޮށްލާނަން." ވާސިފު އިންޒާރުދޭން ފެށިއެވެ.
"ފުލުހުންނަށް ރިޕޯޓްކުރާނަން. އަހަރެން ނުގަބޫލުގަ، ނުރުހުމުގަ ކަލޭ އަހަރެންގެ ބޭނުންކުރިކަމަށް އަދި އަހަރެން ބުލެކް މެއިލް ކުރުމަށް އެ ވީޑިއޯތައް ބޭނުންކުރާކަމަށް." ހަނީފާ ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.
ވާސިފު ގާތަށް އައީ ހިންޏެވެ. އޭނާ ލަސްލަހުން ހެމުންހެމުން ހަނީފާގެ މޫނާ ކައިރިވެލިއެވެ. ހަނީފާ ދުރަށް ޖެހިލިއެވެ. ވަށައިގެންވާ މީހުންނަށް އޭނާ ބަލައިލިއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އިވިދާނޭ ހިތާ ހާސްވާ ގޮތްވިއެވެ.
"ރިޕޯޓްކޮށްލާ، ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ހަމޫދު ކަލޭ ވަރިކޮށްލައިފަ އެއްލައިލާނެ. އޭރުން ބިކަވާނީ ވެސް ކަލޭ. ނިކަމެތި ވާނީ ވެސް ކަލޭ."
"ކަލޭއަކަށް ނޭނގޭތަ އަހަރެން ބަނޑުބޮޑުވުމުން ދެން ނުކުންނާނެ މައްސަލަތަކެއް." ހަނީފާ ނުބުނަށް އޮތް ވާހަކަ ވެސް ބުނެވުނެވެ.
"ކީއްވެ މައްސަލައެއް ނުކުންނަންވީ؟" ވާސިފަށް ލިބުނީ ހައިރާން ކަމެވެ.
ހަނީފާ ހިމޭންވިއެވެ. އޭނާގެ ބަސް ހުއްޓުނެވެ. ދުޝްމަނެއްގެ ހަތިޔާރު ތޫނު ކޮށްދެވިއްޖެ ކަމަށް އޭނާ ހިތްބުނެލިއެވެ. ހަނީފާއަށް ލަސްލަހުން ހިންދިރުވާލެވުނެވެ. މީހާ ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ.
"ޕްލީޒް، އަހަންނަށް ތިހެން ނުހަދާ. އަހަރެން މިކަމުން މިންޖުވާނެ ގޮތެއް ހަދައިދީ. އާދޭސްކޮށްފަ ބުނަން. އަހަންނާ ހަމޫދާ ވަކިވާނެ ކަމަކަށް މިކަން ވިޔަ ނުދީ." ހަނީފާއަށް ގިސްލެވެން ފެށުނެވެ.
ވާސިފު ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. އޭރު އެތަނުގައި ތިބީ މަދު ބަޔެކެވެ. އެމީހުން ވެސް ތިބީ ތަންކޮޅެއް ދުރުގައެވެ. އެހެންވެ އޭނާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
"އެހެންވީއިރު އަހަރެން ބުނާ ގޮތެއް ހަދައިދީ. އަހަރެން ބުނާ ކަމެއް ކޮށްދީ. ތިއީ އެއްވެސް މައްސަލައަކަށް ނުވާނެ. ބޮޑު ކަމަކަށް ނުވާނެ." ވާސިފު ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.
އޭނާގެ ވިހަ ހިނިތުންވުމުގެ ފަހަތުގައިވަނީ ކޮންކަމެއްކަން ހަނީފާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާ އެކަމަށް އެއްބަސްވާން މަޖުބޫރުވިއެވެ.
"އެއްބަސް." ވިސްނައިލުމެއް ނެތި ހަނީފާ ބުނެލިއެވެ. (ނުނިމޭ)