ދުނިޔެ

މިއަންމާގައި އިލެކްޝަން ބާއްވާނެ: އަސްކަރިއްޔާ

މިއަންމާގައި ކުރިން ވެސް އެއްބަސްވި ގޮތަށް އިލެކްޝަން އޮންނާނެ ކަމަށް އަސްކަރީ ލީޑަރު މިން އަންގް ހްލަންގް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ. އަހަރީ އާމީ ޑޭ ޕެރޭޑްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއީ ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.

އަސްކަރީ ލީޑަރު ވިދާޅުވީ ފެބްރުއަރީ 1 ގައި ގައުމު ހިފަހައްޓަން ޖެހުނީ މުއައްސަސާތަކުން ގާނޫނާ ޚިލާފުވެފައި ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގި ޕާޓީ، ނޭޝަނަލް ލީގު ފޮ ޑިމޮލްރަސީ (އެންއެލްޑީ) މެމްބަރުން ވެސް ނުބައި އަމަލުތަކުގައި ބައިވެރިވި ކަމަށެވެ. އަން ސަން ސޫކީ އަދި އިސްލީޑަރުން ހައްޔަރުކުރަން ޖެހުނީ އެހެންވެ ކަމަށެވެ.

މިން އަންގް ވިދާޅުވީ ކޮރަޕްޓްވެފައި ތިބި މީހުންނާ ދެކޮޅަށް ޝަރީއަތް ހިންގަމުން އަންނަ ކަމަށާއި ކިތަންމެ ބަޔަކު ކުށްވެރިވެފައި ތިބި ކަމަށެވެ.

މިއަންމާގައި މިއަހަރު ފެބްރުއަރީ 1 ގައި އަސްކަރިއްޔާއިން މަދަނީ ސަރުކާރު ވައްޓާލައި ގައުމަށް ގަދަވެގަތް ފަހުން މުޅި ގައުމު ވަނީ ރޫޅިފަ އެވެ. އަސްކަރީ ވެރިކަމާ ދެކޮޅުހެދުމަށް މަގުތަކަށް ނިކުންނަ އާންމުންނަށް ސިފައިނާ ފުލުހުން ހަމަލާދިނުމުގެ ސަބަބުން 149 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ. އަދި މިހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 600 އަށް ވުރެ ގިނަ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.