ހަބަރު

އެއްވެސް ހުރަހެއް ނެތި އިންތިޚާބުތަކުގައި ވާދަ ކުރެވެންޖެހޭނެ: ނަޝީދު

Jan 13, 2015

އެއްވެސް ހުރަހެއް ނެތި އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު އެންމެނަށް ވެސް އޮންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ހުރަހެއް ނެތި ކޮންމެ މީހަކަށް ވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި ޑިމޮކްރަސީގެ އުސޫލަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ އެންމެ މުހިންމުއެއް އުސޫލަކީ ވެސް އެއީ، ރައްޔިތުން ނިންމާނީ އެ މީހުންގެ މައްޗަށް ބަސް ކިޔާނީ ނުވަތަ ކޮން ސަރުކާރަކުން ނުވަތަ ކާކުތޯ ވެރިކަން ކުރާނީ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޖެއްސުމާއި އުނދަގޫ ކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން އެފަދަ ކަންތައްތައް ކުރާނެ ކަމަށާއި ނަމަވެސް އެކަމާ މާ ބޮޑަށް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް ކިތަންމެ ބޮޑުވިޔަސް ކަންކަން ނިމިގެންދާނީ ތަގްދީރުގައި ލިޔެވިފައި އޮތްގޮތަށް ކަމަށާއި ބޭރު އެހެން ގައުމުތަކުގައި ކަންކަން ހިނގަމުންދާ ގޮތުން ވެސް އެކަން ސާފުވެގެންދާ ކަމަށް ވިދާޅުވި އެވެ. އެފަދަ ނުބައި ރޭވުންތައް ކާމިޔާބު ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފަ އެވެ. އަދި އިސްތިއުފާ ދޭ ރައީސުންނަށް އަލުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން މަސައްކަތް ކުރާކަމުގެ އަޑުތައް ވެސް ވަނީ ފެތުރެން ފަށައިފަ އެވެ.