ރައީސް މުހައްމަދު ނަޝީދު

"ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ނޭދޭނެ"

ވައްކަންކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ޑުބާއީ ކުންފުންޏެއް މެދުވެރިކޮށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައަށް އިޝާރާތް ކުރައްވަ އެވެ. އެ މައްސަލަ ޕްރޮސިކުއިޓާ ޖެނެރަލް އޮފީހުން ދެވަަނަ ފަހަރަށް ބެލުމަށްފަހު ވެސް ނިންމާފައި ވަނީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާ ށެވެ.

އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަަމަށެވެ. އަދި އޭރުން ސަރުކާރުން އެކަމުގައި ބައިވެރިވުން އޮތް ކަމަށް ފެނިދާނެ ކަމަށެވެ.

"ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ. މިކަންކަން ބަދަލުކުރަން ޖެހޭ އަދި. ރައްޔިތުންނާ އެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ކުރިއެރުމެއް ނުލިބޭތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަސް ޝިއުނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ރައީސް ނަޝީދު ވަނީ ތާއީ ދުކުރައްވައިފަ އެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން ކުރެވެނު ތުހުމަތުތަކާ ގުޅިގެން ކުރިން ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ
އަމީން ވަނި މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އަދި އެ މައްސަލައިގައި ދެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ވެސް ކުރި އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.