ޅ. ހިންނަވަރުން ކޮވިޑް-19އަށް ޓެސްޓް ކުރި މީހަކު ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.
އެޗްޕީއޭ އިން ބުނީ ހިންނަވަރުގައި ކޮވިޑް 19ގެ އަލާމާތްތަކަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވުނު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހާއާ ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ހެދުމަށްޓަކައި ހިންނަވަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ މައުލޫމާތު ދީފަ އެވެ.
ހިންނަވަރުގެ އިތުރުން ޅ. ނައިފަރުގައި ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ތިބުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ނައިފަރު ވެސް މޮނިޓަރިން އަށް ލާފަ އެވެ.
ހިންނަވަރާއި ނައިފަރުން ކޮވިޑް 19 އަށް ޕޮޒިޓިވް ބަޔަކު ފެނިފައިވާއިރު އެ އަތޮޅުގައި ހިންގަމުން ގެންދާ ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރަމުން ދިޔަ 66 މީހަކު ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފަ އެވެ. އެހެންކަމުން އެ ރަށް ވެސް ވަނީ މޮނިޓަރިން އަށް ލާފަ އެވެ.
އެޗްޕީއޭ އިން ވަނީ ރާއްޖޭގެ އުތުރުގައި ސަރަހައްދީ ދެ ހޮސްޕިޓަލް ހިންގަމުން ގެންދާ ރ. އުނގޫފާރާއި ހދ. ކުޅުދުއްފުށިން ކޮވިޑް 19 އަށް ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން މި ދެ ރަށްވެސް މޮނިޓަރިން އަށް ލާފަ އެވެ.