ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަލީގެ ބިރު ބޮޑު، އަދިވެސް ނަތީޖާ ނުލިބޭ: ހިންނަވަރު ކައުންސިލް

ޅ. ހިންނަވަރުގައި ކޮވިޑް-19ގެ ބަލި ފެތުރިފައި އޮތް މިންވަރު ސާފު ނުވާތީ ރައްޔިތުންގެ މެދުގައި ބަލީގެ ބިރުވެރިކަމެއް އެބައޮތް ކަމަށް ހިންނަވަރު ކައުންސިލުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހީމް ވިދާޅުވީ އެ ރަށުން އެންމެ ފަހުން ނެގި ސާމްޕަލް ތަކުގެ ނަތީޖާ ނުލިބޭތާ ފަސް ދުވަސް ވެއްޖެ ކަމަށެވެ. ނަތީޖާ ލިބުން ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވި އެވެ.

ހިންނަވަރު މޮނިޓަރިންނަށް ލީ ކޮވިޑް-19ގެ އަލާމާތްތަކަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވުނު މީހަކު އެރަށުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ މީހާއާ ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނަގާފައިވާއިރު އެ ސާމްޕަލް ތަކުގެ ނަތީޖާވެސް އަދިވެސް ނުލިބޭ ކަމަށްވެސް ކައުންސިލުން ބުނެ އެވެ.

އަބްދުﷲ ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެރަށުން ނަގާފައިވާ 200 އަށް ވުރެ ގިނަ ސާމްޕަލްގެ ނަތީޖާ ނުލިބިވާ ކަމަށެވެ. އެކަމާ ގުޅިގެން ވަރަށް ބައެއްގެ ޝަކުވާތައް ވެސް ކައުންސިލަށް ލިބިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ނަމަ އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަޅަން އެނގޭނީ ނަތީޖާތައް ލިބުމުން ކަމަށެވެ.

ހިންނަވަރާ އެންމެ ކައިރީގައިވާ ޅ. ނައިފަރާއި، ސިނާއީ ރަށް، ފެލިވަރުން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ވަނީ މޮނިޓަރިންއަށް ލާފަ އެވެ.