ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ސައީދު

ވެންޓިލޭޓަރު ހިޔާނާތަށް ރައީސް ޒިންމާވާންޖެހޭ: ސައީދު

ކޮވިޑް-19 އާ ގުޅިގެން ހޯދަން މަސައްކަތްކުރި ވެންޓިލޭޓަރު ގަތުމަށް ހޭދަކުރި ފައިސާ އަށް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒިންމާވާން ޖެހޭ ކަމަަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީ އަށް ވަނީ އަންގާފަ އެވެ. އެކަމާއި ގުޅިގެން ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕީޖީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ޝަމީމްގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. އަދި ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދީ ސަރުކާރުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ސަރުކާރުގެ ބަޔާނަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އެމްޑީޕީ އާއި ސަރުކާރުން ކުޅެނީ ޑްރާމާއެއް ކަމަށެވެ. ނަމަވެސް ހިޔާނާތް ފޮރުވަން ކުޅޭ ޑްރާމާއިން މި ފަހަރު ރައްޔިތުންގެ ލޮލުގައި އަނދުން ނޭޅުވޭނެ ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ވެންޓިލޭޓަރު ފައިސާގެ ހިޔާނާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު މުއާމަލާތް ހިންގުމުގައި ގޯސްތަކެއް ހުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާތީ އެ މުއާމަލާތްތަކުގައި ކޮރަޕްޝަނެއް އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބޭ ގޮތަށް އަމަލު ކޮށްފައިވޭތޯ ބަލަން ސަރުކާރުން އިސްވެ އޭސީސީ އާއި ފުލުހަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އެންގި ކަމަަށެވެ.

މި މައްސަލައާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލީ ގާނޫނު އަސާސީއން އެކަން މަތިކޮށްފައިވާ މިނިވަން ކޮމިޝަނުން ކަމަށާ އޭސީސީގެ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ފުރިހަމަ އެއްބާރުލުންވެ ސް ދީފައިވާނެ ކަމަށް ރަައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

"... އަދި އެ ތަހުގީގު ހިނގަމުންދިޔައިރު ވީހާވެސް އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލައިގެ ތުހުމަތު ކުރެވުނ ސަރުކާރުގެ އެންމެހައި މުވައްޒިފުން ތަހުގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނު،"

ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕީޖީ އާއީ އޭޖީއަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާ އަދުލުވެރިކަމާއކު ދައުވާ ކުރަން ފުރުސަތު ދިނުމަށް ކަމަށާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެ އުސޫލުތައް ނަގަހައްޓާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރުކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށްވެސް ބުނެފައެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީންވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާ މައްސަލަ ނިންމާފައިވެއެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ގާބިލް ކަމާމެދު ސުވާލު އުފެދިފައިވާ އޭސީސީންވެސް ފުރަތަމަ ނިންމީ ވެންޓިލޭޓަރު ގަތުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަމުގައި މައްސަލައެއް އޮތް ކަމަށް ނިންމާ ދައުވާކުރަން ފޮނުވީ ސިޔާސީ ބޭފުޅުން އެކަން ފެންމަތިކޮށް އޭސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި ފަހުންނެވެ.