ތަނެއްގައި ކުޑަކުޑަކޮށް ރިއްސާލާއިރަށް ނުވަތަ ވަރަށް ކުޑަ ކުޑަ ނުކުޅެދުމެއް އަހަރެމެންގެ ހަށިގަނޑުގައި ހުއްޓަސް އަހަރެމެންނަށް އެކަމާ ވަރަށް ބޮޑަށް ޝަކުވާ ކުރެވެ އެވެ. ނަމަވެސް ބްރެޒީލްގެ ކްލައުޑިއޯ ވިއޭރާ ޑި އޮލިވޭރާ ނުވަތަ ރައްޓެހިންނާއި އާއިލާގެ މީހުން ކިޔާ ނަމުން ނަމަ ކްލައުޑިންހޯ އުޅޭ ހާލު ފެނިއްޖެނަމަ އަހަރެމެން އެކަކު ވެސް އަހަރެމެންގެ ގައިގައި އަޅާ ވޭނާއި ހުރި ނުކުޅެދުންތެރިކަމާ މެދު ޝަކުވާ އެއް ނުކުރާނެ އެވެ. ސަބަބަކީ ޚުދް ކްލައުޑިންހޯ ވެސް އެކަމާ ޝަކުވާ ނުކުރާތީ އެވެ. އޭނާ ހެއްދެވިއިރު ހުރި ހާލުގައި ދިރިއުޅެން ދަސްކޮށްގެން ޝަކުވާއެއް ނެތި އުޅެމުންދާތީ އެވެ.
ކްލައުޑިންހޯ އުފަން ވީއިރު ވެސް އޭނާގެ ހާލަތު ވަރަށް ގޯހެވެ. އޭނާގެ ތުއްތު ހަށިގަނޑުގައި ބޮޑެތި އައިބުތަކެއް ހުއްޓެވެ. ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އެންމެ 24 ގަޑިއިރު ވެސް ދުނިޔޭގައި އޮންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ކްލައުޑިންހޯގެ މައިންބަފައިން ކައިރީގައި އޭރު ބުންޏެވެ. ނަމަވެސް އޭގެ 44 އަހަރު ފަހުން ވެސް ކްލައުޑިންހޯ ދުނިޔޭގައި އެބަހުއްޓެވެ. އޭނާގެ ހުރި މި ނުކުޅެދުންތެރިކަމާއެކު ވެސް އޭނާ ވަނީ ދުނިޔޭގައި އުޅެން ދަސްކޮށްފަ އެވެ. އަދި އެހެން މީހުންނަށް ހިތްވަރުދޭ މޯޓިވޭޝަނަލް ސްޕީކަރެއްގެ ގޮތުގައި ކްލައުޑިންހޯ ވަރަށް ގިނަ ދުވަސް ތަކަކު މަސައްކަތް ކޮށްފައި ވެސް ވެއެވެ.
ކްލައުޑީންހޯ އުފަންވީ ވަރަށް ބޮޑެތި އައިބުތަކަކާ އެކުގަ އެވެ. އޭނާގެ ކަނދުރާ ވަނީ ފަހަތަށް ފަތް ޖެހިފަ އެވެ. އެހެންވެ އޭނާގެ ބޯ ހުރީ އެކޮޅުކޮޅުންނެވެ.
ނިއުޔޯކް ޕޯސްޓުގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކްލައުޑިންހޯގެ މި ބައްޔަކީ ކޮންޖެނިޓަލް އާތުރޯގްރައިޕޯސިސް އެވެ. މީގެ އިތުރުން އޭނާގެ އަތާއި ފަޔަށް މަސްކިއުލާ އެޓްރޮފީގެ މައްސަލަތައް ދިމާވެ އޭނާގެ ދެ އަތް އިންނަނީ މޭގައި ތަތްލާފަ އެވެ. ނަމަވެސް އެހެން އާދައިގެ މީހުން އުޅޭ ފަދަ ހަޔާތެއް ވޭތުކުރުމަށް އޮތް ހުރަހަކަށް އޭނާގެ ނުކުޅެދުންތެރިކަން ހަދާކަށް ކްލައުޑިންހޯ ބޭނުމެއް ނޫނެވެ. އޭނާ އަމިއްލަ ހަށިގަނޑު ދަސްކޮށް އެ ހަށިގަނޑާއެކު އުޅެމުންދާއިރު އެހެން މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދެއްކުމަކީ ވެސް ކްލައުޑިންހޯގެ ޚާއްސަ ސިފައެކެވެ.
ކްލައުޑިންހޯ ފެންނަ މީހުންނަށް ނުވަތަ އޭނާގެ ފޮޓޯއެއް ވެސް ފެންނަ މީހުންނަށް އެ މަންޒަރު ބަލަން އުނދަގޫ ވެދާނެ އެވެ. އަދި އޭނާ އުޅޭނެ ހާލާ މެދު ފިކުރު ބޮޑުވެދާނެ އެވެ. ނަމަވެސް ކްލައުޑިންހޯގެ ވާހަކަ އެއާ މުޅިން ތަފާތެވެ.
"އަހަރެންނަކަށް ދުވަހަކުވެސް އެއްވެސް ކަމެއް ކުރާކަށް އުނދަގުލެއް ނޫން. އަދި ދިރިއުޅޭކަށް ވެސް އުނދަގުލެއް ނޫން. އަހަރެންގެ ހަޔާތަކީ ހަމަ ވަރަށް ނޯމަލް ހަޔާތެއް،" ކްލައުޑިންހޯ ބުންޏެވެ.
ނަމަވެސް މަޖާކުރަން ލޯބިކުރާ މި ހިތްވަރުގަދަ އިންސާނާއަށް ވެސް ކޮވިޑް-19 އިގެ ބަލިމަޑުކަން ތަހައްމަލުކުރަން ޖެހުނެވެ. އޭގެ ކުރިން ވެސް އަހަރެއްހާ ދުވަހު އޭނާ އުޅުނީ އެހެން މީހުންނަށް ވުރެ ދެ ގުނަ ފަރުވާތެރި ވެގެންނެވެ. ނަމަވެސް ބަލި ލައްވާލާ ވަރަށް ބޮޑުވަރު ވިއެވެ.
އޭނާ ބުނި ގޮތުގައި އޭނާ އުފެދިފައިވަނީ އެހެން މީހުންނާ ތަފާތުކޮށް ނަމަވެސް އޭނާ އަމިއްލައަށް ހިނގާ ބިނގާވާން ދަސްކުރި އެވެ. އަދި އުމުރުން ހަތް އަހަރުން ފެށިގެން އޭނާ ހިނގަނީ އެހެން މީހުންގެ އެހީތެރިކަމާ ނުލަ އެވެ. ގޭގައި ހުރެގެން މަންމައާއެކު އޭނާ ވަނީ ލިޔަން ކިޔަން ވެސް ދަސްކޮށްފަ އެވެ.
އަދި މިހާބޮޑު ނުކުޅެދުންތެރިކަމެއް ހުރުމާ އެކުވެސް ކައި ބޮއި ނޭވާ ލައި، ތަންތަން ބަލާކަށް އޭނާއަށް ދައްޗެއް ނޫނެވެ.
ކްލައުޑިންހޯ ވަނީ އޭނާގެ އޮޓޯބައިގްރޮފީގެ ޑީވީޑީއެއް މިހާރު ނެރެފަ އެވެ. އަދި އޭނާ ގެންދަނީ 2000 ވަނަ އަހަރުން ފެށިގެން މޯޓިވޭޝަނަލް ސްޕީޗްތައް ދެމުންނެވެ.