ކްރިސްޓިއާނާ ރޮނާލްޑޯ

ބޭއިންސާފު ނިންމުމާ ހެދި ރޮނާލްޑޯ ރުޅިގަދަ ވެއްޖެ

ސާބިއާ އާއި ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި، ސާބިއާ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ގޯލު ރެފްރީ ގަބޫލު ނުކުރުމުން ރޮނާލްޑޯ ރުޅި ގަދަވެއްޖެ އެވެ.

ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލް ލައިން ހުރަސް ކުރި ފަހުން ސާބިއާގެ ޑިފެންޑަރު ސްޓެފާން މިޓްރޯވިޗް އެ ބޯޅަ ސާފް ކޮށްލި އެވެ. މެޗުގެ ރެފްރީ ޑެނީ މަކޭލީ އެންގީ ޕްލޭ އޮން ކަމަށެވެ. ރޮނާލްޑޯގެ ރުޅި ގަނޑު ކެކިގާތީ އެހިސާބުންނެވެ. އޭނާގެ އަތުގައި އޮތް ކެޕްޓަން ބޭންޑު ނަގައި އެއްލާލި އެވެ.

އެވަރުންވެސް ހިތްހަމަނުޖެހުމާއި ޝަކުވާތަކަށް ހައްލެއް ނުލިބުނެވެ. ޕޯޗްގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ވެސް ބެންޗުގައި ހުރެ މެޗު އޮފިޝަލުންނާ ހަމައަށް ޝަކުވާ ގެންދިޔަ އެވެ. ހައްލެއް ނުލިބުނެވެ. މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

"ޕޯޗްގަލްގެ ކެޕްޓަނަކަށް ވުމަކީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު،" މެޗަށް ފަހު އިންސްޓަގްރާމްގައި ރޮނާލްޑޯ ލިޔެފައިވެ އެވެ.

"އަހަރެންގެ ގައުމަށްޓަކައި އަހަރެން އަބަދުވެސް ދެނީ އަދީ ދެމުންދާނީވެސް އަހަރެންގެ އެންމެ މަތީ ލެވަލް. އެކަން ބަދަލެއް ނުވާނެ. ނަމަވެސް އުނދަގޫ ވަގުތުތައް އާދޭ އަހަންނަށްވެސް ބަލައިގަންނަށް އުނދަގޫ ކަންކަން ކުރިމަތިވާ. ހާއްސަކޮށް މުޅި ގައުމަށް ގެއްލުން ލިބޭ ވަގުތުތަކުގައި."

މެޗު ސާބިއާ އިން އެއްވަރު ކުރީ ދެ ލަނޑުގެ ގެއްލުމުގައި ވަނިކޮށް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ދެ ލަނޑުވެސް ކާމިޔާބު ކުރީ ޑިއޭގޯ ޖޯޓާ އެވެ. ސާބިއާއަށް ލަނޑު ކާމިޔާބު ކޮށްދިން އެލްގްޒެންޑާ މިޓްރޯވިޗް ވަނީ ސާބިއާގެ ގައުމީީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. ފުލަމްގެ ސްޓައިކަރު ރޭ ޖެހި ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމަށް 39 ގޯލް ޖަހައި ދީފަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 63 މެޗު ކުޅެފަ އެވެ. ރޭގެ މެޗުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމޔާބު ކުރީ ފިލިޕް ކޮސްޓިޗް އެވެ.