ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމަކީ ތާރީހީ ބޮޑު ބަދަލެއްގެ ފެށުމެވެ. މިއާއެކު ފުލުހުންގެ ހިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށާއި، ފުލުހުން ޖަވާބުދާރީ ކުރުވުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. މަދަނީ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ސެޕްޓެމްބަރު 1، 2004 ގައި އުފެއްދި ފަހުން މިއަންނަ ބޮޑު ބަދަލަށް މުޅި މުއައްސަސާ އޮތީ ތައްޔާރަށެވެ. ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ފުލުހުން ބޭނުންވެ އެވެ. ފުލުހުންނަށް ހައްގު މަގާމު ހޯދައި ދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ތަސައްވުރެއް އެބަ އޮތެވެ. އޭނާ އުއްމީދުތަކެއް ކުރައްވަ އެވެ. އަމާޒުތަކެއް އެބަ ގެންގުޅުއްވަ އެވެ.
އާ ގާނޫނާއެކު ތަހުޒީބީ ބަދަލުތަކެއް އަންނާނެ
ކޮމިޝަނާ ގަބޫލު ކުރައްވާ ގޮތުގައި އާ ގާނޫނާއެކު ފުލުހުންގެ ހިދުމަތަށް އާ ކަންތައްތަކެއް ތައާރަފްވާނެ އެވެ. ޖަވާބުދާރީ ކުރުވުމަށް މުޅިން އާ ހަރުދަނާ އޮނިގަނޑެއް އުފައްދަން ފުރުސަތު ލިބޭނެ އެވެ. ލޯކަލް ކައުންސިލްތަކާއި ޖުމްލަކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ފަސޭހަ ވާނެ އެވެ. ސްޓްރެޓެޖިކް ޕޮލިސް ރިކުއާމެންޓެއް ހަތަރު އަހަރު ދުވަހަށް އެކުލަވާލެވި އޭގައި ލާޒިމްކުރާ ކަންކަން ހާސިލްކުރަން މަސައްކަތް ކުރެވޭނެ އެވެ.
ފުލުހުންގެ މުސްތަގުބަލް އުޖާލާކޮށް، މައްސަލަތައް ހައްލުކުރަން ލަފާ ދޭނެ ޕޮލިސް ބޯޑެއް އޮތުމަކީ ވެސް ހެޔޮ ބަދަލެއްގެ ގޮތުގައި ސީޕީ ސިފަކުރައްވަ އެވެ. މި ގާނޫނާއެކު ކޮންމެ އޮފިސަރެއްގެ ޔުނީފޯމުގައި އެ އޮފިސަރެއްގެ އައިޑެންޓިފިކޭޝަން ނަންބަރު ޖަހަން ލާޒިމުކޮށްފައިވާތީ އެއީ ޖަވާބުދާރީ ކުރުވަން ފަސޭހަ ވެގެންދާނެ ކަމެކެވެ.
ރައްޔިތުންނާ އާންމުކޮށް ބައްދަލުވާ ފުލުހުންގެ ޔުނީފޯމުގައި ބޮޑީ ކެމެރާ ހަރުކޮށް މިއަހަރުގެ ތެރޭގައި އެ ހިދުމަތް ރަނގަޅަށް ފެށުމަށްވެސް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ. އޭގެ ސަބަބުން ފުލުސް އޮފިސަރުގެ އަމަލުތައް އެއް އެންގަލަކުން ދައްކައިގެން ފުލުހުންގެ ތަސައްވުރު ގޯސްކުރުމަށް ބައެއް މީހުން ކުރާ ކަންކަމަށް ފުލުހުންގެ ފަރާތުން ރަނގަޅު ޖަވާބެއް ދެވިގެންދާނެ އެވެ.
"އެ މަންޒަރު ގޯސްކޮށް ދާއިރު އޭރުން އަޅުގަނޑުމެންގެ ޕާސްޕެކްޓިވް އެއްވެސް އެކަމުގައި އޮންނާނެ. ބޮޑީ ކެމަރާގެ ވީޑިއޯތައް އޮޑިޓް ކުރެވޭނެ. ރެކޯޑް ކުރެވޭނެ. އަދި އެއީ ބަދަލު ކުރެވޭނެ މަންޒަރުތަކެއް ވެސް ނޫން. އޭރުން ފުލުހުން ވާހަކަ ދައްކާ ގޮތް ވެސް، އަމަލުކުރާ ގޮތް ވެސް އަދި ކުށްވެރިޔާ އަމަލުކުރާ ގޮތް ވެސް ފެނި އިތުރަށް ހަރުދަނާކުރަން ފުރުސަތު ލިބޭނެ،" އާ ބަދަލުތައް ހިއްސާ ކުރައްވަމުން ސީޕީ ވިދާޅުވި އެވެ.
ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތް
އާ ގާނޫނާއެކު ފުލުހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ފުލުހުންގެ މަގާމުތަކަށް އަންނާނެ ބަދަލުތަކާއި، ލިބޭނެ މުސާރައާއި ގުޅޭ ގޮތުންނެވެ. ސީޕީ ދެއްވާ އެންމެ ބޮޑު ޔަގީންކަމަކީ އާ ގާނޫނާއެކު ހަދާ އާ އޮނިގަނޑުގެ ދަށުން އެއްވެސް ފުލުހެއްގެ މަގާމު ދަށް ނުވާނެ ކަމުގެ ޔަގީން ކަމެވެ. ފުލުހަކަށް މިހާރު ލިބޭ މުސާރަވެސް ކުޑަ ނުވާނެ ކަމުގެ ޔަގީންކަން ދެއްވަ އެވެ. އަދި ފުލުހަކު ކުރިއަށް ދާން ބޭނުންވާނަމަ އޭނާގެ އިލްމީ ގާބިލްކަމާއި، ތަޖުރިބާއާއި، ހިދުމަތުގައި ހޭދަކުރި މުއްދަތަށް ބަލައި ކުރިއެރުން ދޭން ޖެހޭ އެއްވެސް ފުލުހަކަށް ކުރިއެރުން ނުލިބި ހުންނަން ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އެކަމާ ގުޅޭ ކޮމްޕީޓެންސީ ފްރޭމްވޯކް ނިންމަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ފުލުހުންގެ ޕްރޮފެޝަންގައި ނުވަތަ ފުލުހުންގެ ހިދުމަތުގައި ތިބޭ ހުރިހާ ފުލުހުން ކެރިއަރު ނިންމާލަން ޖެހޭނީ ކޮމިޝަންޑް އޮފިސަރުންނަށް ވެގެނެއް ނޫން. މި މުއައްސަސާ އަށް އެއީ އާ ކަމަކަށް ވެދާނެ. އަޅުގަނޑުމެން ގިނަ މީހުން ބޭނުން ވަނީ އަހަރުން އަހަރަށް ޕްރޮމޯޝަން. އެ އުސޫލެއް ދެނެއް ނުހިނގާނޭ،" ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާގައި މިދިޔަ އަށެއްކަ އަހަރު ތެރޭގައި މަގާމުގެ ކުރިއެރުންތައް ދީފައި ހުރި ގޮތުން ބައެއް ކަންކަން ހައްލުކުރަން ގޮންޖެހުންތަކެއް ހުރި ކަމަށް ސީޕީ ދެކެވަޑައިގަންނަވަ އެވެ. އާ ގާނޫނާއެކު ވެސް އެކަންކަން ހަމައަކަށް އަޅުވަން އެކަށީގެންވާ މުއްދަތެއް ނަގާނެ އެވެ.
ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާ ގުޅޭ އުސޫލު މިއަހަރުގެ ޖޫން މަހުގެ 27 ގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ. ފުލުހުންނަށް ކުރިއެރުން ލިބުމުގައި މިވަގުތަށް އުފެދިފައި ހުރި ކަންބޮޑުވުންތަކަށް މިއުސޫލާ އެކު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ.
އާ ގާނޫނު ބުނާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ތިއްބެވި ފުލުހުންގެ އިސް ބޭފުޅުންނަށް އެ މަގާމުތަކުގައި ދާއިމީ ކުރެވޭނީ އެތަނުން އެއްވެސް ބޭފުޅެއްގެ މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ނިޒާމުގެ ތެރެއިން "ސާފުކޮށްލައިގެން" ނެވެ. މިކަން ކުރަން ކޮމިޝަނަރަށް ލަފާދޭ ފަރާތަކީ އާ ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަސް ތެރޭގައި އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑެވެ. ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނެނީ ސްޕްރިންޓެންޑެންޓް ރޭންކުން ފެށިގެން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކްގައި ތިއްބަވާ ބޭފުޅުންނެވެ. މިބޭފުޅުންގެ މައްސަލަތައް ބަލަމުންދާއިރު އެއްވެސް އޮފިސަރަކާ ދެކޮޅަށް ޒާތީކޮށް އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވަ އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އެއީ ފެއާ ޕްރޮސެސްއަކަށޭ ވާނީ. މިއީ 2004 ވަނަ އަހަރުން ފެށިގެން ތަފާތު އެތައް ކަމެއް ތަޖުރިބާކޮށްފައިވާ މުއައްސަސާއެއް. ވީމާ މީގެތެރޭގައި ތިބޭނެ ބައެއްގެ ލޮލުގައި ތަންކޮޅެއް ބޮޑަށް ފާހަގަވާ ބޭފުޅުން. އެކަން އެ ކުރަނީ މި އިދާރާ ހިންގަން ތިބި މީހުންގެ ގާބިލްކަން އިތުރުކޮށް އިތުބާރު ބޮޑުކުރަން. އެއީ މިއިދާރާއަށް އިތުބާރު ބޮޑުކުރަންޖެހޭ ކަމަށް ފެނިގެން މަޖިލީހުން ކުރި ކަމެއް،"
ޕޮލިސް ބޯޑުގައި ވަކި ބަޔަކު ތިބޭކަށް ނޭނގޭނެ
މިނިވަންކޮށް ހިންގާ ގޮތަށް އާ ގާނޫނުގެ ތެރެއިން އެކުލަވާލަން ޖެހޭ ޕޮލިސް ބޯޑެއް އޮތުމަކީ ގިނަ ފުލުހުންގެ ކަންބޮޑުވުމެއް ނޫނެވެ. އެކަމަކު ފުލުހުންގެ ބޯޑަށް އައްޔަން ކުރެވޭ ބޭފުޅުންގެ ގޮތުން ވަކިވަކި ފުލުހުންނާ ދެކޮޅަށް ޒާތީކޮށް ކަންތައްތަކެއް ކުރުމުގެ ވިސްނުން އޮވެދާނެ ކަމަށް ބައެއް ފުލުހުން ގަބޫލުކުރެ އެވެ. މިކަމުގައި ސީޕީ ހަމީދުގެ ހިޔާލު ތަފާތެވެ.
ސީޕީ ވިދާޅުވި ގޮތުގައި ޕޮލިސް ބޯޑެއް އެކުލަވާލުމާއި އެ ބޯޑަށް މީހުން އައްޔަން ކުރާނެ ގޮތެއް ކަނޑައެޅި ފުލުހުން އެދިގެން ފުލުހުންގެ އިދާރާއިންނެއް ނޫނެވެ. އެކަން ކުރަނީ މަޖިލީހުންނެވެ. އެއީ އިންސާފުވެރިކޮށް ހިނގާނެ އިޖުރާއަތެއް ކަމަށްވެސް ސީޕީ ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން މަޖިލީހަށް ލިބިގެންވާ ބާރެއްގެ ތެރެއިން ހެދި ގާނޫނަކަށް، އަދި އެ ގާނޫނުގައި ހިމަނާފައިވާ ބޯޑަކަށް ވަކި ބޭފުޅުންތަކެއް އައްޔަންކުރުމަކީ ފުލުހުންނަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ސީޕީ ދެކެވަޑައިގަންނަވަ އެވެ.
"ރާއްޖެއަށްވުރެ މާބޮޑެތި ގޯސްތައް ހަދާފައި ހުރި ގައުމުތަކުގައި ވެސް މިފަދަ ބޯޑުތައް އެބަހުރި. ބައެއް ގައުމުތަކުގައި މިފަދަ ބޯޑުތައް ހުރީ އެ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ސީދާ މަންދޫބުން ވެސް ހިމެނޭހެން އެކުލަވާލާފައި. އެހެންކަމުން މިއީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން،" ބޯޑާ ގުޅޭގޮތުން ސީޕީގެ ވިސްނުން ހިއްސާ ކުރެއްވި އެވެ.
ފުލުހުންގެ ތަހުގީގަކާ ބައްދަލުވެފައިވާ ބޭފުޅަކު ބޯޑުގައި އިންނެވި ނަމަވެސް ގާނޫނުގައި ބުނެފައިވާ ހަމައާއި އުސޫލުގެ ބޭރުން އެއްވެސް ބޭފުޅަކަށް މަސައްކަތް ނުކުރެއްވޭނެ ކަމުގައި ސީޕީ ގަބޫލު ކުރައްވަ އެވެ.
ލާމަރުކަޒުކޮށް ހިދުމަތް ތަރައްގީކުރުން
އާ ގާނޫނުގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް، މުޅި ރާއްޖެއަށް ހިދުމަތް ދިނުމަށް ލާޒިމްކޮށްފައިވެ އެވެ. މިކަން ކުރަން ފުލުހުންނަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އަދި ހޯމް މިނިސްޓަރާއި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ގާނޫނުގައި ބުނާ ގޮތަށް ހިދުމަތްތައް ދެވިގެންދާނެ ކަމަށް ސީޕީ ވިދާޅުވެ އެވެ.
ސަރުކާރުގެ ސިޔާސަތަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުމެވެ. މިވަގުތު ފުލުހުން ތިބީ 103 ރަށުގަ އެވެ. އަދި އިތުރު 84 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަންޖެހެ އެވެ. ފުލުހުންގެ އާ ގާނޫނުގައި ބުނާ ގޮތަށް މުޅި ރާއްޖެ ފަސް ސަރަހައްދަށް ވުރެ މަދު ނުވާ ގޮތަކަށް ސަރަހައްދު ތަކަކަށް ބަހާލައިގެން ހިދުމަތް ދިނުމަށް ފުލުހުން މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ. އެކަމަކު ފުލުހުންގެ އަދަދު ބޮޑު ތަނުން އިތުރުކުރުމުގެ ވިސްނުމެއް ސީޕީ ނުގެންގުޅުއްވަ އެވެ.
ވިސްނުން ގެންގުޅުއްވަނީ ފުލުހުންގެ އަދަދު އެހާ ބޮޑަށް އިތުރު ނުކޮށް، މިހާރު ލިބިފައިވާ އިންސާނީ ވަސީލަތްތައް ރަނގަޅަށް މެނޭޖު ކޮށްގެން ނަތީޖާ ނެރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށެވެ. އަތޮޅުތަކަށް ފުލުހުންގެ އަދަދުތައް ކަނޑައަޅާއިރު އެ ސަރަހައްދެއް ގުދުރަތީ ގޮތުން އޮތް ގޮތާއި، ކުށްކުރާ ނިސްބަތާއި، އާބާދީއަށް ކަހަލަ ކަންކަމަށް ބަލާނެ އެވެ.
"ބައެއް ރަށްރަށުގައި މިހާރުވެސް އެކަށީގެންވާ އަދަދަށް ފުލުހުން އެބަތިބި. ބައެއް ހިސާބުތަކަށް އިތުރުކުރަންޖެހޭނަމަ އިތުރުކޮށްގެން ވެސް ފުލުހުންގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ނަމަ އަޅުގަނޑުމެން އެކަން ކުރާނަން. ފުލުހުން ގިނަ ވެގެން ނަތީޖާ ވަކި ރަނގަޅެއް ނުވޭ. ރަނގަޅު އަސަރެއް ކުރާނީ ފުލުހުންގެ ހިދުމަތް އެފިޝެންޓްވުމުން،" ސީޕީ ވިދާޅުވި އެވެ.
ލާމަރުކަޒުކޮށް، ކަނޑައަޅާ ކޮންމެ ސަރަހައްދަކަށް ކޮމާންޑަރެއް އައްޔަންކުރަން ގާނޫނުގައި ލާޒިމް ކުރެ އެވެ. މިކަން ކުރާއިރުވެސް އެންމެ ގާބިލް އޮފިސަރަށް އަދި ފުލުހުންގެ އިދާރާގެ ތަސައްވުރު ހާސިލްކުރެވޭނެ ކަމަށް ފެންނަ އޮފިސަރުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ފުރުސަތު ދޭނެ އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ސަރަހައްދުގެ ކޮމާންޑަރަކަށް އައްޔަންކުރަން ގާނޫނު ލާޒިމްކުރަނީ އެގްޒެކްޓިވް ރޭންކުގެ އޮފިސަރެކެވެ. މި ރޭންކް ފެށެނީ ޗީފް ސްޕްރިންޓެންޑެންޓްގެ ރޭންކާ ހަމައިންނެވެ.
"މިކަމަށް މި ފޮނުވަނީ ސީޕީ ކޮންމެހެން ގަޔާވާ މީހެއް ނޫން. ރޭންކް ތަރުތީބާ ސީނިއަރ ރިޓީއަށް ބަލައިގެން ހެޑްކުއާޓަރުގެ ހިއުމަން ރިސޯސް އިން ބަލަހައްޓާ ލިސްޓެއްގެ ތެރެއިން ވަރަށް ރަނގަޅަށް ބެލިގެން މި މަގާމަށް މީހުން ނަގަނީ. މީހަކު ނަގާއިރު އަޅުގަނޑުމެންގެ ވިސްނުމާއި އަމާޒުތައް ހާސިލްކުރަން އެބޭފުޅަކު މަސައްކަތް ކުރާނެ މިންވަރު ވަރަށް ބޮޑަށް ބަލަން." ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ އަމަލުތަކަށް ގެއްލުމުގެ ބަދަލު ނެނގުން
ފުލުހުންނާ ދެކޮޅަށް އާންމުންގެ ބައެއް މީހުން ކުރާ އެންމެ ބޮޑު ޝަކުވާ އަކީ އަނިޔާވެރިވުމެވެ. ގާނޫނާ ހިލާފަށް ހައްގުތައް ހިފެހެއްޓުމުގެ ޝަކުވާ އެވެ. ތަހުގީގުތަކުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އެވެ.
މާޒީގައި ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާ ކަމަށް ސީޕީ ހަމީދު ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ފުލުހުންގެ އާ ގާނޫނާ އެކު ކޮންމެ ރޭންކެއްގެ ކޮންމެ ފުލުހަކު ވެސް ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވޭނެ ޒަމާނީ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެ އެވެ.
"ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުން ހިދުމަތް ހަރުދަނާ ކުރަން ޖެހޭ މިންވަރަށް ކަންކަން ހަރުދަނާކުރުމަށް މި ގާނޫނުގައި ބާރު އަޅާފައި އެބަހުރި. މުސްތަގުބަލަށް ކަންތައްތަކެއް ކުރަން އެބަހުރި. ގާބިލްކަން އިތުރުކަން އެބަހުރި. މި ހިދުމަތަށް އިތުބާރު ބޮޑު ކުރަން ބާރު އަޅާފައި އެބަހުރި،" ސީޕީ ވިދާޅުވި އެވެ.
ފުލުހުންނަކީ އާންމު ކޮންމެ ރައްޔިތަކަށް ލިބިގެން ނުވާ އެތައް ބާރުތަކެއް ގާނޫނުތަކުގެ ތެރެއިން ލިބިދީފައިވާ ބައެކެވެ. އެހެންކަމުން ބާރުތައް ނުހައްގުން ބޭނުންކުރާ ފުލުހުން ޖަވާބުދާރީ ކުރުވާ ގެއްލުން ލިބުނު މީހާ އަށް ބަދަލު ނަގައިދޭނެ ގޮތްތަކެއް ހުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ސީޕީ ގަބޫލުކުރައްވަ އެވެ. އޭރުން ފުލުހުން މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވެ، ގާނޫނީ އިމުގެ ތެރޭގައި ހިދުމަތް ދިނުމަށް ސަމާލުވާނެ ކަމަށް ސީޕީ ވިދާޅުވެ އެވެ. އާ ގާނޫނުގައި ފުލުހުން ޖަވާބުދާރީކުރުވުން ވަރަށް ބޮޑަށް ހަރުދަނާކޮށްފައިވީ ނަމަވެސް އެއްވެސް ފުލުހަކާ ދެކޮޅަށް ނުހައްގުން ދައުވާއެއް ކުރޭތޯ މުއައްސަސާއިން ވެސް ފާރަވެރިވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވަ އެވެ.
"އެމެރިކާގައި ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ފުލުސް މީހާ ނިސްބަތްވާ ޑިޕާޓްމަންޓުން އެކަނި ގެއްލުމުގެ ބަދަލުގެ ގޮތުގައި 26 މިލިއަން ޑޮލަރު ދޭންޖެހުނު. އޮފިސަރު ޒިންމާދާރުކުރުމަށްވެސް ފިޔަވަޅުތައް އެޅި. މިއީ ޑިމޮކްރެޓިކް ސިސްޓަމްތަކުގައި ކަންހިނގާ ގޮތް،" ފުލުހުންގެ އަމަލުތަކަށް ޖަވާބުދާރީވުމަށް ތާއީދުކުރައްވަމުން ވިދާޅުވި އެވެ.
އަސްކަރީ ވިސްނުމާ ދުރު މަދަނީ ސިފަތަކެއް
ފުލުހުންގެ ހިދުމަތް، މަދަނީ ވަކި ހިދުމަތެއްގެ ގޮތުގައި ވުޖޫދަށް އައީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ތިބުމަށްފަހު އެވެ. އެހެންކަމުން ފުލުހުންގެ ތެރޭގައި، ހާއްސަކޮށް ރޭންކްތަކުގައި އަސްކަރީ ސިފަތައް ހުރިކަން ސީޕީ ގަބޫލުކުރައްވަ އެވެ. އާ ގާނޫނުގެ ބޭނުން ހިފަހައިގެން އަސްކަރީ ސިފަތައް ދޫކޮށްލައި މަދަނީ ވިސްނުމާ އެކު ކުރިއަށް ގޮސް ބަދަލުތައް ދައްކައިދެވޭނެ ކަމަށް ސީޕީ ހަމީދު ޔަގީންކުރައްވަ އެވެ.
"ކުރިން އަޅުގަނޑުމެންގެ ތެރޭގައި ރޭންކްތަކުގެ ގޮތުގައި ހުރި ލާންސްކޯޕްރަލް، ކޯޕްރަލް. އެ ރޭންކްތައް މިވަނީ އާ ގާނޫނާ އެކު އުވާލާފައި. ހަމަ އެއާ އެކު ސްޓޭޝަން އިންސްޕެކްޓަރ، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ފަދަ އަސްކަރީ ރޭންކްތައް މިހުރީ އުވާލެވިފައި،" މަދަނ ހިދުމަތަކަށް ބަދަލުކުރަން ކުރައްވާ މަސައްކަތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އަސްކަރިއްޔާ އިން ނިކުން 300 ވަރަކަށް މީހުންގެ މައްޗަށް މީގެ 16 އަހަރު ކުރިން އުފެއްދި ފުލުހުންގެ ހިދުމަތުގައި މަދަނީ ސިފަ ޖައްސާ، ބަދަލުތައް ގެނައުމަށް ފުރުސަތު ދެއްވުމަށްވެސް ސީޕީ އެދިވަޑައިގަންނަވަ އެވެ.
ފާޑުކިޔުންތަކަށް ހައްލެއް ހޯދަން އަހަރުތަކެއް ނަގާނެ
ސީޕީ ވިދާޅުވީ ފުލުހުންގެ އާ ގާނޫނާ އެކު ފުލުހުންގެ އިދާރާއަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވާ ނުލެވޭނެ ކަމަށެވެ. އެކަމަކު ބަދަލުތަކާ އެކު ފާޑުކިޔާ މިންވަރު މަދުކުރެވޭނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ. ފުލުހުންނަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ރައްޔިތުންނަށް އެންމެ ބޮޑަށް ބައްދަލުވާ ފަރާތަށް ވާތީވެ ޑިމޮކްރެޓިކް ނިޒާމެއްގައި ފާޑު ކިޔާނެ ކަން ފުލުހަކަށްވީތީ ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއަށް ވުރެ މާބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގައިވެސް ފުލުހުންނަށް ފާޑު ކިޔާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ އެކަމެއް އެކަށީގެންވާ ހައްލެއް ގެނެވޭނީ މުޅި ނިޒާމު ހަރުދަނާކުރެވިގެން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންވެސް ޖެހޭނީ ކަންތައްތަކެއް އިސްލާހުކުރަން. ފުލުހުންގެ ކޮންމެ އޮފިސަރެއްގެ އަހްލާގު ހިފަހައްޓަންޖެހޭނީ. ތަފާތު ކުރުމެއް ނެތި ހިދުމަތް ޖެހޭނީ ދޭން. އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބޭ ގޮތަށް އަމަލުކޮށްގެން ނުވާނެ. ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓަން އިސްކަންދޭން ޖެހޭނެ.،" ފުލުހުންނަށް އިލްތިމާސް ކުރައްވަމުން ވިދާޅުވި އެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އަމަލުކުރާ ގާނޫނެއް ރާއްޖޭގެ މާހައުލަށް ކޮންމެވެސް ވަރަކަށް ފައްތައިގެން މޮޅު ގާނޫނެއް ހެދިދާނެ ކަމަށް ސީޕީ ދެކެވަޑައިގަންނަވަ އެވެ. އެކަމަކު ގާނޫނު މޮޅުވެގެން ކުރެވޭނެ ކަމެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ކަންކަން ރަނގަޅު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި ކަންކަން ރަނގަޅުކުރަން އެއްބާރުލުން ދިނުމަށްވެސް ސީޕީ ހަމީދު އެދިވަޑައިގަންނަވަ އެވެ.