(25 މާރިޗު 2021 އާ ގުޅޭ)
"އަހަރެން މިދެއްކި ވާހަކަ ލޫންއަށް އަޑުއިވުނުތަ؟ އެއްވެސް އެއްޗެއް އަޑުއިވުނުތަ؟" ހުސެންއަށް ބުނެލެވުނެވެ.
"ހުސެންތީ އަހަރެންގެ ފްރެންޑެއްތަ؟ އިހަށް އެ ސުވާލަށް ޖަވާބު ދީބަލަ... އަހަރެންނަށް ރަނގަޅު ކަމެއްވާން ހުސެން ބޭނުމެއް ނުވޭ، ހުސެން ބޭނުމެއް ނޫން ދޯ އަހަރެން އަސްލަންއާ ގުޅޭކަށް... އަހަރެން ނުބައި ނިޔަތެއްގައެއްނޫން އަސްލަންއާ ގުޅޭން ބޭނުން ވެގެން މިއުޅެނީ، އަހަރެންނަށް ހެޔޮ އޭނާ މީހަކާ އިނދެގެން ހުއްޓަސް، އަހަރެން އޭނާގެ އަނތްބަކަށް ވަނިކޮށް އެ ނިމުނީ." ލޫނާއަށް މޫނު ހަދާލެވުނެވެ.
"ހަގީގީ ރަހުމަތްތެރިއަކަށްވާތީ މިބުނަނީ ތިހެން ނޫޅޭށޭ، އެކުވެރިޔާ ގޯހެއް ހަދަން އުޅޭއިރު ހުއްޓުވުމަކީ ރަނގަޅު އެކުވެރިއެއްގެ ޒިންމާއެއް، އަހަރެން ވެސް މިއުޅެނީ ލޫންއަށް ވިސްނައި ދެވޭތޯ، ލޫންގެ އިހްސާސްތަކަށް ގަދަރު ނުކުރަނީއެއް ނޫން، އެނގޭ ލޫންއަށް އަސްލަން ވަރަށް ކަމުދާކަން، ލޫން އެދުނީމަ އަހަރެން އެ ވާހަކަ އަސްލަންއާ ހަމައަށް ގެންގޮސް ދިނިން، އަސްލަންއަށް ވެސް މީ ދޮގެކޭ ބުނާކަށް ނުކެރޭނެ، ކިތަންމެ ބޭނުންވިޔަސް ތިމާއަށް ލިބެން ނެތް އެއްޗެއް ހޯދަން މަސައްކަތް ކުރާން ވެއްޖެނަމަ ފަހުން އެކަމާ ދެރަވާން ޖެހިދާނެ."
"ހުސެންއަށް ކިހިނެއް އެނގެނީ އަސްލަން ނުލިބޭނެ ކަމެއް، ފަހަރެއްގައި އަހަރެން މަސައްކަތް ކޮށްލަނިކޮށް އަސްލަން ލިބި ވެސް ދާނެ... އަހަރެން ސީދާ ވާހަކަ ދެއްކުމުން އަސްލަން ރުހި ދާނެ." ފައްސި ހިޔާލުތައް ނޫނީ ބަލައިގަންނާކަށް ލޫނާ ބޭނުމެއް ނޫނެވެ. އެ ހިޔާލުތައް ހަގީގަތާ ދުރުވިޔަސް ޤަބޫލު ކުރަން ބޭނުން ނޫނީއެވެ.
"މިކަމުގައި ލޫނާގެ ނިޔަތް ގޯހެކޭ މަށެއް ނުބުނަން... އަސްލަން އެ ހުރީ މީހަކާ އިނދެގެން، އެ ދިރިއުޅުމާމެދު އޭނާ ހުރީ ހިތްހަމަޖެހިފަ، އޭނާގެ ވާހަކަތަކުން އަހަރެންނަށް އެނގޭ އަނބިމީހާއާ މެދު ވެސް އަސްލަން ރުހޭކަން، އޭނާ ގިނަ އަނބިންތަކެއް ބޭނުމެއް ނުވޭ، އެކަން އެނގޭތީ ލޫނާއަށް ވިސްނައިދޭން މިއުޅެނީ... އަސްލަން އިތުރު ކައިވެންޏެއް ކުރަން ބޭނުންނުވާއިރު އެ ދިރިއުޅުމުގެ ތެރެއަށް ލޫނާ ވަންނަނީ ކީއްކުރަން، ލޫނާއަށް އަސްލަން ލިބެން އޮތްނަމަ އެ ފުރުސަތު ލޫނާއަށް ލިބުނީސް، އަހަރެން ގަބޫލު ކުރަނީ އެހެން، މީހަކަށް ލިބުމަށް ކަނޑައެޅިފައި އޮތް އެއްޗެއް އެހެން މީހަކަށް ލިބުމެއް ނުވޭ، ނޫންތަ؟ ތިހެން އުޅެނިކޮށް އަސްލަންއާ މޫނު ކެނޑޭވަރުކަމެއް ވެދާނެ... ތި ދެ މީހުންނަކީ ވެސް އަހަރެންނާ ވަރަށް ގާތް ދެ މީހުން... ޕްލީޒް ލޫނާ، އަހަރެންގެ ވާހަކަ އަޑުއަހާބަލަ." އެކުވެރިޔާ ހިޔާރު ކޮށްފާނޭ ގޮތަކާމެދު ހުސެން އިނީ ކަންބޮޑުވެފަ އެވެ. ނަމަވެސް ލޫނާގެ ފަރާތުން ފާޅުވީ އޭނާ ފަހަތަށް ޖެހެން ބޭނުންނުވާ ކަމުގެ އަސަރެވެ.
"އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވަންޏާ، މިހާރު ހުރި ކައިވެނި ރޫޅާލާފައި އަލުން އެހެން ކައިވެންޏެއް ކުރާނީ، އޭރުން އަނބިން ގިނަވެގެން އުޅޭކަށް ނުޖެހޭނެއެއްނު."
"ސުބްހާނަﷲ! ތިފަދަ އެއްޗެއް ލޫނާ ބުނަން ހިތަށް އެރީތީ ވެސް އަހަރެން މިއަދު ވަރަށް ދެރަވެއްޖެ، ލޫނާ ތިއުޅެނީ އެ ދެމަފިރިން ދުރުކުރުވަންތަ؟ އެއީ ކިހާ ނުބައި ކަމެއްކަން އެނގޭތަ؟ އެމީހުންގެ ކުށަކީ ކޮބާ؟ މައިރާގެ މަރުގެ ހިތާމަތަކުން އަސްލަން ހިންދެމިލީ އަދިކިރިޔާ، އޭނާގެ ކުޑަކުޑަ ތިން ދަރީން އެ އަންހެން ކުއްޖާއަށް ކިޔަނީ މަންމަކަން އެނގޭތަ؟ އަހަރެންގެ ކަންފަތުން އަޑުއަހާ މި ދެ ލޮލުން އެކުދީންނާއި އޭނާ އުޅޭވަރު ދުށީން، އެކުދީން ވެސް އެވަރު... އޭނާ އެ އާއިލާއިން ބޭރުކޮށްލުމުން ލޫނާގެ މަޤްޞަދު ހާސިލުވާނޭ ހީކުރެވެނީތަ؟ އޭރުންވެސް އަސްލަން ލިބިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްތަ؟ ކިހިނެއް އެނގެނީ އޭނާ ކައިރިން ވަކިވާން ޖެހުމުން ދެން ވެސް ލޫނާ ހުއްޓާ އެހެން އަންހެނަކާ ނޫންކަމެއް އަސްލަން ގުޅޭނީ... ދުނިޔެއިން ހިތް ފުރައިދޭން އުޅުމަކީ ހިތުގެ ދަހިވެތިކަން އިތުރުވާނޭ ކަމެއް، އޭރުން ކަނޑުގައި އަނގަޖަހައިގެން އޮވެ އެ ބޮޑު ކަނޑުބޮއެ ހުސްވާއިރު ވެސް ލޫނާގެ ތި ކަރުހިއްކުން ފިލައިގެން ނުދާނެ... ދެން ނެތް އަހަރެން ބުނާނެ އެއްޗެއް، ޔޫ އާ ޓޫ މަޗް، އެކަމަކު ބުނަން، އަސްލަންއަށް އެވަރުގެ ބޮނޑިއެއް ދީފިއްޔާ މި އެކުވެރިކަން އެ ދުވަހަކުން ނިމޭނެކަން ހަނދާން ކުރާތި، އޭރުން އަހަރެންނަށް ދެން ދުވަހަކުވެސް ލޫންއަށް އިތުބާރެއް ނުކުރެވޭނެ."
"އަހަރެން ހުސެން ނުހުއްޓުވަން، ހުސެންގެ އިޚްތިޔާރުގައި އޮތްކަމެއް ހަމަ ކުރަންވީ... އަހަރެން ވެސް ހުއްޓުވަން ނޫޅޭތި، މިހާރު ވެސް ހަގީގީ އެކުވެރިކަން އޮތް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން، އެހެން ނޫންނަމަ އަހަރެން މިހާ ބޭނުން ވެގެން އުޅޭކަމެއްގަ އެހީނުވެ ބަހަނާތަކެއް ނުދައްކާނެ... އޭނާގެ އަންހެނުން އެހާ ކަމުދާ މީހަކަށްވާއިރު، ހުސެން ދިރިއުޅުމެއް ފަށަން ނުވިސްނަންތަ؟."
ލޫނާގެ ވާހަކައިން މިފަހަރު ހުސެންގެ މޫނުން ސާފުކޮށް ރުޅިވެރިކަމުގެ އަސަރު ފާޅުވެލި އެވެ. އޭނާ ދަތްކުނޑިވިކާލީ އެވެ. ލޫނާއަށް ރައްދު ދިނުމަކީ ބޭކާރު ކަމެކޭ ހުސެންނަށް ވިސްނުނީ އެވެ. އޭނާ ކޮންމެ ވާހަކައެއް ދެއްކިޔަސް ލޫނާ އަޑެއް ނާހާނެ އެވެ. ފަޓުލޫނު ޖީބުން ނެގި ވޮލެޓުގެ ތެރެއިން ދުއިސައްތަ ރުފިޔާ މޭޒުމަތީ ބޭއްވުމާއެކު ހުސެން ތެދުވީ އެވެ. ލޫނާއަށް ބަލާލުމެއްނެތި އޭނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ތުންފިއްތާލި ލޫނާ އިނީ ހުސެން ނުކުމެގެން ދިޔަޔަސް ވަރިހަމަވެފަ އެވެ.
"ނޯޔާ..." ހިތްދަތިކަމާއި ހަސަދައާއި ރުޅިވެރިކަމުގެ ޖަޒުބާތުގައި ލޫނާގެ ނަފްސު ފޯވަމުން އައިއިރު އެ ހިތުގައިވީ އެ ނަމަވެ. އަސްލަންއާއި އޭނާއާ ދެމެދަށް އެޅިފައި ހުރި ހުރަހަކީ ނޯޔާއެވެ. ލޫނާ އެންމެ ރުޅި ގަދަވަނީ އެ އަންހެންކުއްޖާ އޭނާއަށް ރައްދުދޭ ގޮތުންނެވެ. ދުރުގައި ހުންނަން ޖެހޭ ހިލޭ އަންހެނަކީ އޭނާކަން ދޭހަވާ ބަސްތަކުން ނޯޔާ ޖަހާތީ އެވެ. އެއިން ކޮންމެ ފަހަރަކު ނުފެންނަ އަތަކުން ކަންކަށިމައްޗަށް އެތިފަހަރެއް އެރިކަމުގެ ހޫނުކަން ލޫނާއަށް އިހްސާސް ކުރެވެއެވެ. ދަތްކުނޑިވިކާލެވުމާއެކު ކެތްކުރަންދަތިވެފައިވާ ފަދަ މަޑު ހަޅޭކެއް ލޫނާގެ ކަރުބުޑުން ނުކުތެވެ. މޭޒުމަތީ ހުރި ފެންތަށި ކޮށްޕާލުމާއެކު އެ އަރިއަޅާލައި މޭޒުމައްޗަށް ތަށިވެއްޓި ފެންތައް ބަންޑުންވެއްޖެ އެވެ.
* * * * *
"ބަލާލައިގެން..." ގާތުން އިވުނު އަޑާއެކު ނޯޔާގެ އަތުގައި މީހަކު ހިފައިފި އެވެ. އެ ދިމާއަށް ބަލާލުމާއެކު ނޯޔާ އަތް ދަމައިގަތެވެ. ދަރިފުޅު ގޮވައިގެން ކައިރިން ހުރެ އައީ މިދުހަތެވެ.
"ފޯނަށް އާންސާ ނުކުރަނީ ކީއްވެތަ؟ ތިގެއަށް ދާން ވެގެން އަސްލު ގުޅީ... މެސެޖު ވެސް ކުރިން." މިދުހަތު އަވަސް އަވަހަށް ވާހަކަ ދައްކަން ފެށި ގޮތުން ހީވީ ފުރުސަތު ގެއްލިދާނެތީ އުޅުނު ހެންނެވެ.
"ފޯނު ހިފައިގެން ވަރަށް ނޫޅެވޭ... ދަނީ އިނގޭ، މިއަދު ވަރަށް އަވަހަށް ގެއަށްދާން އެބަޖެހޭ." ނޯޔާ ބުނެލި އެވެ. މިދުހަތަށް ފޫހިކަމުގެ އަޑެއް ލައްވާލެވުނެވެ. ނޯޔާއަށް އެކަން ފާހަގަވި އެވެ. ނަމަވެސް އޭނާ ސާރާގެ އަތްތިލައަށް މަޑުމަޑުން ދަމާލައި ބާރަށް ހިނގާލަން އެދުނެވެ. މިދުހަތަށް އިތުރު އެއްވެސް ކަމެއް ނުކުރެވެނީސް އެ ދެމައިން ހީވީ ހަލުވިކޮށް ދުވެ ރައްކާވީ ހެންނެވެ.
"ޒެން އުޅެނީ ޑެޑީއާއެކުއެއްނޫނޭ ސާރާ ކައިރީ ބުނި." މިދުހަތު ފަހަނައަޅައި ދުރަށް އާދެވިއްޖެކަން އެނގުމުން ނޯޔާ ހިނގުން މަޑުކޮށްލިއެވެ. އެވަގުތު ސާރާ ވާހަކަ ދެއްކިއެވެ.
"އެހެންތަ؟" ނޯޔާ ސުވާލު އުފެދުނެއް ކަމަކު ސާރާގެ ގާތުން އޮޅުންފިލުވަން ބޭނުން ނުވީއެވެ.
"ޒެންގެ މަމީއާއި މާމަ ހުރިހާ ކަމެއް ކޮށްދެނީ... ސާރާމެން ގެއަށް ޒެން އަންނަނީ ކީއްކުރަން؟ ޒެންގެ ޑެޑީ ބުނީއޯ ސާރާމެންގެއަށް ޒެން ގެންނާނަމޭ... ޒެން ދެކެ މަންމަ ވަރަށް ލޯބިވާނޭ... މަންމާ! ސާރާގެ މަމީއެއްނެތެއްނު، އެހެންވެއެއްނު މަންމަ އައީ، ސާރާ ބޭނުމެއް ނޫން މަންމަ އެހެން ގެއަކަށް ދާކަށް... ޒެންގެ މަމީ އެބަހުރި... މަންމަ ނުދައްޗޭ ޒެންމެންގެއަށް، ސާރާ ދެރަވާނެ، މަންމަ ދިޔައީމަ ޑެޑީވެސް ދެރަވާނެ." ސާރާ އިތުރަށް ވާހަކަ ދެއްކިއެވެ. ކޮންމެވެސް ވާހަކައެއް ސާރާއަށް އަޑުއިވިއްޖެކަން ނޯޔާއަށް އެނގުނެވެ. އެފަދަ ވާހަކަތަކަކީ ސާރާ ހަމަހުރެފައި ދައްކާނޭ ވާހަކަތަކެއް ނޫންކަން ނޯޔާއަށް އެނގެ އެވެ. މިދުހަތު ދަރިފުޅު ކައިރީ ވާހަކަތަކެއް ދެއްކީބާއޭ ނޯޔާ ހިތަށް އެރިއެވެ.
"މަންމަ ނުދާނަން... ސާރާއާއި މަލްކޮ އާއި އަނުމް ބޭބީ ދޫކޮށްލާފަ އެއްވެސް ތާކަށް ނުދާނަން، އިންޝާﷲ، މަންމައާއި ބައްޕައާއެކު، ތި ތިން ދަރިފުޅު ވެސް އުޅޭނީ، މި މަންމައަކީ ހަމައެކަނި ބައްޕަގެ ކުދީންނަށް ޓަކައި ހުރި މަންމައެއް އެކަނި، އެހެންވީމަ ދެރަ ނުވައްޗޭ... މަންމަގެ ސާރާއާއި ހުރިހާ ކުދީންނާ ދުރުގައި ހުންނަންވެއްޖެނަމަ މަންމަ މާ ދެރަވާނެ." ސާރާގެ އަތުގައި ހިފައިގެން ހުރި އަތުން ނޫން އަނެއް އަތުން އެކުއްޖާގެ ބޮލުގައި ނޯޔާ ފިރުމާލި އެވެ.
މިދުހަތު ގުޅާވަރުން ނޯޔާ ހުރީ އުނދަގޫވެފަ އެވެ. އޭނާ ފޯނު ނުނަގަނީ ގަސްދުގަ އެވެ. ގިނަފަހަރު ބާއްވަނީ ރިންގު ވެސް ކަނޑާލާފައެވެ. ދެފަހަރަކު މިދުހަތާ ވާހަކަ ދެއްކީ ދަރިފުޅުގެ ކަމެއްގައެވެ. ނަމަވެސް ވާހަކައިގެ ވަކި ހިސާބަކުން ނޯޔަށް ވިސްނުނީ ދަރިފުޅަކީ މިދުހަތު ފުރުސަތު ހޯދަން ބޭނުންކުރާ މެދުވެރިއެއް ކަމެވެ. އޭނާގެ ވާހަކަތައް ނޯޔާއަށް ވަނީ ބޭކާރު ވާހަކައަށެވެ. އެންމެ ފޫހިވީ ނޯޔާގެ ދިރިއުޅުމާމެދު އޭނާ ކުރާ ސުވާލުތަކުންނެވެ. މިދުހަތުގެ ގަސްދު ރަނގަޅު ނޫނޭ ނޯޔާގެ ޟަމީރަށް ވިސްނެނީ އެވެ. އޭނާ ދުރުވެލީ އެހެން ވެއެވެ. މީހެއްގެ އަނތްބެއްކަން އެކި ގޮތްގޮތުން ނޯޔާ ހާމަކުރި ނަމަވެސް މިދުހަތަށް އެކަން ބޮޑުކަމަކަށް ނުވާ ކަހަލައެވެ. އަނެއްކޮޅުން ނޯޔާގެ ގައިގާ އަތްލަން ފުރުސަތަކަށް ބަލަބަލާ މިދުހަތު ހުންނަހެން ހީވަނީ އެވެ. ސްކޫލު ދޮށަށް ގޮސް ހުއްޓާ ގޭޓުން އެންމެން ވަން ވަގުތު ނޯޔާގެ އުނަގަނޑުގައި މީހަކު ހިފާލުމުން ބަލާލިއިރު ފަހަތުގައި ހުރީ މިދުހަތެވެ. އެފަދަ ގޮތްގޮތަށް ގައިގާ އެ އުނގުޅޭ އުނގުޅުމަކީ ނޯޔާ އެންމެ ނަފުރަތުކުރާ ޢަމަލެވެ.
"ސްކޫލު ދޮށަށް ދަންޏާ އޭނާއާ ދިމާވާނެ، އަމިއްލަ ދަރިފުޅު ކައިރީ ވެސް އޭނާ ފާޑުފާޑުގެ ވާހަކަދައްކަނީ ކަންނޭނގެ، އެވަރުގެ ކުދީން އެހާ ބޮޑެތި ވާހަކަތަކެއް ދައްކާނީ ކޮންމެވެސް ގޮތަކުން އެނގިގެން، މިދުހަތު މިގެއަށް އަންނަން ބޭނުންވެގެން އެއުޅެނީ ކީއްކުރަން؟ އޭނާ އަހަރެންގެ ކިބައިން ކަމެއް ބޭނުން ވަނީ ކަންނޭނގެ، އިންސާނުންގެ ތެރޭގައި ހުރިހާ ވައްތަރެއްގެ މީހުން އުޅޭ... ނޭނގުމުގެ ތެރޭގަ އޭނާއާ ވާހަކަ ދެއްކުމަކީ އަހަރެންނަށް ހެދުނު ގޯހެއްހެން މިހާރު ވަރަށް ބޮޑަށް ޔަގީންވޭ... އަސްލަންއަށް އެނގިއްޖެއްޔާ އޭނާ ބުނާނީ ކީކޭ؟ ފެންނަހާ ފިރިހެނަކާ އަހަރެން ވާހަކަދައްކަނީއޭތަ؟ ސްކޫލު ދޮށުން ވެސް ފިރިހެނަކު ނޫނީ އަހަރެން އަނގައިން ބުނާނޭ މީހަކު ނުވީއޭތަ..." ނޯޔާގެ ހިޔާލުތަކުގައި ވިއެވެ.
ގެއަށް އައިސް ސާރާގެ ޔުނީފޯމް ބަދަލުކޮށް އެކުއްޖާއަށް ކާއެއްޗެއް ދޭން މޭޒުދޮށުގައި ބޭންދި އެވެ. ސާރާ ސައިބޯން ފެށުމުން ނޯޔާ އައިސް ކޮޓަރިއަށް ވަނެވެ. އަލަމާރީގެ ހެދުން އަޅުވާ ބައިގެ ތިރީގައި ހުރި ކޮތަޅު އޭނާ ނެގިއެވެ. އެއީ މިދުހަތު ހަދިޔާކުރި ވިއްސާރަ ކޯޓެވެ. އޭނާ އޭތި އިހަށް ބޭއްވީ އިތުރު ކޯޓެއް ގަނެ، ދެ ކޯޓު ހަމަކޮށްފައި ދެބެންނަށް ދޭން ވެގެންނެވެ. އެކަމަކު އެ ހިޔާލު ބަދަލުވެއްޖެ އެވެ. އޭގެ ބޭނުން ކުރާކަށް އެއްގޮތަކަށް ވެސް ނޯޔާ މިހާރު ބޭނުމެއް ނޫނެވެ.
"ސާރާ، މަންމަ އެބައަންނަން ރޫމާ މާމަބައިން ބޭބީ ނަގައިގެން." ކޮޓަރިން ނުކުތް ނޯޔާ ކާމޭޒުދޮށުގައި އިން ސާރާއާ ކުރިމަތިލައި ވާހަކަދެއްކިއެވެ.
"ސާރާ ދާން ބޭނުން... ނޫބޭބީއަށް ގޮވާލަން، ކާފަ ވެސް އުޅޭނެ ދޯ މި ގަޑީގަ... މަލްކޮ މިދިޔަ ފަހަރު ހުރިހާ މެޓާއެއް ކާލީ، އެކަމް ކާފަ ފައި މޮޑެދިނީ ސާރާ." ސާރާ ބުނެ ލިއެވެ. ނޯޔާ ހިނިތުންވެލި އެވެ.
"ހަވީރު ހުރިހާ ކުދީން ދަމާ، އަސުރުން ފައިބައިގެން ކާފަ މަޑުކުރާނެ ގޭގަ، ސާރާއަށް މިފަހަރު މެޓާ ދޭންވާނީ މަންމަ ބުނާނަން އިނގޭ، ދެން އަވަހަށް ސައިބޯލާ... ޓިއުޝަން ގަޑި ކައިރިވަނީ، މަންމަ ނުވާނެ ގިނައިރެއް، އަނުމް ބޭބީ ގޮވައިގެން މި އަންނަނީ، އެހެންތަނަކަށް ނުދާނަން." ފެންތަށި ކައިރިކޮށްލަ ދީފައި އެޕާޓްމެންޓުން ނުކުންނަން ނޯޔާ އައެވެ.
ސަބީނާ ބަލިވެ އުޅޭތީ އަނުމް ގެންގޮސް ލީ ނޯޔާގެ މަންމަ ކައިރިއަށެވެ. ހަމަ ދިއުމާއެކު މަންމަ ފެށީ ދެކޮޅަށް ދެއިރަށް ހިނގުމުގެ ބަދަލުގައި ބައްޕަ ހަދިޔާ ކުރަން އުޅުނު ސައިކަލުގެ ވާހަކައެވެ. އެކަމަކު ނޯޔާ އެގޮތް ބޭނުން ނުވަނީ އަސްލަންގެ ސަބަބުންނެވެ. ދިރިއުޅުމުގައި އޭނާއަށް އަސްލަންއާ ނުލާ ހުރިހާ ކަމެއް ކުރެވިދާނޭ މާބޮޑަށް ހީވެދާނޭތީ އެވެ. އަމިއްލަ ސައިކަލު ދުއްވަން ފެށުމުން އަސްލަންއާއެކު އޭނާގެ ސައިކަލު ފަހަތަށް އަރާ އިނދެލުމުގެ ފުރުސަތު ގެއްލިދާނޭތީ އެވެ. ފިރިމީހާގެ ފަހަތުގައި އޭނާގެ ގައިގާ ހިފަހައްޓާލައިގެން އިނދެ ދެމަފިރިން އެކުގައި ހިތް އުފާވާނޭ ފަދަ މަންޒިލަކަށް ދަތުރު ކުރުމަކީ ނޯޔާ ފޮރުވަމުން އަންނަ ލަދުވެތި ހިޔާލުތަކުން އެއް ހިޔާލެވެ. ފޮނި އުންމީދުތަކެއް އެ ދުވަހަކަށް އޭނާ ކުރެއެވެ.
"ތީ ކޯއްޗެއްތަ؟" ނެހާ އަހާލި އެވެ. ދައްތަގެ އަތުން އަނުމް ނަގަން ވެގެން އަތުގައި އޮތް ކޮތަޅު ނޯޔާ ބެހެއްޓީ ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުގައެވެ.
"މަންމައަށް ދޭންވެގެން..." ނޯޔާ ބުނެލިއެވެ. އޭރު ކޮތަޅުގައި އޮތް އެއްޗެއް ބެލުމަށް ނެހާ އެ ނަގައިފިއެވެ.
"މަންމައަށް މި ހެޔޮވަރު ވާނެ." ރަބަރު ޕެކެޓުގެ ތެރޭ އޮތް ވިއްސާރަކޯޓު ނަގައި ފަތުރާލަމުން ނެހާ ބުންޏެވެ.
"އަހަރެން ބޭނުން ނެތިގެން، ރަނގަޅު އެއްޗެއްވީމަ، މީހަކަށް ދޭންވެގެން... މަންމަގެ ރައްޓެހިން ވަރަށް ގިނައެއްނު، އެއްލާލުމަށްވުރެ ބޭނުންޖެހިފައި ހުރި މީހަކަށް ދިނުން މާރަނގަޅެއްނު." ނޯޔާ އެހެން ބުނިއިރު ރޫމާ އެތެރެއިން ނުކުމެގެން އަންނަނީ އެވެ. މަންމަ އަތަށް ކޮތަޅު ދީފައި ނޯޔާ ނުކުތީއެވެ. ގޭގައި ސާރާއިނީ އެކަނިވީމަ އަނގަތަޅަން ނީނދެވެނޭކަން ބުނެފައެވެ.
އަތުން އެ ކޮތަޅު ދޫވުމުން ނޯޔާއަށް ހީވީ މެޔަށް ވެފައި ހުރި އުނދަގޫ ފަސޭހަވެ ހަމަނޭވާ ލެވެންފެށުނު ހެންނެވެ. ހަމަޖެހިފައި ހުރެ އޭނާ އައިސް އަސްލަންމެން ގެއަށް ވަނެވެ.
ސޯފާކައިރީ ހުރި އުނދޯއްޏަށް އަނުމް ލުމާއެކު އެކުއްޖާ ބޮޑާ ދައްކާލި އެވެ. ދެއަތް ހަލުވަމުން ނޯޔާ ކައިރީ އުރަން އެކުއްޖާ ބުންޏެވެ. ނޯޔާ ދުރަށް ޖެހިލުމުން އެކުއްޖާގެ އަޑު ގަދަވިއެވެ. ޝަކުވާ ކުރާ ފަދަ ތޫލި އަޑުތަކެއް އެކުއްޖާ ނެރުނެވެ. ނޯޔާއަށް ބަލާލެވުނީ އެކުއްޖާ މަންމަ ކިޔަން އުޅޭހެން ހީވެގެންނެވެ. ނޯޔާ ބަލާލުމުން އަނުމް ގޮބޮޅިއެއްވަރުގެ ފެންތިއްކެއް ލޮލުން ނެރެލާ ތުންކޮޅު ފިއްތާލިއެވެ. "މަމް... މަމް..." ކިޔާ ގޮވާލި އެވެ.
"އޯ!... މަންމަ ދޫނި، ކިހިނެއްވީ؟ މަންމަ ނުފެނި ގިނައިރުވީތަ؟" ނޯޔާ އައިސް ވަގުތުން އަނުމް އުރާލި އެވެ. އެކުއްޖާގެ ކޮލުގައި ބޮސްދީފި އެވެ. އެއްކަލަ ހިތުގައި ޖެހި ރޯން އުޅުނު ކުއްޖާ ރަކި ގޮތަކަށް ހޭންފެށި އެވެ. އެކުއްޖާ ލައްކަ ވާހަކަ ނޯޔާއާ ދައްކައެވެ.
"ބޭބީ ބައެއްފަހަރު ފޭކުވާނެ ވަރަށް." ސާރާ އައިސް ނޯޔާގެ ކައިރީ ހުއްޓިލަމުން ބުނެލި އެވެ.
މެންދުރުފަސްވެ ގޭގައި ހުރިހާ ކުދީން އުޅެއެވެ. އަސުރު ނަމާދަށް ގޮވިއަޑު ފޯނުން އިވުމާއެކު ނޯޔާ ގޮވާލި އެވެ. ކަންނެތްވެފައި އޮތް މަލްސާ ސޯފާއިން ގުޑާ ނުލި އެވެ. ސާރާ ދުވެފައި ކޮޓަރިއަށް ދިޔައެވެ. ނޯޔާ ނަމާދުން ފައިބަން ދެން އަނުމް ބަލައިދޭނެ ކަމުގައި ބުނެ މަލްސާ އޮތީ ދިގު ސޯފާގައި އޮށޯވެލައިގެންނެވެ. އައްޔޫބު ކައިރިއަށް ހަވީރު ދަމޭ ނޯޔާ ބުނެލީ ހަނދާން ކޮށްލަދެމުންނެވެ. އެހެން ބުނާއިރަށް މަލްސާ ސޯފާއިން ތެދުވެއްޖެ އެވެ. ނަމާދު ކުރިންތޯ ކާފަ އަހާނޭ ބުނެލުމާއެކު ކޮޓަރިއާ ދިމާއަށް އައެވެ. ކުދީންގެ ކޮޓަރީގައި ހުރި ފާޚާނާއަށް ވަދެ ސާރާއާއި މަލްސާ ވުޟޫކުރަން ދެން ނޯޔާ ބަލަން ހުއްޓެވެ. އެކުދީން ގޮވައިގެން އޭނާ އަސުރު ނަމާދަށް އެރީ ސިޓިންރޫމަށެވެ.
ކުދީން ތައްޔާރުކޮށްފައި ނޯޔާ އައިސް ކޮޓަރިއަށް ވަނެވެ. ބަޔަކު އައިހެން އޭނާ ކޮޓަރީގައި އުޅެނިކޮށް ހީވިއެވެ. ތައްޔާރުވެލައިގެން ނުކުތީ އަސްލަން ގެއަށް އައީކަން އެނގޭތީ އެވެ. ނަމަވެސް ނޯޔާގެ މޭފިތިގެންދިޔައީ ސޯފާގައި އިން ލޫނާ ފެނިފަ އެވެ. އޭނާގެ އުނގަށް ވަދެ ސާރާއާއި މަލްސާ ތިއްބެވެ. އެއިން ކޮންމެ ކުއްޖެއްގެ އަތުގައި ވިދާ ކަރުދާހުގައި ބަންދުކުރެވިފައި އޮތް ހަދިޔާއެއް އޮތެވެ. ނޯޔާއަށް ހިތްހަމަ ނުޖެހުވުނެވެ. ސިގުރުޅިއެއްގެ އަސަރު ނަފްސަށް ވެރިވި އެވެ. އެ ހަދިޔާތައް ދެބެންއަތުން އަތުލާ ގެއިން ބޭރަށް އެއްލާލަން ނޯޔާ ބޭނުންވިއެވެ. އެއާއެކު އެގެއިން ލޫނާ ވެސް ބޭރުކޮށްލާ ހިތް ކިތަންމެހާ ވެސް ވިއެވެ.
"އަސްތަޤްފިރުﷲ... لا حول ولا قوة إلا بالله ..." ދެ ލޯ މަރާލުމާއެކު ނޯޔާ ފުންނޭވައެއް ލިއެވެ. ދުލުގައި އޭނާ ދަތްއެޅިއެވެ. އާދެވުނު ރުޅީގެ ނާޖާއިޒް ފައިދާ އެންމެ ފުރަތަމަ ނަގާނޭ ގުނަވަނީ އެއީއެވެ. އަނބުރާ ނުގެނެވޭނޭ ބަހެއް އެ ދޫ ބުނެފާނޭތީ ހިފެހެއްޓީއެވެ.
"ތަނަކަށް ދާންތަ ތިއުޅެނީ." ނޯޔާ އެހެން ކޮޓަރިއަކުން ނުކުތްތަން ފާހަގަ ކުރެވި އިނދެ ލޫނާ އަހާލި އެވެ.
"ހޫމް!..." ނޯޔާ ބޯޖަހާލަމުން ބުންޏެވެ.
"ކާފައާ ނޫބޭބީ ކައިރިއަށް މިދަނީ... ދޯ މަންމާ." މަލްސާ ބުނެލި އެވެ. ދެން ވެސް ނޯޔާ ބޯޖަހާލީ އެވެ. އެ ކުދީންނަށްޓަކައި ދާނަމޭ ބުނެވިފައި އޮތުމުން ނުގޮސް ހުރެވޭކަށް ނޯޔާއަކަށް ނެތެވެ. އެހެން ނަމަވެސް ގޭތެރެއަށް މުސީބާތެއް ފާވެއްޖެކަން ނޯޔާގެ ޟަމީރު ބުނެއެވެ.
"އެ ދެމީހުން އެކަނި... އަހަރެން ނެތީސް..." ޝައްކުގެ ނުބައިކަން އެނގިހުރެ ވެސް އެކަމުން ނޯޔާ ސަލާމަތެއް ނުވިއެވެ. ލޫނާގެ ގަސްދު ޔަގީނާ ގާތަށް އެނގޭއިރު، އެކަހަލަ އަންހެނަކާއެކު އެކަނިވާން ފިރިމީހާ ދޫކޮށްލާފައި ދާން ނޯޔާއަށް އެއްބަސްވެވޭނީ ކިހިނެއް ހެއްޔެވެ.
"ދަނީތަ؟" އަސްލަންގެ އަޑު އިވި ނޯޔާގެ ނަޒަރު ފިރިމީހާއަށް ދަތުރު ކޮށްލިއެވެ. އެއްޗެކޭ ނުބުނެހެން ހުރެފައި ވެސް ނޯޔާ މަޑުމަޑުން ބޯ ޖަހާލީއެވެ. ދާން ނުވޭތޯ ސުވާލު ކުރަމުން މަލްސާ އައިސް ނޯޔާގެ ކައިރިއަށް ހުއްޓުނީ އެވަގުތެވެ.
"ބައްޕައަށް ކޮފީތަށްޓެއް ހަދައިދީފަ މިދަނީ." ނޯޔާ ބުނެލި އެވެ.
"އޯކޭވާނެ... އަހަރެން ހަދާލަފާނަން." އަސްލަން ބުންޏެވެ.
ލޫނާއަށް ބަލާލެވުނު ހިނދު އޭނާ ހިނިތުންވެލިއެވެ. ނަމަވެސް އެއީ ހަރުފައެއްގެ ހިނިތުންވުން ފަދަކަން ނޯޔާއަށް ސިފަ ކުރެވުނެވެ. އަނުމް އުރާލައިގެން އަނެއް ދެބެން ކުރިއަށް ނެރި ހުރެ ނޯޔާ އެޕާޓްމެންޓުން ނުކުތީއެވެ. އަސްލަންއާ ދުރަށް ނެގި ކޮންމެ ފިޔަވަޅަކާއެކު ހަފަރާތުން އޭނާގެ މޭގައިވި ހިތް ފިތެމުންދިޔައެވެ. ލިފްޓާ ހަމައަށް އަސްލަން އައެވެ. އޭގެ ދޮރުފަތް ލެއްޕެންދެން އަސްލަން ބަލަން ހުރީއެވެ. ދެފަހަރަކު ހިނިތުންވުމެއް ދިނެވެ. (ނުނިމޭ)