ކޮވިޑް-19 އާ ގުޅިގެން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާކޮށް ސާބިތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މިމައްސަލައިގައި ދޫދިނުމެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިހެން ބުނެފައި މިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ދެވަނަ ފަހަރަށް ނިންމަވާ އެކަން އޭސީސީއަށް އެންގެވުމާ ގުޅިގެން އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނީ އޮކްޓޫބަރު 14، 2020 ގައެވެ. އޭސީސީން މައްސަލަ ފޮނުވުމުން އެ މައްސަލައިގައި 6 ކަމެއް ފާހަގަކުރައްވާ، ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އެންގެވީ އޮކްޓޫބަރު 19، 2020 ގައެވެ. ޕީޖީ ފާހަގަކުރެއްވި ހަކަމަށް ރިއާޔަތްކޮށް އޭސީސީން އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްފަހު ދައުވާކޮށްދިނުމަށް ދެވަނަ ފަހަރަށް ޕީޖީގައި އެދުނީ 25 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް ދެވަނަ ފަހަރަށް ޕީޖީއަށް މައްސަލަ ފޮނުވުމުން ޖަވާބެއް ނުދެއްވާ ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް އެންގެވުމުން އެކަން ބަލައިގަންނަން ދަތި ކަމަށްވެސް އޭސީސީ މިއަދު ބުނެފައިވެ އެވެ.
ނޫސްވެރިންނާ މިއަދު ވާހަކަދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ބަޔަކު ތިބި ކަމަށް އޭސީސީން ގަބޫލުކުރާ ކަމަށެވެ. އަދި އެމީހުން ކުރި ކުށް ސާބިތުކުރެވޭ ވަރުގެ ހެކިތައް އޭސީސީގެ ތަހުގީގަށް ލިބިފައިވާތީ މިމައްސަލައިގައި ދޫދިނުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދިވެސް ޕީޖީއާ މަޝްވަރާކޮށްގެން މިކަމުގައި ކުރިއަށް ދެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރާނަން. އަޅުގަނޑުމެން ދެ މުއައްސަސާއަށް ހުރިހާ ފަހަރަކު ހުރިހާ މައްސަލައެއްގައި އެއްބަސް ނުވެވިދާނެ. އެއީ މައްސަލައެއް ވެސް ނޫން،" ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވުމާ އެކު އޭޕްރީލް 13، 2020 ގައި އެ މައްސަލަ ތަހުގީގުކުރަން އޭސީސީން ނިންމީ އަމިއްލަ އިސްނެގުމަށް ކަމަށެވެ. އޭގެފަހުން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަރުކާރުން ވެސް އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަން ޝިއުނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރެވި ލަސްވަމުންދާތީ އޭސީސީގެ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އިސްތިއުފާ ދިނުމަށް މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް އާންމުން ސޯޝަލް މީޑިއާގައި ގޮވާލަމުންދާ ކަންވެސް ޝިއުނާ ވަނީ ފާހަގަކުރައްވާފަ އެވެ. އޭސީސީގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފާޑުކިޔުން އަމާޒުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ބައެއް މައްސަލަތައް ނިމޭ ގޮތަކުން އޭސީސީގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ވާހަކައާއި އިސްތިއުފާ ދިނުމަށް ގޮވާލަމުންދާތީ ބައެއް ފަހަރު މާޔޫސްވެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އިސްތިއުފާ ދެއްވާނީ އެފަދަ ހާލަތެއް އޮތް ކަމަށް އަމިއްލަފުޅަށް ގަބޫލުކުރެއްވުނު ދުވަހަކުން ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އޭސީސީގެ ނައިބް ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާކޮށްދިނުމަށް އެދި ކަމަށެވެ. އެކަމަކު މިމައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ނާޖާއިޒު ފައިދާއެއް ވެފައިވާ ކަން އެނގެން ނެތުމުން އެ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ އަންގަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ގެނައި އުފުލިއެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރެވޭނެ ގޮތްތަކާއި ހާލަތްތައް ވަރަށް ރަނގަޅަށް ބުނެދީފައިވާ ކަން ފާހަގަކުރައްވަމުން އަނޫލާ ވިދާޅުވީ އެ ހުކުމްގައިވާ ގޮތަށް ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުން ކޮށްފައިވާ ކުށުގެ އުންސުރުތައް ހަމަވާ ކަމަށެވެ.
"އެ ހުކުމަށް އެކަނި ބެލުމުން ވެސް އެނގޭނެ މިފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހާ އަށް ކޮންމެހެން ފައިދާތަކެއް ވާން ނުޖެހޭ ކަން. މިކަހަލަ މައްސަލަތަކުގައި ހިމެނޭ މީހުން އަމަލުކުރާ ގޮތުން އޭނާއަށް ފައިދާއެއް ވެފައިވާ ކަން މާފަހުން ވެސް އެނގިދާނެ. އެކަން އެނގޭ ހިސާބުން އެކަމެއް ހޯދައި ބަލައި ތަހުގީގުކުރުމަށްފަހު، އޭނާ އަށް އެ ކުށުގައި ފަހުން ދައުވާ ކުރެވިދާނެ. އެކަމަކު އޭގެ ކުރިއަށް ފާހަގަވާ މައްސަލަތަކުގައި ދައުވާ ނުކޮށް މައްސަލަ ފޮނުވާލަންޖެހޭ ކަމަކަށް ނުދެކެން،" އަނޫލާ ވިދާޅުވި އެވެ.
ޕީޖީގެ ނަން ވިދާޅުނުވެ އެކަމަކު ޕީޖީއަށް އިޝާރާތްކުރައްވާ އަނޫލާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން ކުރިއަށް ގެންގޮސްފައިވާ ތަހުގީގަކީ ފެންވަރު ދަށް ތަހުގީގެއް ކަމަށް ދޭހަވާ ގޮތަށް ދައުލަތުގެ އިސްވެރިޔަކު ދައުލަތުގެ މުއައްސަސާ އަކާ މެދު ވާހަކަ ދެއްކެވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއްވެސް މުއައްސަސާ އަކީ ފުރިހަމަ ތަނެއް ނޫން ކަމަށާއި ކަންކަން ތަޖުރިބާކޮށްގެން ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަނޫލާ އިތުރަށް ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް އޭސީސީން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުނީ އަލަށް ނޫން ކަމަށެވެ. މީގެކުރިންވެސް އެފަދަ މައްސަލަތަކުގައި ބަލާފައިވާ ކަންކަމާއި، އުސޫލުތަކުގެ ތެރެއިން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ވެސް އޭސީސީން އެދުނު ދައުވާ ކުރެވޭ ވަރަށް ޕީޖީ އަށް މައުލޫމާތު ފޮނުވާފައިވާނެ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޭސީސީގެ މެންބަރު އައިޝަތު އަބްދުﷲ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމެވީ މިމުއާމަލާތް ހިންގާފައިވަނީ ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދައެއް ނަގައި، އޭޖީ އޮފީހުން ހޯދަންޖެހޭ ލަފައެއް ހޯދާފައިވާ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. އަދި މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ބައެއް ކަންކަން ގޯސްކޮށް ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިދާރީ އޮޅުމަކުން ދައުލަތަށް ގެއްލުންވާ ގޮތަށް ބޮޑެތި އަދަދުތަކުން ފައިސާތަކެއް އެހެން ބަޔަކަށް ފޮނުވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމައްސަލައިގައި މައުލޫމާތުތަކެއް ހޯދުމަށް އޭޖީ އޮފީހަށް އޭސީސީން ހުށަހެޅުމުން އޭޖީ ލަފާ ދެއްވީ ވެންޓިލޭޓަރުތައް ގަތުމުގެ ކުރިން ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަށްފަހު ފިނޭންސުގެ ހުއްދައާއި އެކު މިމުއާމަލާތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭސީސީން ފަހުން ފިނޭންސުގައި މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނެތި ވެންޓިލޭޓަރުތައް ގަތުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ވެންޓިލޭޓަރުތަކުގެ މުއާމަލާތް ކުރިއަށް ގެންދަން ހެލްތު މިނިސްޓްރީން އޭޖީގެ ލަފައެއް ހޯދުމަށް ހުށަހެޅީ އޭޕްރީލް 1، 2020ގައި ކަމަށާއި، މިކަމާ ގުޅޭ ފުރަތަމަ ޕޭމަންޓް އޭޕްރީލް 2، 2020ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ޖަމާކޮށްދީފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.
އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މުއާމަލާތް ހިންގުމަށް ފައިސާ ފޮނުވާފައި ހުރި އެކައުންޓުތަކުގެ ތަފްސީލް އޭސީސީއަށް އެނގޭ ކަމަށެވެ. ނަމަވެސް އޭރު އެ ފައިސާ ހުރީ ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށާއި އެހާ ހިސާބުން އެ ފައިސާ ހުއްޓުވުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އޭސީސީއަށް ދެން ކުރެވޭނެ ކަމަކީ ދައުލަތަށް އެ ފައިސާ ހޯދުމަށްޓަކައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާ ކުރުން ކަމަށްވެސް ވިދާޅުވި އެވެ. އޭސީސީން އެކަން ކުރަން މަސައްކަތް ކުރާނެ ކަމުގައިވެސް ޝަކީލް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މެންބަރު އަލީ އަޝްރަފް ވިދާޅުވީ އޭސީސީގެ ތަހުގީގުގެ ފެންވަރު ދަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް އޭސީސީން ކުރިއަށް ގެންދާ އާންމު ތަހުގީގުތަކަށް ވުރެ ރަނގަޅަށް، އަދި މާގިނަ ދުވަސް ހޭދަކޮށްގެން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދިޔަ ކަމަށްވެސް ވިދާޅުވި އެވެ.
"މިމައްސަލަ އަޅުގަނޑުމެން ބަލަން ނިންމީ އޭޕްރީލް 13، 2020ގައި. މައްސަލައިގެ ތަހުގީގު ނިންމީ އޮކްޓޫބަރު 13، 2020ގައި. މިމައްސަލައިގައި ޖުމްލަ 35 މީހެއްގެ ބަޔާން ނެގިން. މީގެ ތެރޭގައި ފިނޭންސްގެ އެންމެ އިސް 5 ބޭފުޅަކުވެސް ހިމެނޭ،" ތަހުގީގުގެ ފެންވަރު ސާބިތުކޮށްދެއްވަމުން އަޝްރަފް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގުގައި ނަގާފައިވާނީ ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ މުވައްޒަފުންގެ ބަޔާންތަކެއް އެކަނި ކަމަށްވެސް އޭސީސީން ބުނެ އެވެ. އަދި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމެވި ނަމަވެސް އެއީ ޕީޖީ އަށް ނުފޫޒެއް އޮވެގެން ނިންމެވި ނިންމެވުމެއް ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.