ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރަން ނިންމުމަށް ފަހު އަލުން އެ މައްސަލަ މުރާޖައާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީ ނިންމަވާފައި މިވަނީ މިމައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ ކުރިން ނިންމެވުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ޕީޖީގެ އިސްތިއުފާއަށް އެމްޑީޕީއާއި އަދި މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ގޮވާލައްވަމުން ގެންދަވަނި ކޮށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ޕީޖީ އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނީ ގާނޫނުއަސާސީއާ ގާނޫނުތަކާއި އެއްގޮތަށް ކަމަށާއި އެކަމަކު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެމަނިކުފާނު އަމަލުކުރައްވާފައިވަނީ އެގޮތަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިއީ ވެންޓިލޭޓަރުތަކުގެ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމި ދެވަނަ ފަހަރެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެންމެ ފުރަތަމަ އެދުނީ އޮކްޓޫބަރު 14، 2020 ގައެވެ. ދައުވާ ކުރަން އެދުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމުގެ ކުށުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ 12 މީހަކަށެވެ. އޭސީސީން މައްސަލަ ފޮނުވުމުން އެ މައްސަލައިގައި ހަ ކަމެއް ފާހަގަ ކުރައްވާ، ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އެންގެވީ އޮކްޓޫބަރު 19، 2020 ގައެވެ. ޕީޖީ ފާހަގަކުރެއްވި ހަކަމަށް ރިއާޔަތްކޮށް އޭސީސީން އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ދެވަނަ ފަހަރަށް ޕީޖީގައި އެދުނީ އޮކްޓޫބަރު 25، 2020 ގައެވެ.
ނަމަވެސް ދެވަނަ ފަހަރަށް ޕީޖީއަށް މައްސަލަ ފޮނުވުމުން ޖަވާބެއް ނުދެއްވާ ގިނަ ދުވަސްތަކަކު ހުންނެވުމަށް ފަހު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް އެންގެވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް އޭސީސީން ބުނެ އެވެ. އަދި ދެވަނަ ފަހަރަށް ޕީޖީ އަމަލުކުރެއްވި ގޮތަކީ ބަލައިގަންނަން ދަތި ގޮތެއް ކަމަށްވެސް އޭސީސީ ބުނެ އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލަ މުރާޖައާ ކުރަން ނިންމީ މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާއި އޭސީސީގެ ކަންބޮޑުވުންތަކެއް އިންތިހާ އަށް ހުރުމުން ކަމަށެވެ. މިބަޔާނުގައި ބުނެފައިވަނީ މައްސަލަ އަލުން މުރާޖައާ ކުރާއިރު މިމައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތައް ވެސް އެ އޮފީހުން ހޯދުމަށްފަހު މައްސަލައިގައި ތަހުގީގުކުރަންޖެހޭ އިތުރުކަމެއްވާނަމަ އެކަމެއް ތަހުގީގުކުރަން އޭސީސީއަށް އިރުޝާދު ދޭނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ޖިނާއީ ދައުވާކުރުމުގައި އެ އޮފީހުން ބަލަނީ މައްސަލައިގައި ހެއްކާއި ގަރީނާ ހުރި މިންވަރާއި، އާންމު މަސްލަހަތު އޮތް މިންވަރަށް ކަމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާންމު މަސްލަހަތު އެބައޮތް ކަން ފާހަގަކުރަމުން މިބަޔާނުގައި މިއަދުވެސް ވަނީ މިމައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ކުރި ކަމާ ދޭތެރޭ ސުވާލު އުފައްދާފަ އެވެ.
"މިހާރު އަމަލު ކުރަމުންދާ ގާނޫނީ ނިޒާމުގައި ދައުވާ ކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް ހެއްކާއެކު ސާބިތު ކޮށްދޭން ޖެހޭނެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާ ވާނީ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ދިވެހި ސަރުކާރަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ލިބުނު ބައެއް ވެންޓިލޭޓަރުތަކުގައިވެސް ބައެއް މައްސަލަތައް ހުރިކަން ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރީ އެކަމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށްވާ ދުބާއީގެ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށެވެ. އޭސީސީން ބުނާ ގޮތުގައި އެ ކުންފުނިން ވެންޓިލޭޓަރުތައް ގަނެދިނުމަށް ހުށަހެޅި 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޖަމާކޮށްދީފައިވަނީ ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަށް ދީފައިވާ ލަފައާއި އެއްގޮތަށް އެކަން ނުކޮށް އެއްބަސްވުމެއް ހެދުމެއް ނެތި ކަމަށެވެ.