އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އެ ގާނޫނު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެގެ މެންބަރު މުހައްމަދު ފަލާހެވެ.
އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ އެ ގާނޫނުގައިވާ ބައެއް މާއްދާތަކުގައި މިފަހުން އުވާލަން މަޖިލީހަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީގެ ބައިތައް ހިމެނޭތީ އެވެ.
ރާއްޖޭގެ ކަނޑުދަތުރު ފަތުރާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލައި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.
މިހާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނު ތަންފީޒްކުރަން ރޯޑް ސޭފްޓީ ކައުންސިލެއް އޮންނަން ޖެހެ އެވެ. އަދި އެ ކައުންސިލްގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަރާތެއް ހުންނަން ޖެހެ އެވެ. އޭގެ ބަދަލުގައި އެ ކައުންސިލްގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ހިމަނަން ޖެހޭގޮތަށް ވަނީ އިސްލާހުހުށަހަޅައިފަ އެވެ.
ދެން ހުށަހެޅި އިސްލާހާ ގުޅިފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން ހުއްދަ ނުނަގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ރޭސް ޖަހަން ދުއްވުމާއި ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުން އޮންނަ މާއްދާ އެވެ. އޭގެ ބަދަލުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެ މިނިސްޓްރީން ކަނޑައަޅާ އިދާރާތަކުން ހުއްދަ ނުނަގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ރޭސް ޖަހަން ދުއްވުމާއި ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުން އޮންނަ ގޮަތަށް އެ މާއްދާ ބަދަލުކުރަން އިސްލާހު ވަނީ ހުށަހަޅައިފަ އެވެ.