ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެއްލައްކަ ޑޯޒް ކޮވިޝީލްޑް ގެނެސްފި

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ގަންނަން ސޮއި ކުރި އެއްބަސްވުމުގެ ދަށުން ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިއްޖެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން 300،000 ޑޯޒް ވެކްސިން ގަންނަން ވަނީ އޯޑަރު ދީފަ އެވެ. އޭގެ ތެރެއިން މިއަދު ރާއްޖެ ގެނެސްފައި ވަނީ 100،000 ޑޯޒެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ ވެކްސިން ގަންނަން ނިންމާ އެކަމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އިންޑިއާއިން ވެކްސިން ގަންނަން އާ ހުއްދައެއް ދީފައި ވަނީ އެސްޓެރެޒެނިކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިއަ ޑިސެމްބަރު 31 ގައި އެއްބަސްވުމެއް ވުމަށް ފަހު އެވެ. އެ ޑޯޒްތައް ލިބޭނެ ދުވަހެއް ޔަގީނެއް ނުވެއެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ރާއްޖޭގައި ޖަހާފައި ވަނީ އިންޑީއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ 200،000 ޑޯޒެވެ. ވެކްސިން ފުރަތަމަ ޑޯޒްގެ ދެވަނަ ބުރު މިހާރު ފަށައިފައިވާއިރު މިހާރު ޖަހައިދެމުން އަންނަނީ ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ސިނޯފާމް ވެކްސިނެވެ.