ވައްކަމުގެ ވާހަކަ ދައްކައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ 2023 އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު (ފުނަމާ) ވިދާޅުވެއްޖެ އެވެ.
ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ ވާހަކަ ދައްކައިގެން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެމަނިކުފާނު ނޫން އެހެން ހުރިހާ އެންމެންނަކީ ކޮރަޕްޓް މީހުން ކަމަށް ދައްކަން ކަމަށެވެ. އަދި އެ ވާހަކަ ދައްކަވަނީ 2023 ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަަށް ވިދާޅުވިއެވެ.
"ވެންޓިލޭޓަރޭ އެހެން އެހެން އެއްޗެކޭ ކިޔައިގެންވެސް މީނާ [ރައީސް ނަޝީދު] ނޫން އެހެން ހުރިހާ މީހުންނަކީ ކޮރަޕްޓް މީހުން ކަމަަށް ދައްކައިގެން ނަޝީދު މި ޖަހާ ސަކަރާތަކީ 2023 ގެ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރާ ކަމެއް،" ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ލަތީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން 2023 ގެ ރިޔާސީ އިންތިހާބުގައިވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.
ވައްކަންކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ޑުބާއީ ކުންފުންޏެއް މެދުވެރިކޮށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައަށް އިޝާރާތް ކުރައްވަ އެވެ. އެ މައްސަލަ ޕްރޮސިކުއިޓާ ޖެނެރަލް އޮފީހުން ދެވަަނަ ފަހަރަށް ބެލުމަށްފަހު ވެސް ނިންމާފައި ވަނީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާ ށެވެ.
އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަަމަށެވެ. އަދި އޭރުން ސަރުކާރުން އެކަމުގައި ބައިވެރިވުން އޮތް ކަމަށް ފެނިދާނެ ކަމަށެވެ.
"ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ. މިކަންކަން ބަދަލުކުރަން ޖެހޭ އަދި. ރައްޔިތުންނާ އެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ކުރިއެރުމެއް ނުލިބޭތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަސް ޝިއުނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ރައީސް ނަޝީދު ވަނީ ތާއީ ދުކުރައްވައިފަ އެވެ.