ބޮލީވުޑް

"ޝާންދާރް" ފްލޮޕްވުމުން ޝާހިދު "އޭކޭ ވާސަސް އެސްކޭ" ދޫކޮށްލީބާ؟

Nov 4, 2015

މިދިޔަ މަހުގެ ފަހުކޮޅު ރިލީޒްވި ޝާހިދު ކަޕޫރުގެ "ޝާންދާރް" ފްލޮޕްވުމުން އިންތިހާއަށް ކަންބޮޑުވެ، ފިލްމު އުފެއްދި ފަރާތާއި ޝާހިދާއި ދެމެދު ނުތަނަވަސްކަމެއް އުޅޭކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

"ހައިދަރް"ގެ ކާމިޔާބީއާއެކު ޝާހިދުގެ ހުރިހާވެސް އުންމީދެއް އޮތީ "ޝާންދާރް" އާއެކު ކަމަށްވެފައި، މިފިލްމަށް ލިބުނު ނާކަިޔާބީއާއެކު މެދުއުޑުގައި ފިޔަޖަހަމުން އައި ޝާހިދުގެ ތަރީގެ އަލިކަން މިވަނީ ކޮންމެވެސް ވަރަކަށް ފަނޑުވެފަ އެވެ.

"ޝާންދާރް" ކަހަލަ ތާކުންކުރެ ތާކު ނުޖެހޭ ފިލްމެއް ކުޅެން ޝާހިދު ކުޅުނީތީވެސް ގިނަ ބަޔަކު އޭނާއަށް މަލާމަތްކުރަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި ކުޅޭނެ ފިލްމުތަކަށް ސޮއިކުރާނީ ވަރަށް ބޮޑަށް ބެލުމަށްފަހު ވަރަށް ފަރުވާތެރި ވެގެން ކަމަށްވެ އެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ރިސްކެއް ނަގައިގެން ފިލްމެއް ކުޅުމުގެ ވިސްނުމެއް ޝާހިދު ނުގެންގުޅޭނެ ކަމަށާއި ދެން ފިލްމުތަކަށް އާނބަސް ބުނާނީ ރަނގަޅު ހުށަހެޅުންތަކަކަށް ކަމަށް ނޫސްތަކުގައިވެ އެވެ.

"ޝާންދާރް"ގެ ނާކާމިޔާބީއާއެކު ޝާހިދަށް ލިބިފައި އޮތް ތިން ފިލްމެއްގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިފައިވާ ކަމުގެ އަޑުތަކެއްވެސް އަރާފައިވާއިރު، އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ޝާހިދު މިހާރު ވަނީ ވިކްރަމްއަދިތްޔަ މޮޓްވާނީގެ "އޭކޭ ވާސަސް އެސްކޭ" ކުޅެން މިހާރު ދެކޮޅު ހަދާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މިފިލްމު ކުޅެން ޝާހިދު މިހާރު ނޫނެކޭ ބުނެފައިވާ ކަމުގެ އަޑުތަކެއް އަރާފައިވާއިރު، އެންމެފުރަތަމަ މިފިލްމުގެ ހުށަހެޅުން ލިބުމުންވެސް ފިލްމާއި މެދު ޝާހިދުގެ ހިޔާލުހުރީ ދެގޮތަށް ކަމަށާއި ނަމަވެސް ޝާހިދުގެ ގާތް އެކުވެރިއެއް ކަމަށްވާ މަދޫ މަންތެނާ ޝާހިދުއާ ވާހަކަ ދައްކައިގެން ހިޔާލު ބަދަލުވެ، އެންމެފަހުން މިފިލްމު ކުޅެން ސޮއިކުރީ އެވެ.

ޝާހިދު "ޝާންދާރް" ކުޅެން އެއްބަސްވީ ވެސް އެފިލްމަކީ މަދޫ ޕްރޮޑިއުސްކުރި ފިލްމަކަށް ވެފައި، އޭނާ އަކީ ޝާހިދު އެކުވެރިއަކަށް ވުމުން އޭނާ ބުނި ބުނުމަކަށެވެ.

އެހެންނަމަވެސް ދެވަނަ ފަހަރަށް މަދޫ އެދިގެން އަނެއްކާވެސް ފްލޮޕް ފިލްމެއް ކުޅެގެން ކެރިއަރު ހަރާބުކުރުމުގެ ވިސްނުމެއް މިހާރަކު ޝާހިދެއް ނުގެންގުޅެ އެވެ. އެގޮތުން "ޝާންދާރް" ފްލޮޕްވުމުން ޝާހިދު ވަނީ މަދޫ އަށް ގުޅައި "އޭކޭ ވާސަސް އެސްކޭ"ގައި އޭނާގެ މާބޮޑު ރޯލެއް ނެތުމުން އެފިލްމު ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

ޝާހިދު މިގޮތަށް ކަންތައް ކުރުމުން މަދޫ އަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނުއިރު، އޭނާ ވަނީ ޝާހިދަށް ވިސްނައިދޭން ވަރަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކި ފަހަރު މަތިން މަދޫ ވާހަކަދައްކައިގެން ވެސް ޝާހިދުގެ ނިންމުން ބަދަލުވާގޮތް ވަނީ ނުވެފަ އެވެ.

ކޮންމެ އަކަސް ޝާހިދުގެ މިވަގުތު ބޭނުންވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ކެރިއަރަށް ފައިދާކުރާނެ ފިލްމުތައް ކުޅުމަށެވެ. މިފިލްމު ކުޅެން ހަގީގަތުގައިވެސް ޝާހިދު ދެކޮޅު ހަދާފައިވާނަމަ، އަނެއްކާވެސް އާ ބަތަލެއް ހޯދުމުގެ މަސައްކަތް ފިލްމުގެ ޑައިރެކްޓަރު މިހާރު ވާނީ ފަށާފައިކަން ޔަގީނެވެ.

މިހާރު ޝާހިދު އަންނަނީ ވިޝާލް ބަރްދްވާޖްގެ "ރަންގޫން" ކުޅުމަށް ތައްޔާރު ވަމުންނެވެ.