ދުނިޔެ

ގްރީން ސައޫދީ، ގްރީން މިޑްލް އީސްޓަށް މަރުހަބާ ކިޔަނީ

ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލްމާން "ގްރީން ސައޫދީ، ގްރީން މިޑްލް އީސްޓް އިނީޝިއޭޓިވް" އެނައުންސްކުރައްވައިފި އެވެ. މިއީ ބިޔަ ޕްރޮޖެކްޓަކަށް ކިޔާ ނަމެކެވެ. މައިގަނޑު މަސައްކަތަކީ ގަސް ނެތް ބިންތަކުގައި ގަސްއިންދުމެވެ. ބޭނުމަކީ ޖައްވަށް އަރައިގެންދާ ކާބަންޑައިއޮކްސައިޑްގެ މިންވަރު ކޮންޓްރޯލްކުރުމެވެ. މިޕްރޮޖެކްޓްގައި ޖުމްލަ 50 ބިލިއަން ގަސްއިންދޭނެ އެވެ. އަދި ހަކަތައުފައްދާ ވަސީލަތްތައް ތިމާވެއްޓާ ރައްޓެހި ނިޒާމްތަކަށް ބަދަލުކުރެވޭނެ އެވެ.

މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސައުދީއަކީ އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމަށާއި ތިމާވެށިގެ ހިމާޔަތުގައި މިވަރުގެ މަސައްކަތެއް ކުރުން ސައޫދީއަށް ހައްގުކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. ދުނިޔެއަށް ހަކަތަ ސަޕްލައިކުރުމުގައި ސައޫދީއަށް އިސް ދައުރެއް އަދާކުރެއްވޭ ކަމަށާއި އިންސާނުންގެ އަމަލުކުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރެވޭ ގައުމަކަށް ސައޫދީން ވާންޖެހޭ ކަމަށެވެ.

މިޕްރޮޖެކްޓް ހިންގަން ހަމަޖައްސާފައިވާ ގޮތް ޕްރިންސް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އަންނަ އަހަރު، 2022 ގައި އެކުވެރި އަރަބި ގައުމުތަކާއެކު ބައްދަލުވުންތައް ފައްޓަވާނެ ކަމަށާއި ފައްނީ ލަފާ ހުރިހާ ގައުމަކަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މުހައްމަދު ބިން ސަލްމާން ސަރަހައްދީ ބައިވެރިނަށް ފޯނުކުރައްވައި މި މަޝްރޫއާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. ގަސްއިންދުމުގެ އިތުރުން ހަކަތަ އުފެއްދުން އަދި ހަކަތަ ބޭނުންވާ ވަސީލަތްތައް ވެސް ތިމާވެއްޓާ ރައްޓެހި ނިޒާމަކުރުމާ މެދު ވަނީ މަޝްވަރާކުރައްވާފަ އެވެ.

ކުވައިތުގެ އަމީރު ޝެއިޚް ނަވާފް އަލް އަހްމަދު އަލް ސަބާހްއަށް ގުޅުއްވައި ޕްރިންސް ދެއްކެވި ވާހަކަތައް ފުޅާވެ ފަރުތައް ހިމާަޔަތްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. ތެޔޮޮ އުފެއްދުމުގެ ހުރިހާ މަސައްކަތްތަކެއް ވެސް ތިމާވެއްޓާ ރައްޓެހިކުރަން މަޝްވަރާކުރެއްވި އެވެ. މިމަސައްކަތްތަކާ މެދު އުފާފުޅުކުރައްވާ ކަމަށް އަމީރު ވިދާޅުވި އެވެ.

ބަހުރޭންގެ ރަސްގެފާން ހަމަދު ބިން އީސާ އަލް ޚަލީފާއަށް ގުޅުއްވައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ތިމާވެށިގެ ހިމާޔަތުގައި ސަަރަހައްދީ އެއްބާރުލުމެއް މުހިންމު ކަމަށް ރަސްގެފާން ޕްރިންސްއަށް ދެންނެވި އެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު ވިދާޅުވީ ރައްކާތެރި ވަސީލަތްތައް އުފައްދަން ސައޫދީއާއެކު މަސަކަތްކުރައްވާނެ ކަމަށާއި ސާފު ތިމާވެއްޓެއް މެދުއިރުމައްޗަށް ބޭނުންވާ ކަމަށެވެ.

ގްރީން ސައޫދީ، ގްރީން މިޑްލް އީސްޓް އިނީޝިއޭޓިވްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ޕްރިންސް މުހައްމަދު ފޯނުކުރެއްވި ބޭފުޅުންގެ ތެރޭގައި ސޫދާންގެ ރައީސް، އަބްދުލް ފައްތާހް އަލް ބުރުހާން، އީރާގްގެ ބޮޑުވަޒީރު މުސްތަފާ އަލް ޚާދިމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޕްރިންސް މުހައްމަދުގެ މިއިސްނެއްގެވުމަށް ތައުރީފްކުރައްވައި އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލް ޣައިތު ވެސް ވާހަކަދެއްކެވި އެވެ.

ދިވެހި ރާއްޖެއިން ވެސް ވަނީ ބަޔާނެއް މެދުވެރިކޮށް ގްރީން ސައޫދީ، ގްރީން މިޑްލް އީސްޓް އިނީޝިއޭޓިވްއަށް ސަޕޯޓްކޮށް ޕްރިންސް މުހައްމަދަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އުންމީދީ ބަސްމަގުން ތައުރީފްކުރައްވާފަ އެވެ.