ލައިފްސްޓައިލް

ހަޅޭއްލެވުން: ކުދިންގެ ސިކުނޑި ކުޑަވޭ!

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރެވޭނީ އެކުދިންނަށް ހަޅޭއްލަވާ އަނިޔާކޮށް ހަދައިގެންނެވެ. ލޯބިން ފިރުމައިގެން، މަޑުމަޑުން ވާހަކަ ދައްކައިގެނެއް ކުދިންނެއް ބަހެއް ނާހާނެ އެވެ. ނަމަވެސް ހަގީގަތަކީ މިއާ ދިމާ އިދިކޮޅެވެ. ހަރުކަށިކޮށް ކުދިން ގެންގުޅުމުން އެކުދިންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރެ އެވެ. އެކުދިން ބޮޑެތި ވެގެން އުޅެނީ މާ ގޯސް ކޮށެވެ.

ޖާނަލް ޑިވެލޮޕްމަންޓް އެންޑް ޕައިކޯޕެތޮލޮޖީގައިވާ ދިރާސާ ރިޕޯޓެއް ބުނާ ގޮތުގައި ހަޅޭއްލަވާ އަނިޔާކޮށް ހަދައިގެން ގެންގުޅެ ބޮޑުކުރާ ކުދިންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި ހުރެ އެވެ. އަދި އެފަދަ ކުދިން ބޮޑެތި މީހުންގެ ގޮތުގައި އުޅޭނީ ވަރަށް ވިޔާނުދާ ކޮށެވެ.

މި ރިޕޯޓު ބުނާ ގޮތުގައި ކުޑައިރު ހަޅޭއްލަވާ އެއްޗެތި ގޮވާ އަދި ތަޅާ ހަދާ ކުދިން ފުރާވަރު އުމުރަށް އަޅާއިރު އެ ކުދިންގެ ސިކުނޑި އުފެދެންވާ ވަރަކަށް އުފެދިފައެއް ނުހުރެ އެވެ. ނޫންނަމަ އެ ކުދިންގެ ސިކުނޑި އެ ގޮތަށް ނުގެންގުޅޭ އެ އުމުރުގެ ކުދިންގެ ސިކުނޑިއަށް ވުރެ ކުޑަ އެވެ.

ސިކުނޑީގެ ބައިތަކުގެ ތެރެއިން އެންމެ ބޮޑަށް ކުޑަވެފައި ހުންނަނީ އެމިގްޑަލާ އާއި ޕްރެފްރޮންޓަލް ކޯޓެކްސް އެވެ. މިއީ އެކުދިންގެ ޖަޒުބާތު އުފެދުމުގަ އާއި އެންޒައިޓީ އާއި ޑިޕްރެޝަންގެ މައްސަލަތައް އުފެދުމުގައި މުހިއްމު ރޯލެއް ކުޅޭ ބައި ތަކެކެވެ.

ކުޑައިރު އެކި ކަހަލަ އަނިޔާތައް ލިބޭ ކުދިންގެ ސިކުނޑި ކުޑަވާ ކަން އެއީ ވަރަށް ކުރިއްސުރެ ސައިންސްވެރިން ސާބިތު ހެއްކާ އެކު ދައްކާ ވާހަކަ އެކެވެ. ނަމަވެސް ބޮޑެތި އަނިޔާތަކަށް ވުރެ ތަންކޮޅެއް ކުދިކުދި އަނިޔާތަކުން ވެސް އެކުދިންގެ ސިކުނޑީގެ ފިޒިކަލް އެނަޓަމީއަށް ނޭދެވޭ އަސަރުކުރާކަން ސައިންސްވެރިންނަށް ދެނެގަނެވުނު މިއީ ފުރަތަމަ ފަހަރެވެ.

"ހަރުކަށި"ކޮށް ދަރިން ގެންގުޅުމަކީ ކޮބައި ހެއްޔެވެ؟

ކުދިންނާ މެދު ހަރުކަށިކޮށް ކަންތައް ކުރާ މީހުން އެމީހުންގެ ދަރިން ދެކެ ގިނަގިނައިން ރުޅި އަންނާނެ އެވެ. އަދި ރުޅި އަންނައިރަށް އެކުދިންގެ ގައިގައި ޖަހާނެ އެވެ. ނުވަތަ ގައިގައި ހިފައި ތަޅުވައިގަނެ، ބާރަށް ހަޅޭއްލަވާ ހަދާނެ އެވެ. އަދި މިގޮތަށް މައިންބަފައިން ކަންތައްކުރާ ކުދިންގެ ސިކުނޑި ފުރާވަރު އުމުރަށް އަޅާއިރުވެސް އެކަށީގެންވާ ގޮތަކަށް ބޮޑެއް ނުވެ އެވެ.

ސްޓެންފޯޑް ޔުނިވަސިޓީގެ ޕީއެޗްޑީ ހާސިލުކޮށްފައިވާ ރިސާޗާ ސަބްރީނާ ސަފްރީން ވިދާޅުވީ ކުޑައިރު ކުދިންނަށް ދިމާވާ އެންޒައިޓީ އާއި ހިތްހަމަނުޖެހޭ ކަންކަމުގެ އަސަރު އެކުދިން ބޮޑެތި ވުމުން ކުރާލެއް މާ ބޮޑެވެ. ސަބަބަކީ ކުޑައިރު ދިމާވާ ކަންކަމުން އެކުދިންގެ ސިކުނޑިގެ ސްޓްރަކްޗާ އަށް ލިބޭ އުނި ކަންތައްތަކެއްގެ ސަބަބުންނެވެ. ނަމަވެސް މިހާތަނަށް މިރޮނގުން ހޯދާފައިވާ ހޯދުންތައް މަދުކަން ވެސް ސަބްރީނާ ފާހަގަ ކުރެއްވި އެވެ.

ސަބްރީނާ ވިދާޅުވީ މިފަހަރުގެ ދިރާސާގައި ހަރުކަށިކޮށް ކުދިން ގެންގުޅުން ކަމަށް ބަލާފައިވަނީ ވަރަށް އާދައިގެ ކުދިކުދި އަނިޔާ ތަކަށެވެ. އަދި މިއީ ވަރަށް ގިނަ މުޖުތަމައުތަކުގައި އެންމެ ރަނގަޅުކަމެއް ކަމަށް ދެކޭ ކަންކަމެވެ.

"ނަމަވެސް މިކަންކަމުގެ އަސަރު ސިކުނޑިއަށް ފޯރާލެއް ވަރަށް ބޮޑު. އަދި އޭގެ ސަބަބުން ސިކުނޑި ކުޑަވެ އިތުރު ބަދަލުތައް އޭގެ އޮނިގަނޑަށް ވެސް އާދޭ. އެހެންކަމުން މައިންބަފައިންނާއި މުޖުތަމައަށް ވެސް މިކަން އެނގިފައި އޮތުން ވަރަށް މުހިއްމު. އެބައިމީހުން ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ދެކޭ ކަންކަމުން ކުއްޖާގެ ސިކުނޑިއަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާމުންދާކަން އެމީހުންނަށް އެނގިފައި އޮންނަން ޖެހޭ. އަހަރެމެން މި ދައްކަނީ ސޯޝަލް އަދި އެމޯޝަނަލް ޑިވެލޮޕްމަންޓުގެ ވާހަކަ. އަދި އެކުދިންގެ ސިކުނޑި އުފެދޭ ގޮތުގެ ވާޙަކަ،" ސަބްރީނާ ވިދާޅުވި އެވެ.

ކުދިންނަށް ކުރާ ސީރިއަސް އަނިޔާތައް (ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބޭ އަނިޔާތައް)، އެކުދިންގެ ހަޔާތުގެ ފަހުގެ ދުވަސްތަކުގައި ޑިޕްރެޝަން އާއި އެންޒައިޓީގައި އުޅެން ޖެހޭ ސަބަބަކަށް ވާކަމަށް ވެސް މި ހޯދުމުގައި ބުނެފައި ވެއެވެ.