ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

ކުދި ގައުމުތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދެން ޖެހޭ: ޝާހިދު

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ކުދި ޖަޒީރާ ގައުމުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު މިކަމަށް ގޮވާލައްވާފައި ވަނީ ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރި އާއި ތިމާވެއްޓާއި ގުޅޭގޮތުން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ގައުމުތަކުންނާއި އަމިއްލަ ފަރާތްތަކުން ކުދި ޖަޒީރާ ގައުމުތަކަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިގްތިސޯދުކޮށް އަދި ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭ ކަމަށެވެ.

ދުނިޔެ ހޫނުވެ، ގުދުރަތީ ކާރިސާތަކާ، ކަނޑުގެ ދިރުންތައް މަރުވުމުން އަދި ކަނޑުގެ ލޮނުގަނޑު އުސްވުންފަދަ ކަންކަމުގެ ސަބަބުން ޖަޒީރާތަކުގެ ދިރިއުޅޭ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް އެކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އިތުރުވަމުން އަންނަ ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ގައުމުތައް ފުރިހަމައަށް ތައްޔާރު ނުވާ ކަމަށް ވެސް ޝާހިދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި، ތިމާވެއްޓާއި ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

މިފަދަ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަން ނަންގަވައި، ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މަސްވެރިކަމުން ބާނާ އެއްވެސް އެއްޗެއް އުކާނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއް ކަމަށެވެ. ތިމާވެއްޓާއި މިފަދަ ރައްޓެހި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.