ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓާސް ލިސްޓުގައި ސޮއި ކުރަން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު ދިނުމަށް ހައްގު ލިބޭ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް ކެންޑިޑޭޓަކަށް ނާދެވޭ ނަމަ އެ ކެންޑިޑޭޓަކު ކަނޑައަޅާ ފަރާތްތަކަށް ވެސް ސޮއި ކުރެވޭނެ އެވެ. ސޮއިކުރުމުގެ ފުރުސަތު ހުޅުވާލީ މާދަމާއިން އިން ފެށިގެން އަންނަ މަހު ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާ ނަމަ އެކަން ބަޔާންކޮށް ސޮއި ކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ވެސް ގެންނަން ލާޒިމްކޮށްފައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން އެޕާޓީއަކުން އައްޔަނު ކުރާ ފަރާތް ސޮއިކުރަން ދާނަމަ އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖަހާފައިވާ ސިޓީއެއް ގެންދަން ޖެހެ އެވެ.

ވޯޓާސް ލިސްޓްގައި ސޮއި ކުރަން ހަމަޖެހިފައިވާ ގަޑި ތަކަކީ މާދަމާ އާއި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 08:00 އަށެވެ އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.