ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރޯދައިގެ ފަހަށް ގިނަ ކެފޭތަކެއް ބަނގުރޫޓް ވާނެ: ރެމް

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރޯދަ މަސް ނިމޭއިރު ކެފޭ / ރެސްޓޯރެންޓްތަކުގެ 40 އިންސައްތަ އަށް ވުރެ ގިނަ ތަންތަން ބަނގުރޫޓް ވެގެން ދާނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން ބުނެފި އެވެ.

ރެމް އިން މިހެން ބުނެފައިވަނީ ކެފޭ / ރެސްޓޯރެންޓްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް އިއްޔެ ބޭއްވި އިގްތިސޯދީ ކޮމެޓީގަ އެވެ.

ރެމްގެ މެމްބަރު ހުސައިން އިސްމާއިލް ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިހިންގަނީ ފައިދާގައި ނޫން ކަމަށެވެ. ފެން ބިލު، ކަރަންޓު ބިލު، ތަނު ކުލި އަދި މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ހުސައިން ވިދާޅުވީ މިހާރު ކުރިއަށް މިދާ ގޮތަށް ކުރިއަށް ދާނަމަ ކެފޭ / ރެސްޓޯރެންޓްތަކުގެ 40 އިންސައްތަ އަށް ވުރެ ގިނަ ތަންތަން ބަނގުރޫޓް ވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށް ވެސް ފުރުސަތުތައް ގެއްލި ބައެއް ގޭބިސީތަކުގައި ހިންގާ ވިޔަފާރިތައް ވެސް ބަނގުރޫޓުވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ 90 ޕަސެންޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. މީގެތެރޭގައި ގޭގޭގައި ކާއެއްޗެހި ތައްޔާރުކުރުމަށްފަހު ކެފޭތަކާއި ގުޅިގެން ތަކެތި ވިއްކާ މީހުން ގިނަ ކަންވެސް ރެމް އިން ވަނީ ފާހަގަކޮށްފަ އެވެ.

"އެމްޑަބްލިއުއެސްސީ، ސްޓެލްކޯ ފަދަ ކުންފުނިތަކުން ބިލް ހިފައިގެން އަންނަނީ ނޯޓިސެއްވެސް ނެތި. އެމީހުން ލިސްޓް ހިފައިގެން އެ އަންނަނީ ކަރަންޓާ ފެނާ ކަނޑާލަން. އަޅުގަނޑުމެން މިދަންނަވަނީ މިއީއޭ މިދަނޑިވަޅުގައި ހާލަތަކީ. ކިހިނެއްތޯ ބިލްތައް ފައިސާ ދައްކާނީ އަޅުގަނޑުމެން" ހުސައިން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޓޫރިޒަމަށް ދިން ކަހަލަ ލުއި ތަކެއް ދީގެން ނަމަވެސް ދަތިތަކުން އަރައިގަތުމަށް ކެފޭ / ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކަމާ ގުޅޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ރެމްގެ ނައިބު ރައީސް މުހައްމަދު ސުޖާއު ކޮމިޓީގައި ވިދާޅުވީ ކާބޯތަކެތި ފޯރުކޮށްދޭ އެކި ތަންތަނަށް ޕީކް ވަގުތު އަންނާނީ އެކި ވަގުތުތަކުގައި ކަމަށެވެ. ގިނަ ކެފޭ / ރެސްޓޯރެންޓްތަކުގެ ޕީކް ގަޑިއަކީ ރޭގަނޑުގެ ވަގުތު ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން މުހިންމު ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މީގެ ކުރިން ރޭގަނޑު 8:00 ޖެހުމާއެކު ކެފޭ / ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހުނެވެ. އެހެންނަމަވެސް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 10:30 ވަންދެން އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

މި މައްސަލައާ ގުޅިގެން އިގްތިސޯދީ ކޮމިޓީއަށް މީގެކުރިން ހާޒިރުކޮށް އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރާ ވަނީ ސުވާލުކޮށްފަ އެވެ. މައިމޫނާ ވިދާޅުވެފައި ވަނީ ކެފޭ އާއި ރެސްޓޯރެންޓް އަދި ސައި ހޮޓާތައް ފަދަ ތަންތަނަކީ ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑު ތަންތަން ކަމަށާއި ފިހާރަތަކަށް ވުރެ ބޮޑަށް އެފަދަ ތަންތަނުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ކެފޭ / ރެސްޓޯރަންޓްތަކުގައި ގިނަ މީހުން ތިބެނީ މާސްކު ނަގައި، ގައިދުރު ކަމެއް ނެތި ކަންވެސް މައުމޫނާ ވަނީ ފާހަގަކުރައްވާފަ އެވެ.