ޕީޕީއެމް

ޕީޕީއެމް އޮތީ ސަމާލުވެ، ވޯޓު އޮޅުވައެއް ނުލެވޭނެ: ގައްސާން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު އޮޅުވާލުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ޕީޕީއެމް އޮތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޗެނަލް 13ގެ ހާއްސަ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ގައްސާން ވިދާޅުވީ އިންތިހާބެއްގެ ކެމްޕޭން ތެރޭގައި ޕީޕީއެމް އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއާ ދޭތެރޭ އަމަލުކުރަނީ މިފަދަ ވަގުތެއްގައި އަމަލުކުރަންޖެހޭ ހަމަހަމަ އުސޫލުން ނޫން ކަމަށެވެ.

އެގޮތުން ގައްސާން ވިދާޅުވީ އެޕާޓީއަށް ގާނޫނީ ގޮތުން ލިބެންޖެހޭ ފައިސާ ހިފަހައްޓައި، އެޕާޓީއާ ގުޅުންހުރި އެކައުންޓްތަކެއް ފްރީޒްކޮށް އަދި ޕާޓީއަށް ހެޔޮއެދިގެން ފައިސާއެއް ދީފާނެހެން ހީވާ ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ފިއްތުއްތައް ކުރިމަތިކުރަމުންދާ ކަމަށެވެ. ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ޑރ. މުއިއްޒު ކޮންމެ ދުވަހަކުހެން ދައުލަތުގެ އިދާރާތަކަށް ހާޒިރުކޮށް އެމަނިކުފާނުގެ އިންތިހާބީ ހައްގުތަކެއް ގެއްލުންވާލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޕީޕީއެމުން ހަރަކާތެއް ރާވާއިރަށް އެޗްޕީއޭގެ ކޮންމެވެސް ގައިޑްލައިނަކަށް ފައްތާ، ފިޔަވަޅު އަޅަމުންދާ ކަމަށާއި އަދި ފުލުހުން ފޮނުވައިގެން ޕީޕީއެމްގެ އޮފީހުގެ ދޮރުބަންދުކޮށް އޮފީސް ބޭނުންކުރަން ހުރަސް އަޅަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރެއްވުމަށް ޕީޕީއެމްގެ އެއްވެސް ބޭފުޅަކަށް ފުރުސަތު ނެތް ކަމަށާއި ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ސަރުކާރުގެ މަޝްރޫއުތައް އިފްތިތާހުކުރުމުގެ ނަމުގައި ރަށްތަކަށް ދަތުރުކުރައްވާ ކެމްޕޭން ކުރައްވަމުން ގެންދަވާ ކަންވެސް ގައްސާން ވަނީ ފާހަގަކުރައްވާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްގެން ޕީޕީއެމްގެ ޓިކެޓްގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައެޅުމާ އެކު އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށްވެސް ގައްސާން ފާހަގަކުރެއްވި އެވެ.

މިކަންކަން މިހެން ހުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއާ ދޭތެރޭ ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަން ފެންނަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކެއްގެ ތެރެއިން މަޖިލީހުން ރުހުންދޭ ނަންތަކަކަށް ކަން ފާހަގަކުރައްވަމުން ގައްސާން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ނިސްބަތްވާ ޕާޓީގެ ގޮތުން ކޮމިޝަންގެ މެންބަރުން އުޅުއްވަނީ ވަޒީފާ ސަލާމަތް ކުރެއްވުމަށް ކަމަށް ތުހުމަތުކުރައްވާފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި އެބައޮތް ވަކި ޕާޓީއެއްގެ ސުޕަމެޖޯރިޓީއެއް. އެބޭފުޅުން ޖައްސަވާހާ ބެރަކަށް އިލެކްޝަންސް ކޮމިޝަނުން މިވަގުތު އެބޭފުޅުން، އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންގެ ވަޒީފާ ސަލާމަތްކުރުމަށްޓަކައި ނައްޓަވަން ޖެހޭ ތަން އަޅުގަނޑުމެންނަށް މިއޮތީ ފެނިފައި. އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޕީޕީއެމުން ގަބޫލުކުރާ ޕީޕީއެމްއަކާ ދެން ހުރި ޕާޓީތަކާ ހަމަހަމަ ފުރުސަތުތަކެއް ދެއްވާކަށް މަސައްކަތެއް ނުކުރައްވާ،" އިލެކްޝަންސް ކޮމިޝަނަށް ތުހުމަތުތަކެއް ކުރައްވަމުން ގައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއަށް ކުރިމަތިކޮށްފައިވާ ހުރިހާ ދަތިތަކާއި ހުރަސްތަކާ އެކު ވެސް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލަން މިފަހަރު ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި ޕީޕީއެމުން ކުރާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ ޕީޕީއެމްއަށް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ނުހައްގު ހުކުމެއް ކޮށް ނުހައްގުން ޖަލުގައި ބަންދުކޮށްފައިވާތީ އެމަނިކުފާނާ އެކު އަމަލީ މަސައްކަތްތަކެއް މިވަގުތު ކުރެވެން ނެތުމުން ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ގައްސާން ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު އޮތީ އެމްޑީޕީއަށް ކަމަށާއި އަދި މިވަގުތު ހިނގަމުންދާ ގިނަ ކައުންސިލްތަކަކީ ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކެއް ކަމަށެވެ. އެކަމަކު ރައްޔިތުންނަށް އެމްޑީޕީން ކޮށްދިން ކަމެއް ފެންނަން ނެތް ކަން ފާހަގަކުރައްވަމުން ގައްސާން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ހޮވައިފިނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ކެންޑިޑޭޓުން ގެންގުޅުއްވާ ތަރައްގީގެ ވިސްނުމާއި ފިކުރަށް ވޯޓު ދެއްވުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"ޕީޕީއެމް އަކީ ގައުމީ ފިކުރުގެ މީހުން. ޕީޕީއެމް އަކުން ތަރައްގީއަކަށް ހުރަހެއް ނާޅާނެ. ޕީޕީއެމް އަކުން އިސްލާމް ދީނަކަށް ފުރައްސާރައެއް ނުކުރާނެ. ޕީޕީއެމުން ހަމަހަމަ ކަމަށް ވަކާލާތުކޮށް އެކަން ދަމަހައްޓަން ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެން ޔަގީންކުރާނެ. ޕީޕީއެމުން އެއްވެސް ގޮތަކަށް ގައުމަށް ނިކަމެތި ކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ އިނގޭތޯ. އެހެންވީމާ ތަރައްގީއާ ދިމާލަށް ކުރާ ކޮންމެ މަސައްކަތެއްގައި ޕީޕީއެމް އޮންނާނީ އަރުވާ ޖަހައިގެން. އެހީތެރިކަމުގައި،" ގައްސާން ވިދާޅުވި އެވެ.

ގައްސާން އިތުރަށް ވިދާޅުވީ ފިއްތުންތަކާއި ނުފޫޒުތަކާއި ދެކޮޅަށް "މުޖާހިދުންތަކެއް ފަދައިން ޕީޕީއެމްގެ ލަޝްކަރު" މަސައްކަތް ކުރާ ގޮތް ފެނިވަޑައިގަތުމުން ހިތްޕުޅަށް ފިނިކަމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. ޕީޕީއެމްގެ ލީޑަޝިޕް އޮތީ ޕީޕީއެމްގެ ލަޝްކަރާ އެކު ސާބިތުވެ ކަމަށްވެސް ގައްސާން ވަނީ ވިދާޅުވެފަ އެވެ.