ފެންނަނީ ސިޔާދަތާއި އިސްތިގުލާލު ގުރުބާންކޮށް މިނިވަންކަން ގެއްލުވާލުމާއި ދިމާއަށް ގައުމު ދަތުރުކުރާ މަންޒަރު ކަމަށާ ރާއްޖޭގެ ހާލަތު ބަދަލު ކުރަން ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތ. އަތޮޅުގެ ގޮނޑިތަކަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްސާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ތާރީހުން ވަރަށް ގިނަ މަންޒަރުތައް ފެންނަން އެބަހުރި ކަމަށާ އޭގެ ތެރޭގައި ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުން މަރަން ފަސްނުޖެހޭ މީހުންވެސް ތިބޭކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ބާރާއި މަގާމުގެ ދިފާއުގައި ރައްޔިތުންނާއި ސިއްރުން ކޮންމެ ފަދަ އެއްބަސްވުމެއްވެސް ހަދަން ފަސް ނުޖެހޭނެ ވެރިން ތިބޭކަން ފެންނަން އެބަ އޮތް ކަމަށެވެ.
ޣައްސާން ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތާއި ރާއްޖެ ދަތުރުކުރާ މިސްރާބާމެދު ކޮންމެ ރައްޔިތަކުވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. ރާއްޖެ މިހާރު އޮތީ މިނިވަން ކަން ގެއްލުމާ ދިމާއަށް މިސްރާބު ޖަހާފައި ކަމަށާ އިސްލާމްދީނަށް ފުރައްސާރަ ކުރުން އާންމުވެފައިވާ ކަމަށެވެ.
"ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިން މަރަންވެސް ފަސްނުޖެހޭނެ ބަޔަކު މިބިމުގައި ތިބިކަން ތިނެއް ނޮވެންބަރު 1988 ވަނަ ދުވަހު އެ އޮތީ ދައްކާދީފައި. އެ ދަހިވެތި ކަމުގައި ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ވެރިކަން ދެމެހެއްޓުމަށްޓަކައި އެ ޝާނާ ޝައުކަތުގައި ދެމި ތިބުމަށްޓަކައި އަނެއްކާވެސް މި އޮތީ ގޮތް ނޭންގޭ، ބުނެކިޔާ އާދޭސް ކޮށްގެންވެސް ރައްޔިތުންނަށް ހާމަނުކުރާ އެއްބަސްވުންތަކެއްގައި މި އޮތީ ސޮއިކޮށްފައި. ގައުމުގެ ކަންކަން މިހާރު މިދަނީ ކިހިނެތްތޯ. ސިޔާދަތާއި އިސްތިގުލާލު ގުރުބާން ކޮށްފައި މިނިވަންކަން ގެއްލުވާލުމާއި ދިމާއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް މިއޮތް ގެންދަނީ. އިސްލާމްދީނަށް ފުރައްސާރަ ކުރަން ތިލަފަތުން ބިރަކާ ނުލާ ޖާގަ ދެނީ. ޖިންސީ ފުރައްސާރަ ކުރާ މަތީ ފަންތީގެ މީހުން އިންސާފުގެ ދަތުރުތަކުގައި ފުރުވާލަނީ. ދިވެހި އިގްތިސާދު އަނެއް ފުށަށްޖަހާ ފުނޑުފުނޑުކޮށްލާ އަނެއް ދިވެހިރާއްޖެއަށް ގެންދަނީ،" ޣައްސާން ވިދާޅުވިއެވެ.
ގައުމުގެ އޮތީ މިހާރު އޮތީ "ބޮޑުވަރިހަމަ" ކޮށްފައި ތިބެވެން ނެތްހާ ނުރައްކާތެރި ހާލަތެއްގައި ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. އަދިޮ ގައުމުގެ ހާލަތު ބަދަލުކުރެވޭނީ ރައްޔިތުންގެ މަސައްކަތުން މަސައްކަތުން ކަމަށް ވިދާޅުވެ އެ ހިތްވަރު ރައްޔިތުންގެ ކިބާގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. ޣައްސާން ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއާއެކު ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.