(28 މާރިޗު 2021 އާ ގުޅޭ)
ލޫނާއަށް ބަލާލެވުނު ހިނދު އޭނާ ނޯޔާއަށް ހިނިތުންވެލި އެވެ. ނަމަވެސް އެއީ ހަރުފައެއްގެ ހިނިތުންވުން ފަދަކަން ނޯޔާއަށް ސިފަ ކުރެވުނެވެ. އަނުމް އުރާލައިގެން އަނެއް ދެބެން ކުރިއަށް ނެރި ހުރެ ނޯޔާ އެޕާޓްމެންޓުން ނުކުތީ އެވެ. އަސްލަންއާ ދުރަށް ނެގި ކޮންމެ ފިޔަވަޅަކާއެކު ހަފަރާތުން އޭނާގެ މޭގައިވި ހިތް ފިތެމުންދިޔަ އެވެ. ލިފްޓާ ހަމައަށް އަސްލަން އައެވެ. އޭގެ ދޮރުފަތް ލެއްޕެން ދެން އަސްލަން ބަލަން ހުރީ އެވެ. ދެފަހަރަކު ހިނިތުންވުމެއް ދިނެވެ.
"ކީއް ތިކުރަނީ؟" އަސްލަންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭނާ އެޕާޓްމެންޓަށް ވަންއިރު ލޫނާ ހުރީ ނޯޔާގެ ކޮޓަރީ ދޮރުމަތީގަ އެވެ. އޭނާ އެ ކޮޓަރިއަށް ވަނީ ކަމެއް ނޫނީ ނުކުތީކަމެއް ދެނެގަންނާކަށް އަސްލަންއަކަށް ނޭނގުނެވެ. އޭނާ ހަލުއިކޮށް އެ ކޮޓަރިއާ ދިމާއަށް އައެވެ.
"މީ ނޯޔާގެ ކޮޓަރިތަ؟" އަސްލަންއަށް ބަލަން ހުރެ ލޫނާ އަހާލި އެވެ.
"ސައި ބޯނަންތަ؟ ދާންވީނު މޭޒު ކައިރިއަށް." ނޯޔާގެ ކޮޓަރި ކައިރިން ލޫނާ ދުރަށް ޖެހި ނުލުމުން އަސްލަން ބުންޏެވެ. ލޫނާ ކުރި ސުވާލަށް ޖަވާބު ދޭން އޭނާ ގަސްދެއް ނުކުރެއެވެ.
ލޫނާ މަޑުމަޑުން ކާ މޭޒާ ދިމާއަށް ހިނގައިގަތެވެ. އެހިނދު ނޯޔާގެ ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް އަސްލަން ނަޒަރު ހިންގާލި އެވެ. ދެ ތިންފިޔަވަޅު އެ ކޮޓަރި ތެރެއަށް އަޅާލި އެވެ. ތަފާތު ކަމެއް ފާހަގަވިތޯ ބަލާލި އެވެ. އަލަމާރި ހުރީ ލައްޕާފަ އެވެ. އެނދުގެ ތަންމައްޗަކީ ނޯޔާ ތެދުވުމަށްފަހު ރުލެއްހާ ހިސާބު ވެސް ނުފެންނަ އޮމާންކުރެވިފައިވާ ތަނެވެ. އެހެންވިޔަސް އެ ކޮޓަރިއަކީ އަސްލަން ވަދެ ހަދާ ތަނެއް ނޫންވީމާ ބަދަލެއް އައިސްފަ ހުއްޓަސް އޭނާއަށް ނޭނގޭނޭކަން ވިސްނުނެވެ. މަޑުމަޑުން ކޮޓަރިން ނުކުތް ގޮތަށް އޭނާ ދޮރު ލައްޕާ ތަޅުލީ އެވެ. އެތަނަށް އެއްވެސް މީހަކު ވަންނަން ނޭދޭތީ އެވެ. އޭނާގެ އަނބިމީހާ ނިދާ ތަނަށް އޭނާއާއި އޭނާގެ ކުދީން ފިޔަވާ އިތުރު އެއްވެސް މީހަކު ވަންނާކަށް އަސްލަން ނޭދެއެވެ.
"ތި ދެ މީހުން ވަކިންތަ ނިދަނީ، އެހިސާބަށް އަދި ނުދަނީތަ؟ އެހެންވީމަ ކަމެއްވެސް އަދި ނުވޭ ދޯ؟" ލޫނާގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ވެރިވެފައި ވިޔަސް އޭނާގެ މޫނުން އެކަމެއް ނުދައްކަ އެވެ.
"ދިރިއުޅުމަކީ އެމީހެއްގެ އަމިއްލަކަމެއް، ނޯޔާއާ ބެހޭ އެއްވެސް ވާހަކައެއް އަހަރެން ދައްކާކަށް ބޭނުމެއް ނޫން." މޭޒުގެ ކޮޅުގައި މަޑުކޮށްލި އަސްލަންގެ މޫނުން ގަޔާ ނުވެފައި ހުރިކަން ފާޅުވެ އެވެ. އެ ދެ ލޯ ހުރީ ލޫނާއާ އަމާޒުވެފަ އެވެ. އޭނާގެ ގަސްދު ދެނެގެންނަން އަސްލަން ހުރީ ބޭނުންވެފަ އެވެ. އަސްލަންގެ އެ ފޫހިކަން ރައްދު ވަނީ ލޫނާއަށްކަން އޭނާއަށް އެނގެއެވެ. ނަޒަރު ވަކިކޮށްލައި ލޫނާ ވާހަކަ ބަދަލުކޮށްލީ އެހެންވެއެވެ.
"ސައިބޯން ހިނގާ... އަހަރެން ސައި ހަދައިދާނީ، އަސްލަން އިށީނދޭ."
"މަޑުކުރޭ!... އަހަރެން އަމިއްލައަށް ހަދާފާނަން." ލޫނާ ތެދުވަން އުޅުމުން އަސްލަން ވާހަކަ ދެއްކީ ނިކަން އަވަހަށެވެ. ހަގީގަތުގައި އޭނާ ސައިބޯ ހިތް ވެސް ކެނޑިއްޖެ އެވެ. ބޭނުންވަނީ ލޫނާ ކައިރީ އެގެއިން ނުކުންނާށޭ ބުނާށެވެ. މީ ދުވަހަކުވެސް އަސްލަންއަށް ކުރެވުނު އިހްސާސެއް ނޫނެވެ. ލޫނާއަކީ ގާތް ރައްޓެއްސެއްކަން ވެސް އެނގެ އެވެ. ހާއްސަކޮށް މައިރާ ދުނިޔޭގައި ހުރިއިރު މިފަދަ ހިތްހަމަނުޖެހުމެއް ލޫނާގެ ފަރާތުން އަސްލަންއަށް ލިބިފައެއް ނުވެއެވެ.
ހޫނު ފެން ކައްކާ ޖަގުގެ ސުވިޗަށް އޮބާލުމާއެކު އަސްލަން ހަރަކާތެއް ނުކޮށް މަޑުކޮށްލި އެވެ. ފެންޖަގު ކެކެން ދެންނެވެ. ކާމޭޒު ދޮށުގައި އިން ލޫނާއަށް ފުރަގަސްދީގެން ހުރެއެވެ. އެހެން ހުރިއިރު ހިތުގައި އޮތް ކަމެއްގެ ވާހަކަ ލޫނާ ކައިރީ ދައްކާނޭ ގޮތަކާމެދު އަސްލަން ވިސްނިއެވެ. އޭނާއާއި ލޫނާއަށްވުރެ ހުސެންއާއި ލޫނާއާ ދެ މީހުން މާ ގާތްކަން އަސްލަންއަށް އެނގެއެވެ. އާދަޔާ ހިލާފަށް ގިނައިން އެގެއަށް ލޫނާ އަންނާތީ އެވާހަކަ ހުސެން ކައިރީ އަސްލަން ދެއްކީ ލޫނާއަށް މެސެޖެއް ދޭން ބޭނުން ވެގެންނެވެ. ހުސެން އެ ވާހަކަ ލޫނާ ގާތު ދައްކާނޭކަން ޔަގީންވާތީ އެވެ. އަނެއްކޮޅުން އެ ޔަގީންކަން ޚުދު ހުސެން އަމިއްލައަށް ދިނެވެ. ހިޔާލުތަކަށް ގެއްލި ހުރެ ކެކުނު ފެންޖަގު ނަގައި ދެ ޖޯޑަށް އަޅަން އަސްލަން އުޅުނެވެ. މޭޒުދޮށުން ލޫނާ ތެދުވެގެން ކައިރިއަށް އަންނަކަމެއް އަސްލަން ނުދެނަހުއްޓެވެ. ބުރަކަށީގައި އަތްތިލައެއް ޖެހުމުން އަސްލަން ދިޔައީ ސިއްސައިގެންނެވެ. ތަފާތު ކަމެއްވީ އެ ބީހުމަކީ ޔަގީނުން ވެސް ނޯޔާގެ ބީހުމެއް ނޫންކަން އެނގޭތީ އެވެ. ކަނާއަތް ކައިރިން ކަބަޑުސެޓު ކައިރިއަށް ލޫނާ ލެފިލީ އަސްލަންގެ ގައިގާ ޖެހިގެން ކަހަލަ ގޮތަކަށެވެ. އެވަނާތައް އަސްލަންގެ އަތުގައި ހޭކިލި ކަމުގެ އިހްސާސް ކުރެވުނެވެ. ވަގުތުން ދުރަށް ޖެހެން އަސްލަން ފިޔަވަޅު އަޅާލި އެވެ. އެވަގުތު ލޫނާ ތަދުވެގެން ހަޅޭލަވައިގަތެވެ. ދެ ޖޯޑުންކުރެ އެއް ޖޯޑު އޮތީ ވެއްޓިފަ އެވެ. ކުޑަކުޑަ ހިނދުކޮޅެއްގައި ހިނގި ކަމެކެވެ. އެކަމަކު އަސްލަންއަށް އެކަން ހިނގި ގޮތެއް ނަގައިގަންނާކަށް ނޭނގުނެވެ. އޭރު ވެސް އެއް އަތުގައި ހޫނު ފެންޖަގު އޮތެވެ. ޖޯޑު އަރިއަޅާލަން ޖެހުނު ސަބަބެއް އަސްލަންއަކަށް ނުވިސްނުނެވެ. އެހެންވިޔަސް ދެ ޖޯޑުގައި ވެސް ހުންނާނީ ދެންމެ ކެކުނު ފެނެވެ. އެ ފެން ލޫނާގެ އަތަށް ބަންޑުންވީއެވެ. ކޮންމެ ގޮތަކުން ބަންޑުން ވިޔަސް އެވީ އަނިޔާއެކެވެ. ހަލުވިކޮށް ޖަގު ބަހައްޓާފައި ލޫނާގެ އަތުގައި ހިފާލުމާއެކު ކައިރީގަ ހުރި ސިންކު ދޮށަށް ޖެހިލިއެވެ.
"އައުޗް..." އިސްކުރުން އޮހެމުންދިޔަ ފެނަށް ލޫނާގެ އަތްތިލަ ދިއްކޮށްލައިގެން އަސްލަން ހުރިއިރު ދޭތެރެއަކުން ލޫނާ ބުނެލައެވެ.
"މޭޒުކައިރީން ތެދުވީ ކީއްކުރަން، ކަމެއްކޮށް ދޭކަށް އަހަރެން ނުބުނަމެންނު... އެ ޖޯޑު... ކިހިނެއް ޖޯޑު ވެއްޓުނީ، އެވެސް ލޫނާގެ އަތަށް އެޅެންވީ ކީއްވެ." އަސްލަން ވާހަކަދެއްކިއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމަށްވުރެ ލޫނާ ބެލީ އަސްލަންއާ ގާތުގައި ހުރެވޭތޯ އެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވުމާއެކު އެތެރެއަށް ވަނީ ރިދާނެވެ. އޭނާގެ ފިޔަވަޅު ހުއްޓުނީ ސިންކުދޮށުގައި އަސްލަން ހުރި ގޮތުންނެވެ. ނޯޔާއޭ ހީވިޔަސް އިތުރު ހައިރާންކަމެއް ރިދާނަށް ލިބުނީ އަސްލަން އެއްފަރާތަށް ޖެހިލި ވަގުތު ފާޅުވީ ލޫނާގެ މޫނަށްވީމައެވެ.
"ރިދާން؟..." ލޫނާގެ އަތުން ދޫކޮށްލައި ދުރަށް ހިނގައިގަންނަމުން އަސްލަން ގޮވާލި އެވެ.
"ނޯޔާ ކޮބާ؟" ލޫނާއަށް ބަލަން ހުރެ ރިދާން އަހާލި އެވެ. ލޫނާގެ ހަރަކާތްތަކުން ރިދާންގެ ހިޔާލުތައް ގޯސްވި އެވެ. އަސްލަންއާ ދެމީހުންގެ ދެމެދުގައި ކަމެއް ހިނގަނިކޮށް ރިދާނަށް އާދެވުނީއޭ ހީވާފަދަ އިޝާރާތްތައް ލޫނާގެ ފަރާތުން ފެންނަނީ އެވެ. އަޅައިގެން ހުރި ބުރުގާ ރީތި ކުރުމާއި ތުންފަތް ފުހުމާއި އަނގަމަތީ އަތްތިލަ އަޅައި ސިއްރުން ރިދާނަށް ބެލުމުގެ އިތުރުން ލަދުން މީހާ ހުރި ފަދައެވެ. ފަޅާ މިއެރީ ދެމީހުން ސިއްރުކަމެއް ކުރަން ތިއްބާ ކަހަލައެވެ.
"އޭނަ މަންމަ ކައިރިޔަށް ދިޔައީ." އަސްލަންގެ އާންމު އުސޫލުގައި ބުނެލި އެވެ.
"ރިދާން... ކަމަކުތަ؟" އަނގައިން ނުބުނެ ލޫނާއަށް މާވަރަކަށް ރިދާން ބަލާކަން ފާހަގަވެ އަސްލަން އަހާލިއެވެ.
"ކީއްވެ އަސްލަންބެ ނުދިޔައީ... ނޯޔާއާއެކު ދާންވާނެއެއްނު." ރިދާންގެ ހިތުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް އޭނާއަށް މިފެނުނު މަންޒަރާ މެދު އެއްގޮތަކަށް ވެސް ގަޔާއެއް ނުވެވުނެވެ. ޒާތެއްގެ ރުޅިއެއް އާދެވުނީ އެވެ. ލޫނާއަކީ ކާކުކަން ރިދާނަށް އެނގެ އެވެ. އެހެންވިޔަސް އަސްލަންއާ ދެ މީހުން އެކަނި ބައްދަލުވުމަކީ ރިދާން ވެސް ޤަބޫލުކުރާ ގޮތުގައި ގޯހެކެވެ. އަނބިމީހާ ނެތްތަނުގައި ހިލޭ އަންހެނަކާއެކު ފިރިމީހާ ވަގުތު ހޭދަކޮށްގެން ނުވާނެއެވެ. ރައްޓެއްސެއް ކަމަކު އެކަމުން މަނާވެގަންނަން ޖެހޭނެއޭ ރިދާންގެ ޟަމީރު އެއްބަސްވެއެވެ.
ރިދާންކުރި ސުވާލަށް އަސްލަންއަށް ޖަވާބެއް ނުދެވުނެވެ. އޭގެ ބަދަލުގައި އަމިއްލަ ޟަމީރާ ސުވާލު ކޮށްލެވުނެވެ. ރިދާން ބުނި ފަދައިން އޭނާ ނުދިޔައީ ކީއްވެތޯ އެހުނެވެ. އެފަދައިން އެވަގުތު ނުވިސްނުނީ ކީއްވެބާއޭ އަސްލަން ހިތަށް އެރިއެވެ. އެނބުރި ރިދާން ނުކުމެގެން ދިޔައީ އެވެ. އޭނާގެ އެ ދިއުން އަސްލަންގެ ހިތް އަވަސް ކުރުވައިފިއެވެ. ރިދާނު ކަމަކާ ހިތްހަމަނުޖެހިއްޖެކަން ބުނަން އަސްލަންއަށް އެނގެނީ އެވެ. އެނބުރި ފަހަތުގައި ހުރި ލޫނާއަށް އަސްލަން ބަލާލިއެވެ. ދެން އޭނާ ކަބަޑުސެޓުގެ ދޮރުފަތެއް ހުޅުވާލައި ފުރަތަމައެހީއަށް ހުންނަ ބޭސް ފޮށި ނެގިއެވެ. ކާމޭޒުމަތީ އެ ގެނެސް ބެހެއްޓުމާއެކު ލޫނާއަށް އަންނާށޭ ގޮވާލިއެވެ. ލޫނާގެ އަތްތިލަ ހުރީ ހިސާބަކަށް ރަތްވެފައެވެ. އެ އަތްތިލައަށް އަސްލަން ބަލާލިއެވެ. ހަމަށް ގެއްލުމެއް ލިބިފައި ހުރިތަން ފެންނަން ނެތަސް ދިލަ ތިރިކުރުމަށް އެފަދަ ތަންތަނާ އުނގުޅާ ބޭސްފުޅި އަސްލަން ނެގިއެވެ. ލޫނާގެ އަތުގައި ބޭސްކޮޅެއް ޖަހާދީފައި އުނގުޅާށޭ އަސްލަން ބުނެލީ ފަރުވާކުޑަ ރާގެއްގައެވެ.
"ލޫނާ ސައިބޮއެގެން ގެއަށް ދާންވީނު." އަސްލަން ބުންޏެވެ.
"މީ އެވަރުކަމެއް ނޫން." ލޫނާ ބުނެލި އެވެ.
"އަހަރެން ނޯޔާ ކައިރިއަށް ދާން ވެގެން." ލޫނާ ދާން ބޭނުން ނުވަނީއޭ ހީވުމުން އަސްލަން ބުންޏެވެ.
"އަނބިމީހާދެކެ ހާދަ ލޯތްބެކޭ ތިވަނީ، ކުޑަ ވަގުތުކޮޅަކަށް ވެސް ދުރުގައި ކެތްނުވީތަ... އެކަމަކު ތިދެމީހުންގެ ދެމެދު ކަމެއްވެސް ނުހިނގައެއްނު." ލޫނާގެ އަޑުން ނޭނގުނަސް އޭނާ ބުނީ ޖެއްސުމަށެވެ.
"ތިބުނީ އަނބިމީހާއޭ... އެހެންވީމަވެސް ދުރަކު ނުހުރެވޭނެ... ހުރިހާ ކަމެއް އެންމެންނަށް އެނގޭކަށް ނުޖެހޭތާ."
"ހާދަ ބަދަލޭ އަސްލަން، ތިހާ އަވަހަށް މައިރާ މަތިން ހަނދާންނައްތާލަފާނޭ ހިޔެއް ނުކުރަން، އޭރުގެ ލޯބި ތިހިތުން ނެރިލައިފިކަން ޔަގީން، ޒުވާން އަނތްބާއެކު އަލަތު ލޯތްބެއް އުފަންވީތަ؟ މައިރާގެ ކުދީން ލައްވާ އިހަށް ދުވަހު އައި އަންހެނަކަށް މަންމަ ކިޔުއްވީމަ މަ ހަމަ އަޖައިބުވި... މައިރާ މަރުނުވެގެންތަ ހުރީ، ގޭދޮށު ކުއްޖެއްވީމަ މާކުރިން ވެސް ކަޅިއަޅަމުން ދޯ އައީ، މިހާ ދުވަހު އެކުގައި އުޅުނު އަނބިމީހާގެ މަތިން ހަނދާންނެތޭވަރުގެ، މައިރާއަށްވުރެ ކަމުދާ..." ބާރަށް ލައްޕާލި ފަސްޓްއެއިޑް ފޮށްޓާއެކު ލޫނާގެ ވާހަކަ އަސްލަން ހުއްޓުވާލިއެވެ.
"މައިރާގެ މަތިން ހަނދާންނެތިގެން އަހަރެން ނޫޅެން... ވާހަކަ ނުދައްކާ މިވަގުތު ދެން ދޭ" އަސްލަން ބުނީ ހަރުކަށި ގޮތަކަށެވެ. އޭނާ ހުއްޓިލައިގެން ހުރި ގޮތުން ހީވަނީ ލޫނާ ތެދުވެގެން ނުކުންނަންދެން މަޑުކޮށްގެން ހުރީ ހެންނެވެ.
"އަސްލަންއަށް ރުޅިއަންނަން ވެސް އެނގޭތަ؟ މީ އާކަމެއް... މައިރާއާއެކު އުޅުނުއިރު ދުވަހަކުވެސް ނުފެންނަ މަންޒަރެއް."
"ލޫނާ..." އަސްލަން ގޮވާލި ގޮތަށް އިޝާރާތް ކުރީ ދޮރަށެވެ. ދެން އޭނާ އައިސް އެޕާޓްމެންޓަށް ވަދެވެން ހުރި ދޮރު ހުޅުވާލައިފި އެވެ.
* * * * *
އެތެރެއަށް ވަދެ ދޮރު ލައްޕާލުމާއެކު ނޯޔާ އައިސް އިށީނީ އެނދުގަ އެވެ. އެ ކޮޓަރިއަކީ އޭނާގެ އުމުރުން ނުވަ އަހަރުން ފެށިގެން ނިދަމުން އައި ކޮޓަރިއެވެ. އަންނައުނާއި ރީތިވާ މޭޒުމަތި ހުސްކޮށް އޮތަސް އެ ކޮޓަރި އަދިވެސް އެ ހުރީ ނޯޔާ ޒީނަތްތެރި ކުރި ފަދައިންނެވެ. ތަންމަތީގައި އުއްޑުން އޭނާ އޮށޯވެލިއެވެ. ދެއަތްތިލަ ގެނެސް ބަނޑުމަތިން އިނގިލިތައް މަހާލައި ހިފަހައްޓާލި އެވެ. އެހެން އޮވެ ފުންނޭވާއެއް ހަށިފުރާ ނޯޔާ ބޭރު ކޮށްލައިފިއެވެ. ސިކުނޑިއާއި ހިތަށް ވެރިވެފައިވާ އުދާސްކަމުގެ އަސަރު ފުރަތަމަ ވެސް ހަމަލާދީ ފަނޑުކޮށްލީ އޭނާގެ ހަމަޖެހުމާ ގުޅިފައިވާ ހިނިތުންވުމެވެ.
"އަ..ސް..ލަ..ން!" ކޮންމެ އަކުރެއް ވަކިވަކިން ލަސް ގޮތަކަށް ނޯޔާ ކިޔާލީ ޖަޒުބާތާއެކު އެވެ.
"ޑެމްޑް އެންޑް އެނޯއިންގް... ލޯބިވާންވެއްޖެ ވިއްޔާ، ކެތްތެރިވާކަށް ހިތަކަށް ނޭނގުނު، އަސްލަން ލޯބިވެޔޭ ބުނީމަ ލޯބިވާން ކީއްވެތަ މަޑުނުކުރީ، ކޮންމެހެން ކުރީބައިގަ ލޯބިވާން ޖެހޭތަ؟... މި ހުރިހާ ތަދެއްގެ ޒިންމާ ނަންގަންޖެހޭނީ ކަލޭ... ހުރިހާކަމެއްކޮށްފަ ދެން ކޮން އިންސެކިޔޯއެއްވާކަށް." ނޯޔާ ހިތް އޮތް އޮންނަ ފަޅީގައި ނިކަން މަޑުމަޑުން ޖަހާލިއެވެ. އަމިއްލަ ހިތާ ޝަކުވާ ކުރިއެވެ. ދެން ކުއްލިއަކަށް ކައިރީގަ އޮތް ކުޑަ ބާލީސް ނަގައި މޫނުގައި އަޅައި އޮބައިގަތެވެ.
"އައި ލަވް ޔޫ... ޔޫ ސްޓުޕިޑް ފޫލް..." ބާލީސް އަޅައިގެން އޮވެ ދެފައި އެނދުގައި ތަޅައިގަތުމާއެކު ނޯޔާ ބުނެލި އެވެ.
"ނޯޔާ... ރަނގަޅުތަ ހުރިހާ ކަމެއް؟" ދޮރު ހުޅުވާލި ރޫމާއަށް އެނދުގައި އޮށޯވެލައިގެން އޮތް ނޯޔާ ފެނި ސުވާލުކޮށްލި އެވެ. މަންމަކަން އެނގި ނޯޔާގެ ހިޔާލުތައް އެއްފަރާތްކޮށްލި އެވެ. ކުރިންވީ އަސަރުތައް ވެސް ހިނދިގެން ހިނގައްޖެއެވެ. ތެދުވެ އެނދުގައި އިށީނުމުން ރޫމާ އައިސް ދަރިފުޅުގެ ކައިރީ އެނދުގައި އިށީނެވެ.
"ވަރުބަލިވީތަ؟" ފަރުވާތެރިކަމާއެކު ނޯޔާއަށް ބަލާލަމުން ރޫމާ އަހާލިއެވެ. ދެފަރާތަށް ނޯޔާ ބޯހޫރުވާލީއެވެ.
"އަސްލަންގެ ރައްޓެއްސަކު އައީމަ ވެސް ދަރިފުޅު މިގެއަށް އައީތަ؟"
"ކާކު ބުނީ." މަންމައަށް އެނގުނު ގޮތަކާމެދު ނޯޔާ ސުވާލު އުފެދުނެވެ.
"އަސްލަން ނައިސްގެން އެވާހަކަ ބައްޕަ ދެއްކީމަ އެ ކުޑަ އަނގަގަނޑު ކިޔައިފި ކޮންމެވެސް ދައްތައެއް އައީއޭ.... ކާކުތަ އެއީ؟" ރޫމާ ވެސް އިނީ އަސްލަންއާއެކު އަންހެނެއްގެ ޚަބަރު އިވި އެކަން އޮޅުންފިލުވަން ޝައުގުވެރިވެފައެވެ.
"އަސްލަންގެ މަރުވި އަނބިމީހާއާ ގާތް މީހެއް، އެއް އޮފީހެއްގަ އުޅެނީ ވެސް... އޭނާ އެހެން އަންނާނެ ދޭތެރެއަކުން." ނޯޔާ ބުންޏެވެ. މަންމަ ހިމޭންވެލުމަށްފަހު ނޯޔާގެ ކޮނޑުގައި ފިރުމާލިއެވެ. ހައިރާންވެފައި މަންމައަށް ނޯޔާ ބަލާލިއެވެ.
"ދަރިފުޅަށް ކަމަކު ނުދޭ ދޯ." ރޫމާ ހިނިތުންވެލި އެވެ. ނޯޔާ ޖަވާބެއް ދޭން ބޭނުންވި އެވެ. އެކަމަކު ތެދު ހާމަކުރާކަށް ނުކެރުނެވެ. ތުންބައްދާލުމާއެކު ނޯޔާ އިސްޖަހާލީއެވެ. ނޯޔާގެ ހިތުގައިވާ އެއްޗެއް ސީދާ ކުރުމުގައި އަބަދުވެސް ރޫމާ ކުޅަދާނައެވެ.
"ދެން ކީއްވެ ތިއައީ؟... ކުދީން ލާފަ ނޯޔާ ނުދިޔައީ ކީއްވެ؟" ދަރިފުޅަށް ވެފައި އިންގޮތެއް ރޫމާއަށް ވިސްނިއްޖެއެވެ. އޭނާއަށް ހީނލެވުނީ ކައިވެނީގެ ކުރީކޮޅު އޭނާ ވެސް އުޅުނު ގޮތް ހަނދާންވެގެންނެވެ. ފިރިމީހާ އެހެން އަންހެނަކަށް ސަމާލުކަން ދީފާނެކަމުގެ ބިރަކީ ކޮންމެ އަނތްބެއްގެ ހިތުގައި ވެސް ކޮންމެ ވެސް ހިސާބަކުން އުފެދެނޭ ބިރެކެވެ. އެ ބިރު ނެތިގެން ދަނީ ފިރިމީހާގެ އަޅާލުމާއި ލޯބިންނެވެ. ދެމެދުގައި އޮންނަ އިތުބާރެވެ. ގިނަގިނައިން ލޯބިވާކަން ހާމަކުރުމެވެ.
"މަންމަމެންނަށް ކިހާ އުނދަގޫވާނެ." ނޯޔާ މަޑުމަޑުން ބުނެލިއެވެ.
"ނުވާނެ އެއްވެސް އުނދަގުލެއް، ދަރިފުޅަށް ކަމެއް ޖެހުނީމަ ހުރިހާ ކުދީން މިއުނގަށް ލައިގެން ގެންގުޅޭނީ ދަރިފުޅުމެން ކުޑައިރު ގެންގުޅުނު ފަދައިން، އެއްވެސް މަންމައަކަށް ދަރިއެއްގެ ކަމެއް އުނދަގުލަކަށްނުވާނެ... ދެން ތިހެން ނީނދެ، ނަމާދަށް ގޮވަން ކައިރިވީމަ މަންމަ ދާނަން އެކުދީން ގޮވައިގެން، މިހާރު އެތިބީ ބައްޕަގެ ކުޅިވަރުގަ ޖެހިފަ... ދެން އަވަހަށް ތެދުވޭ... ދޭ އަސްލަންގެ ގާތަށް." ރޫމާ ތެދުވެ ނޯޔާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލައި އޭނާ ނަގަން އަތަށް ދަމާލިއެވެ.
"މަންމައަށް އޯކޭތަ؟" ކޮޓަރިން ނުކުންނަން އުޅެފައި ވެސް ނޯޔާ ހުއްޓިފައި އަހާލިއެވެ.
"އާނއެކޭ ދަރިފުޅާ!... ސައްޕެއް ޖަހާ ބޭރު ނުކުރަނީސް ފިރިމީހާ ކައިރިއަށް ދުވޭ." ރޫމާ މިހެން ބުނެލުމާއެކު ނޯޔާ ކުއްލިއަކަށް ހޭންފެށި އެވެ. ދުވަހަކު ވެސް ގައިގާ ޖަހާފައި ނުވާ މަންމަ ޖަހާފާނަމޭ ބުނުމުން ނޯޔާއަށް މަޖާވީ އެވެ. ހަމައެއާއެކު މަންމަ ހާދަ ލޯބިވެޔޭ ނޯޔާގެ ހިތަށް އެރިއެވެ. އަދި އޭނާއަށް އަސްލަން ހޯދައިދިން ބަޔަކީ ވެސް މައިންބަފައިންކަން ހަނދާންވުމުން ވަކިން ހިނިތުންވުން ފުންވެއްޖެ އެވެ. އުދާސްކަމުގައި ލިބުނު މޯޅިކަން ފިލާ ހިތާއި ނަފްސަށް އާރޯކަން ވެރިވި ފަދައެވެ.
* * * * *
ދުރުދުރުގައި އަޅާލި ފިޔަވަޅު ތަކާއެކު ނޯޔާ އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ. ހީކުރީ ސިޓިންރޫމުގައި ވަރަށް ވެފައި ލޫނާ އިންނާނޭ ކަމަށެވެ. އޭނާއަށް ނޯޔާ ފެނުމުން ވާނޭ ގޮތް މަންމަމެން ގެއިން ނުކުމެގެން އެޕާޓްމެންޓާ ހަމައަށް އާދެވެންދެން ވެސް ނޯޔާގެ ހިޔާލުގައި ވިއެވެ. ނަމަވެސް ގޭތެރެ އޮތީ ފަޅަށެވެ. ލޫނާއެއް އަސްލަންއެއް ފެންނާކަށް ނެތެވެ. ބެލްކަނީގެ ދޮރު ހުރީ ހުޅުވާފައެވެ.
"އެ ދެ މީހުން ކޮބާ؟" ނޯޔާ މާބޮޑަށް ހާސްވެއްޖެއެވެ.
އަސްލަންގެ ކޮޓަރިއާ ދިމާއަށް އައިއިރު މޭގައި ނެގިނެގި ފައި ހިތް ތެޅެމުންދިޔަ އެވެ. ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފަ އެވެ. ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. ތެޅިގަނެވުނު ފަދައަކުން ދޮރުގައި ނޯޔާއަށް ޖަހާލެވުނެވެ. ދެފަހަރު ޖެހުމަށްފަހު ތިންވަނަ ފަހަރު ދޮރުގައި ތަޅައިގަނެވުނީ އެވެ. ދޮރުހުޅުވުނީ ދެނެވެ. ހެދިހުރި އިސްކޮޅަށް ތެދުހަށިގަނޑުގެ އުނަގަނޑުން މަތި ހާމަކޮށްލައިގެން ހުރީ އަސްލަންއެވެ.
"ކިހިނެއްވީ؟" ކަންބޮޑުވުމާއެކު ނޯޔާއަށް އަހާލެވުނީ އަސްލަންގެ ރަތްކަމާއި ތެތްކަން އެކުލެވިފައިވި ދެ ލޯ ފެނިގެންނެވެ. އެއީ ރޮއެފައި ހުރި ކަމުގެ އަލާމާތެއްކަން ނޯޔާއަށް ދެނެގަންނަން އެނގުނެވެ. އަސްލަން މޫނު އަނބުރާލީ އެވެ.
"ކުދީން ކޮބާ؟" އަސްލަން އަހާލި އެވެ. އެ އަޑު ކުރެހިފައިވާވަރު ނޯޔާގެ ހިތަށް ދަތި ކުރުވިއެވެ.
"އަހަރެން އެކަނި." ނޯޔާ ބުންޏެވެ. އަސްލަން އައިސް އެނދުގައި އިށީނެވެ. އެތެރެއަށް ވަދެގެން އައިސް އަސްލަންގެ ކުރިމަތީ ނޯޔާ ހުއްޓިލިއެވެ.
"ވީގޮތެއް ނުބުނާނަންތަ؟... އަހަންނަށް ކަމެއް ކުރެވުނީތަ؟" ނޯޔާ އަހާލި އެވެ. އަސްލަން ދެފަރާތަށް މަޑުމަޑުން ބޯ ހޫރާލި އެވެ. އޭނާގެ މޫނުގައި ނޯޔާގެ އަތްތިލަ ޖެހެންވީއިރަށް އުނަގަނޑުގައި ހިފައި ގާތަށް ދަމާލުމާއެކު އަސްލަން ބައްދާލި އެވެ. ނޯޔާގެ ބަނޑުގައި މޫނުފޮރުވާލި އެވެ.
"ލޫނާ ކޮބާ؟" ނޯޔާ ނާހަން ހުރެފައި ވެސް އަހާލި އެވެ. އަސްލަންއާއި ލޫނާއާ ދެމެދު ކަމެއް ހިނގީ ވަގުތުން ނޯޔާގެ ހިތް ބުންޏެވެ. އެކަމަކު ހިޔާލު ކޮށްލަން ދަތިވީ އެ ދެމެދުގައި ހިނގި ކަންތަކެވެ.
"ހިނގައްޖެ." އަސްލަން ވާހަކަ ދެއްކީ ވެސް މޫނު ފޮރުވާލައިގެން އިނދެ އެވެ.
އަސްލަންގެ ދެކޮނޑުގައި ހިފާ ދުރަށް ޖައްސާލަން ނޯޔާ އުޅުމުން އޭނާ ދުރުވެލި އެވެ. އެއާއެކު އަސްލަންގެ ކުރިމަތީ ނޯޔާ ދެ ކަކޫ ޖެހީ އެވެ. އެ މޫނުގައި ދެއަތުން ހިފަހައްޓާލި އެވެ.
"އަސްލަން..." ނޯޔާ ނިކަން މަޑުމަޑުން ގޮވާލި އެވެ. ވީކީއްތޯ އަހާލާފަދަ އަސަރެއް އެކުލެވިފައި ވިއެވެ. އަސްލަންގެ ދެ ލޮލުން ފާޅުވޭވޭ ހުރި އަސަރުގައި އެ ހިތަށް ތަދުވަނީކަން ނޯޔާ ދެނެގަތެވެ. ދެވަނަ ފަހަރަށް ވެސް އަސްލަންގެ ނަމުން ގޮވާލެވުނީ އެހެންވެއެވެ. ކީއްތޯ ކޮށްދޭންވީ އަހާލާ ފަދައިންނެވެ. އޭނާގެ ކޯތާފަތުގައި އަސްލަންގެ ކަނާއަތުން ފިރުމާލީ ދެނެވެ. ގާތްވެލީ ނޭވާ އިހްސާސްވާހާ ކައިރިއަށެވެ. ނޯޔާ އިސްނެގީ އެހެން ވެއެވެ. ނަމަވެސް ތުންފަތުގެ ބީހިލުން ފުރިހަމަނުވަނީސް އަސްލަން ފަހަތަށް ޖެހިލި ގޮތުން ނޯޔާ ހުއްޓުން އެރިއެވެ. އަސްލަންގެ އިޝާރާތް ނޯޔާއަށް އޮޅުނީއޭ ހީކުރެވުނެވެ. (ނުނިމޭ)