އަލީ ވަހީދު

އަލީ ވަހީދު ފުރުވާލީ ސީދާ ރައީސް ސޯލިހް: ސައީދު

ޖިންސީ ގޯނާގެ ތުހަމަތުތަ ކުރެވި ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްްވައިިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިނ ނެރުނު ފުރުން މަނާ ކުރުމުގެ އަމުރު ފަހުން އެ ކޯޓުން ބާތިލްކުރި ގޮތާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަހުސްގައި ސައީދު ވިދާޅުވީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަގާ ދިނީ ސީދާ ރައީސް ސޯލިހްގެ އެންގެވުމަށް ކަމަށެވެ.

"އަލީ ވަހީދުގެ ހުރިހާ ކަމެއް ބަލަހައްޓައި ދިނީ ފަސްޓްކްލާހުގައި ރައީސް ސޯލިހް. ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ އަލީ ވަހީދު ވަޑައިގަންނަވަނީ ޓާކިޝް އެއާލައިންގައި ކަން. ކޮން ކްލާހެއްގައި ކަން. ކޮން ގައުމަކަށްތޯ ދަނީ އެނގިވަޑައިގަންނަވާ. މިއީ ސީދާ ރައީސް ސޯލިހް އަޑީގައި ހުންނަވައިގެން ކުރެއްވިކަމެއް." ތަކުރާރުކޮށް ރައީސް ސޯލިހަށް ތުހުމަތުކުރައްވަމުން ސައީދު ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލައާ ގުޅޭގޮތުން ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މީގެ ކުރިން ވިދާޅުވީ އަލީ ފުރައިގެން ދިޔައިރު އެކަން ރައީސް ސޯލިހަށް އެނގިވަޑައިވެސް ނުގަންނަވާ ކަމަށާއި އަދި އެކަން އެނގިވަޑައިގަތީ ނޫސްތަކުގެ ހަބަރުތަކުން ކަަމަށެވެ.

އަލީ ވަހީދު ފުރަން ހުއްދަ ދިނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތް މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. އެގޮތަށް ޖާމިނުކޮށް މީހަކު ފުރުވާ ނުލެވޭނެކަން ފާހަގަކުރައްވައި ސައީދު ވަނީ އަލީ ވަހީދު މިހާރު ހުރި ތަނަކުން އޭނާ ރާއްޖެ ގެންނަން ގޮވާލައްވާފަ އެވެ.

އަލީ ވަހީދުގެ ވާހަކަތަކުގެ ތެރެއިން ސައީދު ވިދާޅުވީ ގާނޫނު އަސާސީއަށް "ލަދު" ކިޔާ މާއްދާއެއް އިތުރުކުރުމަށް އެމްޑީޕީގެ މެމްބަރަކު މީގެކުރިމން އެދިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން އެކަން ރައްދުވަނީ އެމްޑީޕީއަށް ކަމުގައިވެސް ވިދާޅުވި އެވެ.

"ލަދު ކިޔާ މާއްދާ މި ރައްދުވަނީ އެމްޑީޕީއަށް. އެހެން މިދަންނަވަނީ މި މައްސަލައިގައި ކުއްލިއަކަށް އުންސުރު ހަމަވެއްޖެ. ތިކިޖެހި ތާނަވެސް މީގަ ބަރާބަރު. އެކަމަކު ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި އުންސުރެއް ހަމައެއް ނުވޭ. ހަަމަ ކުއްލިއަކަށް އުންސުރު ދިޔައީ. ދެން ސަރުކާރުން މީގެ ތެރެއަށް ވަދެ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވީމަ ކުއްލިއަކަށް އުންސުރު ހަމަވެއްޖެ. ޕްރޮސިއުޓްކުރަން މިހާރު ރެޑީ" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.