މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް

ޖެންޑާ މިނިސްޓްރީ އަށް މިދިޔަ މަހުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަަލަތައް ކަމަށް އެމިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ޖުމްލަ 186 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. މީގެތެރެއިން 92 މައްސަލަ އަކީ ކުޑަކުދިންނަށް ކޮށްފައިވާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭ މައްސަލަތަކެވެ. މީގެތެރެއިންވެސް އެންމެ ގިނައީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. މި ބާވަތުގެ 25 މައްސަލަ ފެބުރުއަރީ މަހު ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން އަހުލާގީ މައްސަލައިގެ ގޮތުގައި ދެ މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ. އެއީ ގެއިން ނުކުމެގެން ދިޔަ މައްސަލައަކާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަ އެކެވެ.

ހައްގުތަކުން މަހުރޫމް ކުރުމުގެ ފަސް މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ. އެ ފަސް މައްސަލަ އަކީ ވެސް ތައުލީމަށް ހުރަސް އެޅުމުގެ މައްސަލަ އެވެ.

މިދިޔަ ފެބުރުއަރީ މަހު ކުށުގެ ވެށީގެ ކުޑަކުދިންގެ ހަ މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. މީގެތެރެއިން ހަތަރު މައްސަލަ އަކީ މާރާމާރީ ހިންގުމުގެ މައްސަލަ އެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 21 މައްސަލައެއް ވެސް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 38 މައްސަލައެއްވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާނުލުމުގެ 12 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ދެ ކުއްޖަކު ނަގާފަ އެވެ. އެހެންކަމުން ފެބުރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު ވަނީ 224 އަށް އަރާފަ އެވެ.