މި ސަރުކާރު ވެރިކަމަށް އައިއިރު ލާމަރުކަޒީ ނިޒާމު އޮތީ ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް އިހްތިޔާރުތަކެއް ނެތި މުޅިން ގަޑުބަޑުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައިވެސް މިގޮތަށް މިފަދަ ބަދަލެއް ގެނެވިފައިވާ ފުރަތަމަ ފަހަރުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ލިބިގެންދިޔަ ބާރާއި ފަހިވެފައިވާ ފުރުސަތުތައް ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ސަރުކާރުން ފޯރުކޮށް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެން ޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ލާމަރުކަޒީ ނިޒާމު އޮތީ ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް އިހްތިޔާރުތަކެއް ނެތި މުޅިން ގަޑުބަޑުކޮށްފައި ކަމަށެވެ.
"އެންމެފަހުގެ ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ކެމްޕެއިން ކުރަމުން ދިޔައިރު ގާނޫނުއަސާސީން ކަނޑައަޅައިދީފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ އޭރުގެ ސަރުކާރުން މުޅިން ގަޑުބަޑުކޮށްފައި. ގާނޫނު ބަދަލުކޮށް ކައުންސިލްތަކުގެ ބާރުތައް އޮތީ ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި ކައުންސިލަރުންނަށް އެއްވެސް އިހްތިޔާރެއް ބާރެއް ނެތްގޮތަށް ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައި،" ރައީސް ވިދާޅުވިއެވެ.
އެންމެފަހުގެ ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ކެމްޕެއިން ކުރަމުން ދިޔައިރު ގާނޫނުއަސާސީން ކަނޑައަޅައިދީފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ އޭރުގެ ސަރުކާރުން މުޅިން ގަޑުބަޑުކޮށްފައި. ގާނޫނު ބަދަލުކޮށް ކައުންސިލްތަކުގެ ބާރުތައް އޮތީ ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި ކައުންސިލަރުންނަށް އެއްވެސް އިހްތިޔާރެއް ބާރެއް ނެތްގޮތަށް ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައިއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ބަދަލުތަކާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި އަންހެނުންގެ ހައްގުތައް ކަށަވަރު ކުރެވުމާއެކު ގައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.