އަހުމަދު އުދައްޔު

އުދައްޔުގެ މަރު: ތިން މީހަކާއި ކުޑަ ކުއްޖަކަށް ދައުވާކޮށްފި

ގއ. މާމެންދޫގައި ވަރުގަދަ ގްރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ތިން މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ދައުވާކޮށްފި އެވެ.

އުދައްޔު މަރާލި މައްސަލާގައި މި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުން މަތީގެ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދާއި އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން މި މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު ކަމަށް މާމެންދޫ ބައެއް މީހުން ބުނެ އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އިންޑިއާއަށް ވެސް ގެންދިޔަ އެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު އަލުން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

މަސްތުވާތަކެތީގެ މައްސަލަ މާމެންދޫގައި ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ދައުލަތުގެ އިދާރާތަކުން ކުރަމުން ނުދާތީ އެރަށުގެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.