ގއ. މާމެންދޫގައި ވަރުގަދަ ގްރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރައިލި މައްސަލައިގައި ތިން މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެމައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިމަހުގެ އަށް ވަނަ ދުވަހު ޕީޖީގެ އޮފީހަށް ފޮނުވައިފައި ވާނެ ކަމަށެވެ.
އުދައްޔު މަރައިލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ.
އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށްފަހު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަލުން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ކުރިން ވިދާޅުވި ގޮތުގައި އުދައްޔު އެހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބުރަކައްޓަށް ވަޅިން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް އަދި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ.